ކުއްލިއަކަށް ސެކްޝަންގެ ދޮރު ހުޅުވާލާފައި އެތެރެއަށްވަނީ ޝާރިފްއެވެ. އޭނާ އައިސް ރަނީމްގެ ކިއުބިކަލް ކައިރީގައި މަޑުކޮށްލަމުން ބިއްލޫރި ގަނޑުގައި އަތް އަޅުވައިލި އެވެ.
"ޔޫ އޯކޭ ނައު؟" ޝާރިފް ސުވާލުކޮށްލިއެވެ.
"ޔާ. އައެމް ފައިން." ރަނީމް ހިނިތުންވެލަމުން ޖަވާބު ދިނެވެ. އޭނާއަށް ސެކްޝަންގެ ދޮރާ ދިމާލަށް ބަލައިލެވުނެވެ. ޝާރިފްއާއެކު އެކަނި ހުންނާކަށް ރަނީމް ބޭނުމެއް ނޫނެވެ. އޭނާއަށް އެކަމުން އުނދަގޫވާތީއެވެ. ރަނީމް މާ ވަރަކަށް ދޮރާ ދިމާލަށް އެ ބަލަނީ ކީއްވެގެންކަން ޝާރިފްއަށް އެނގުމާއެކު މައުނަވީ ހިނިތުންވުމެއްގެ އަސަރު އޭނާގެ ތުންފަތް މަތީގައި ދުވެލިއެވެ.
މާގިނަ އިރެއްނުވެ ދޮރު ހުޅުވާލާފައި ހައިފާ ވަދެއްޖެއެވެ. ޝާރިފް އެތަނުން ނުކުތީ ދެނެވެ. އޭނާ ދިޔަތަން ބަލަން ހުރެފައި ހައިފާ ވާހަކަ ދެއްކިއެވެ.
"މަށަށް މި ހީވަނީ ހަމަ ރަނގަޅަށް. އޭނަ ހަމަ ރަނގަޅަށްވެސް ރަނީމްއަށް ފޯލް ވެއްޖެ. އޭނާއަށް ޗާންސެއް ދީބަ. ކޮބާ މައްސަލައަކީ؟" ހައިފާ ބުނެލިއެވެ. ރަނީމް އެއްޗެއް ނުބުނެއެވެ. އޭނާ އިން ގޮތަށް އިނީއެވެ. ވާނީވެސް އެހެން ނޫން ހެއްޔެވެ؟ އޭނާގެ ހިތަކީ އޭނާ ނާވީއަށް ހަދިޔާކުރި އެއްޗެކެވެ. އަލުން އަނބުރާ އެ ހިތް އޭނާގެ ބާރުގެ ދަށަށް ގެންނަން ކިތަންމެ ހާވެސް ރަނީމް ބޭނުމެވެ. އެހެންނަމަވެސް، އެއީ ކުރަން އެހާ ފަސޭހަކަމެއް ވެސް ނޫނެވެ. އެހެން ލޯތްބަކަށް އެހިތުން ޖާގަ ދޭނީ ކިހިނަކުން ހެއްޔެވެ؟
"ރަނީމް. ކިހިނެއްވެފަ؟" ރަނީމް މާ ނެގިމަޑުވެފައި އިންނަން ފެށުމުން، ހައިފާ ގޮވައިލިއެވެ. އޭނާ ރަނީމްގެ އަތުގައި ވެސް ކުޑަކޮށް ކޮއްޓައިލިއެވެ.
"ނު… ނުވޭކަމެއް…" ރަނީމް ސިހުނެވެ. އެހެންނަމަވެސް ދެވަނަ ސިކުންތުގައި އަމިއްލަ މީހާ ހަމައަކަށް އަޅުވައިލަމުން އޭނާ ވާހަކަ ދެއްކިއެވެ.
