ހުޅުމާލޭގައި މީހުން އާބާދުވިތާ 21 އަހަރު ފުރުން ފާހަގަކުރުމަށް ކުރިއަށްގެންދާ ހަރަކާތްތަކުގެ ތެރެއިން، ކިއުއާރު ކޯޑު ހޯދައިގެން އިނާމު ލިބޭ "ފެންކޮއެ ހަންޓު" ފަށައިފިއެވެ.
އެޗްޑީސީއާއި އައިލެންޑް ބެވަރޭޖެސް ގުޅިގެން ކުރިއަށްގެންދާ "ފެންކޮއެ" ހަންޓަކީ، ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި ފޮރުވާފައިވާ ކިއުއާރު ކޯޑުތަކެއް ހޯދައިގެން ފައިސާގެ އިނާމު ހޯދުމުގެ ފުރުސަތު ލިބޭގޮތަށް ކުރިއަށްގެންދާ ޑިޖިޓަލް ހަންޓެއް ކަމަށް ހައުސިން ޑިވޮލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން ބުނެއެވެ.
ފެންކޮއެ ހަންޓު ކުރިއަށްދާ ގޮތް:
- ހުޅުމާލޭގެ އެކިއެކި ޕަބްލިކް ސަރަހައްދުތަކުގައި 35 ކިއުއާރު ކޯޑު ފޮރުވާފައި ހުންނާނެ.
- މި ހަންޓުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން ރަޖިސްޓާ ކުރުމަށްފަހު، ފޮރުވިފައިވާ ކިއުއާރު ކޯޑުތައް ހޯދުމަށްފަހު ކަލެކްޓަބަލްސް ހޯދުމަށް ސްކޭން ކުރަންވާނެ.
- ހަންޓުގައި ބައިވެރިވުމަށް ފޯނު ނަންބަރު ބޭނުންކޮށްގެން ރަޖިސްޓާ ކުރާނެ ލިންކު
- ކޮންމެ ކަލެކްޓަބަލް އަކީ 20 ޕޮއިންޓް، ނުވަތަ 50 ޕޮއިންޓު ނުވަތަ 100 ޕޮއިންޓު.
- ކިއުއާރު ކޯޑު ސްކޭން ކޮށްގެން ޕޮއިންޓު ކަލެކްޓު ކުރަމުންދާ ވަރަކަށް، އެންމެ ކުރީގައި އުޅޭ ކުޅުންތެރިންގެ ލައިވް ލީޑާ ބޯޑް ފެންނާނެ.
- ކިއުއާރު ކޯޑުތައް ފޮރުވިފައި ހުރި ސަރަހައްދުތަކުގެ ހިންޓު ލިބޭނެ.
އެޗްޑީސީން ބުނީ އެ ހަންޓުގައި ބައިވެރިވެގެން އެންމެ ގިނަ ޕޮއިންޓު ހޯދާ ފަރާތްތަކަށް ފައިސާގެ އިނާމު ކަނޑައެޅިފައި ވާކަމަށެވެ. އެގޮތުން، އެއްވަނައަށްދާ ފަރާތަކަށް 7،000 ރުފިޔާ ދެވަނައަށްދާ ފަރާތަކަށް 4،000 ރުފިޔާގެ ފައިސާގެ އިނާމު އަދި ތިންވަނައަށްދާ ފަރާތަކަށް 2،000 ރުފިޔާގެ ފައިސާގެ އިނާމު ދިނުމަށް ހަމަޖެހިފައި ވާކަމަށް އެޗްޑީސީން ވަނީ ބުނެފައެވެ.
ހުޅުމާލޭގެ އަހަރީ ދުވަހާ ގުޅިގެން މި މަހުގެ 10 ވަނަ ދުވަހު ފެށި މި ހަރަކާތްތައް ކުރިއަށްދާނީ އަންނަ ހޮނިހިރު ދުވަހުގެ ނިޔަލަށްކަމަށާއި މި ހަރަކާތުން ވަނަ ލިބޭ ފަރާތްތައް އިއުލާން ކުރުން އޮންނާނީ އަހަރީ ދުވަހުގެ ހަރަކާތްތައް ނިންމާލުމަށް، ހޮނިހިރު ދުވަހު ބާއްވާ "ބީޗް ފެސްޓް"ގައި ކަމަށް އެޗްޑީސީއިން ބުނެއެވެ.
ހުޅުމާލޭގެ 21 ވަނަ އަހަރީ ދުވަހާ ގުޅިގެން ފެސްޓިވަލެއް ގޮތަށް އެޗްޑީސީން ކުރިއަށްގެންދާ ހަރަކާތްތައް ފެށީ ކުލަގަދަ ފެމިލީ ކާނިވަލްއަކުންނެވެ.
އެ ފެސްޓިވަލްގައި ހިމެނޭ ހަރަކާތްތަކުގެ ތެރޭގައި ސްޓޯރީ ފޮޓޯ ވޯކް، ހުޅުމާލެ މަސްރޭސް، ސައިކްލިން ޗެމްޕިއަންޝިޕް، ހެލްތު ކޭމްޕްގެ އިތުރުން ބީޗް ފެސްޓެއް ހިމެނެއެވެ.