ހައިފާ ދެންވެސް ދެއްކީ ޝާރިފްގެ ވާހަކައެވެ. އެ ވާހަކަތަކަށް އާދައިގެ މަތީން ރަނީމް މާ ބޮޑު ސަމާލުުކަމެއް ނުދިނެވެ. އޭނާގެ ސިކުނޑީގައި ދައުރުވަމުން ދިޔައީ ނާވީގެ ޚިޔާލުތަކެވެ.
އޮފީސް ނިންމާލާފައި ރަނީމް ގެއާ ދިމާލަށް މިސްރާބުޖެހިއެވެ. އޭރު ގަޑިން ހަތަރު ގަޑި ބައިވަނީއެވެ. މިއަދު އޮފީހުގައި، ފަހުން ކަމެއް ދިމާވެގެން ނިމުނުއިރު ތަންކޮޅެއް ލަސްވީއެވެ. ދޮރޯށި ދޮށަށް ހުއްޓިފައި ރަނީމްއަށް އަނެއްކާވެސް ރުއްފަލަށް ބަލައިލެވުނެވެ. އޭނާގެ ހިތް އެދި ގޮވަނީ އެތަނަށް ދިޔުމަށެވެ. އެހެންނަމަވެސް ރަނީމް އޭނާގެ ޖަޒުބާތުތައް ކިޔަމަން ކުރުވަމުން ގޭތެރެއަށް ވަނެވެ. ހިތާ ސިކުނޑީގެ ހައިޖާނުގަނޑުގެ ތެރޭގައި ރަނީމް ވަނީ ތާށިވެފައެވެ.
*****
އޭގެފަހުން ހަތްފާއެއް ފާއިތުވެގެން ހިނގައްޖެއެވެ. ރަނީމްގެ ހިތުން ނާވީގެ ހަނދާންތައް ފިލައިގެނެއް ނުދެއެވެ. އޭނާއަށް އެ ހަނދާންތަކާ ދުރުވެވޭގޮތެއް ވެސް ނުވެއެވެ. ނާވީ ދިޔަފަހުން އޭނާއަކަށް ވަކި އުނދަގުލެއް ނުވެއެވެ. ނާވީގެ ހިލަމެއްވެސް ނުވެއެވެ. އެ ރުއްފަލާ ދިމާލަށް ބަލައިލެވޭ ކޮންމެ ފަހަރަކު އެތަނުގެ ހަނދާންތައް އޭނާގެ ސިކުނޑީގައި ދައުރުވާން ފަށައެވެ. ނާވީގެ ވާހަކަތައް ކަންފަތުގައި ގުގުމައިލައެވެ. ނާވީއަކީ މަކަރުވެރި ދޮގުވެރިއެއް ނޫންކަމުގައި ރަނީމްގެ ސިކުނޑި ދިޔައީ ކެނޑިނޭޅި އޭނާއަށް އަންގައިދޭން މަސައްކަތްކުރަމުންނެވެ. ނާވީއާ މެދު އޭނާއަށް ހީކުރެވުނީ ގޯސްކޮށްކަމުގައި ރަނީމްގެ ހިތަށް އަރަމުން ދިޔައެވެ. ހިތް އެދި ގޮވަން ފެށީ ނާވީ ދެކެލުމަށެވެ. ވާހަކަ ދައްކާލުމަށެވެ. ނާވީއެކޭ އެއްގޮތަށް އޭނާގެ ހިތުގައިވެސް ވަނީ ލޯބިކަމުގައި ރަނީމްއަށް ޔަޤީންކުރެވުނު ނަމަވެސް ޖެހިލުންވަނީ އެއީ އިންސާނަކަށް ނުވާތީއެވެ. އެހެންނަމަވެސް އެ ހިތުގެ އެދުމަށް ފުރަގަސްދީގެން ހުރުން އޭނާއަށް އުނދަގޫވާ ދަރަޖައަށް ގޮސްފިއެވެ. ރޭގަނޑުގެ ނިދިން އޭނާ މަޙުރޫމްކޮށްފިއެވެ. އެ ހަނދާންތަކުން ހިތަށް ވޭނާ ތަކުލީފުތައް ދޭން ފަށައިފިއެވެ. ނާވީގެ ގާތުގައި ހުންނަން ހިތް އެދެން ފަށައިފިއެވެ.
އެންމެފަހުން ރަނީމް އޭނާގެ ހިތުގެ އަޑު އަހާ އެ ރުއްފަލަށް ދިޔައީއެވެ. ހިތާ ދެކޮޅަށް މަސައްކަތްކޮށްކޮށްވެސް އޭނާއަށް ކާމިޔާބު ނުލިބުނީއެވެ.
އެއީ ރޭގަނޑެކެވެ. ރަނީމް ފޭބީ ގޮނޑު ދޮށަށެވެ. އޭނާ ނާވީއަށް ގޮވިއެވެ. ވަށައިގެން ހޯދިއެވެ. އުންމީދުކުރީ ނާވީ އަންނާކަމަށެވެ. ނާވީ އޭނާ ދެކެ ލޯބިވާކަަމަށް ދައުވާކޮށްފައި އުމުރު ދުވަހަށް ވަކިވެދާނެކަމަށް ފަހަރެއްގައިވެސް ރަނީމްއަށް ހީކުރެވިފައެއް ނުވެއެވެ. އޭނާ އެތަކެއް އިރަކު އެތަނުގައި ހުއްޓެވެ. ނާވީގެ އިންތިޒާރުގައެވެ. އެހެންނަމަވެސް، ނާވީއެއް ނައެވެ. ކުޑަމިނުން އެތަނުގައި ނާވީ ހުރިކަމުގެ އިޝާރާތެއްވެސް އޭނާއަކަށް ނުލިބުނެވެ. ރަނީމް މާޔޫސް ވިއެވެ. އެތަކެއް އިރަކު އެތަނުގައި ހުރުމަށްފަހު އެންމެ ފަހުން އޭނާ ދިޔައީއެވެ. ޝަކުވާކުރުމުގެ މާނައެއް މިއަދު ނެތޭ ރަނީމްގެ ހިތަށް އެރިއެވެ. ނާވީ ދުރުކޮށްލީ އޭނާއެވެ. އެ ލޯތްބަށް ފުރަގަސްދިނީވެސް ޚުދު އޭނާއެވެ. ވީއިރު މިއަދު ނާވީ ނައިސްގެން އެކަމާ ހިތާމަކުރުމުގެ ބޭނުމަކީ ކޮބައިހެއްޔެވެ؟ އޭނާއަށް އެންމެ ފަހަރަކުވެސް ނާވީ ދެއްކި ވާހަކަ އަޑު އެހުނު ނަމައެވެ. އެ ލޯތްބަށް ފުރުސަތު ދެވުނު ނަމައެވެ. އެ ދެލޮލުން ފެނުނު ތެދުވެރިކަމަށް އިތުބާރުކުރެވުނު ނަމައެވެ. ރަނީމް ދެލޮލުން އައި ކަރުނަތައް ފުހެލަމުން ގޮސް ގެއަށް ވަނެވެ.
އޭގެފަހުން ކޮންމެ ދުވަހަކުވެސް ރަނީމް އެ ރުއްފަލަށް ދެއެވެ. ހަވީރާއި ރޭގަނޑުގެ ގިނަ ވަގުތުތައް އޭނާ އެތަނުގައި ހޭދަކުރެއެވެ. އެތަކެއް ފަހަރަކު ނާވީ ފެނޭތޯ ހޯދައެވެ. އެހެންނަމަވެސް ކޮންމެ ފަހަރަކުވެސް އުންމީދު ފެނަށްވެެގެން ދަނީއެވެ. ނާވީ ދެންނާނާނެކަމުގައި އޭނާއަށް ވިސްނެން ފެށުމުން ރޮވޭ ގޮތްވިއެވެ. އޭރު ރަނީމްއަށް ނުވިސްނުނި ކަމަކީ ހިތުގެ އިޙްސާސްތަކަށް ކިޔަމަންތެރިވެ އޭނާއަށް ހެދެން އެ އުޅެނީ ވަރަށް ބޮޑު ގޯހެއް ކަމުގައެވެ.
ރާޅުޖަހާ ފަށުގައި މަޑުކޮށްލައިގެން ހުރި ރަނީމް، އޭނާގެ ކަރުނަތައް ފުހެލިއެވެ.
"މީ ރަނގަޅުކަމެއް ނޫން. ނާވީ ނައުމަކީ އަހަންނަށް ދިރިއުޅުމުގައި ކުރިއަށް ދާން ލިބޭ ހިތްވަރެއް. އެހެން މީހަކަށް މި ޙަޔާތުން ޖާގަދޭންވީ. އޭރުން ކަންނޭނގެ އަހަންނަށް ވެސް ހަމަޖެހުމެއް ލިބޭނީ." މޭގައި އަތް އަޅާލައިގެން ހުރި ރަނީމްއަށް ހިތާ ހިތުން ވާހަކަ ދެކެވުނެވެ. އޭނާ ވަށައިގެން އަދިވެސް އެއްފަހަރު އެ މާހައުލަށް ބަލައިލިއެވެ. އެރޭ ނާވީ ފެނުނުއިރު އޭނާ ހުރި ހިސާބުގައި މަޑުކޮށްލުމާއެކު، ރަނީމް ފަހަތް ބަލައިލިއެވެ. ނާވީ ފެނުނު ގޮތް ލޯ ކުރިމަތީން ސިފަވިހެން އޭނާއަށް ހީވިއެވެ. އެހެންނަމަވެސް ރަނީމް މިރޭ ބިރެއް ނުގަނެއެވެ.
"އެކަމަކުވެސް... އެރޭ..... ނޭނގެ ދެން. އަހަރެން ކިހިނެއް ހަދާނީ؟" އޭނާއަށް މިރޭ ވިސްނެނީ ނާވީ ވާހަކަ ދެއްކިއިރު އެ އަޑުގައި ހުރި އަސަރާ މެދުގައެވެ.
ރަނީމް މާޔޫސްކަމާއެކު ގެއާ ދިމާލަށް ހިނގައިގަތްއިރު އޭނާގެ ފަހަތުގައި މީހަކު ހުއްޓެވެ. ސީދާ ރަނީމްއާ ދިމާލަށް ބަލަހައްޓައިގެން އެހެން ހުރެފައި ކުއްލިއަކަށް އޭނާ ގެއްލުނީއެވެ. އެއީ އެމީހަކު އެ ރުއްފަލަށް އަންނަތާ ތިންވަނައަށް ވީ ދުވަހެވެ. އޭނާ ރަނީމްގެ ހަރަކާތްތަކަށް ފާރަލައެވެ. އެހެންނަމަވެސް އެކަމެއް އިތުރު މީހަކަށް ނޭނގޭނެއެވެ.
*****
ވިއްސާރަ ރެއެކެވެ. ވާރޭ ނުވެހުނެއްކަމަކު އުޑުމަތީގައި ވިލާތައް ހަރަކާތްތެރިވަމުން ދިޔައެވެ. ވައިރޯޅިތައްވެސް ފުދޭވަރަކަށް ބާރުވެފައި އޭގައި ވަނީ ނުސިޔާނުކަމެކެވެ. ފަޒާގައި ހިފާފައިވާ ޒޫމް އަޑުން ދެމުން ދިޔައީ އަންނަން އުޅޭ ތޫފާނުގެ ނުރައްކާތެރިކަމުގެ އިންޒާރެވެ. ރުއްފަލަށް ވަދެގެން ރަނީމް ދިޔައިރުވެސް މާހައުލުގައިވަނީ ރުއްތަކުގެ ފަންތައް ކޭތާއަޑާއި ރާޅުޖަހާ އަޑެވެ. ގޮނޑު ދޮށަށް ފޭބުމާއެކު އޭނާ ހިނގަން ފެށިއެވެ. ރާޅުޖަހާ ފަށުގައެވެ. ގޮޑު ދޮށުގައި ބޮސްދެމުންދިޔަ ރާޅުތައް ރަނީމްގެ ފައިގައި ބީހެން ފެށިއެވެ. ލޮނުގަނޑުގެ ފިނިކަން އޭނާއަށް އިޙްސާސްކުރެވުމުން މޭގައި އަތް ހުރަސްކޮށްލެވުނެވެ. އޭނާގެ އިސްތަށިގަނޑު ވައިރޯޅިޔާ ސަމާސާކުރަމުން ނަށަމުން ދިޔައެވެ. ހަނދުވަރުގެ އަލި ނުދޭތީ، އެ ހިސާބުގަނޑު އޮތީ ފުދޭވަރަކަށް އަނދިރިކޮށެވެ. ދުރުގައި ދިއްލާފައިހުރި ލައިޓުގެ އަލިވެސް އެ ހިސާބަށް ފޯރަނީ ކިިރިޔާއެވެ.
"ނާވީ…" ރަނީމްއަށް ވައި އަޑުން ގޮވައިލެވުނެވެ. އޭނާ މަޑުމަޑުން ހިނގަމުން ދިޔައެވެ. ތުންފަތުގައި ދަތް އަޅައިލުމާއެކު އިސްޖަހައިލެވުނެވެ. ދުރުވާން އުޅުނު ނަމަވެސް ދުރުނުވެވޭ ޚިޔާލުތަކަކަށް އެ ޚިޔާލުތައް ވެއްޖެއެވެ. ރަނީމްއަށް ފަޔަށް ނަޒަރު ހުއްޓައިލެވުނެވެ. ދެން މޫދާ ވީ ފަރާތަށް އެނބުރުމަށްފަހު އޭނާ ދުރަށް ނަޒަރު ހުއްޓައިލިއެވެ. އެތަނަށް އޭނާ ނާންނަ އެންމެ ދުވަހެއްވެސް ނުދެއެވެ. އެގޮތަށް ބޭނުން ނުވި ނަމަވެސް، ހިތުގެ މަޖުބޫރުކަމުގެ ސަބަބުން އެތަނަށް އާދެވެނީއެވެ. ދެލޮލުން އައި ކަރުނަތައް ރަނީމް ފުހެލިއެވެ. އަދި އޭނާ ފަަހަތަށް އެނބުރިލިއެވެ. އެއާއެކު އޭނާ ތަތްވީ ތަނަވަސް މޭމައްޗެއްގައެވެ. މަޑުހަޅޭކެއްގެ އަޑު އޭނާގެ ދުލުން ބޭރުވެގެން ދިޔައެވެ. މޭގައި އަތް އަޅާ ކޮށްޕާލަން އުޅުނު ރަނީމްއަށް މަޑުޖެހެވުނެވެ. އޭނާގެ ނޭފަތުގައި ހަރުލި ވަހުގެ ސަބަބުންނެވެ. އެއާއެކު އޭނާއަށް ރަނގަޅަށް އެމީހަކާ ދިމާލަށް ބަލައިލެވިއްޖެއެވެ. އެއާއެކު އެމީހަކު ނިކަން އަވަސް އަވަހަށް ރަނީމްގެ ހިފައްޓާފައިވާ އަތުން ދޫކޮށްލާފައި ފިޔަވަޅެއް ފަހަތަށް އަޅާލައިފިއެވެ.
"ނާވީ…" ރަނީމްގެ ދުލުން ނުކުތް ބަސްތަކާއެކު އޭނާއަށް ރޮވެން ފެށުނެވެ. އާއެކެވެ. އޭނާގެ ކުރިމަތީގައި އެހުރީ ނާވީ ނޫން ދެވަނަ މީހެއް ނޫނެވެ. އޭނާއަށް އެ ދުވަނީ ނާވީގެ ގައިން ދުވާ ވަހެވެ. އަނދިރިކަމުގެ ތެރެއިންވެސް ނާވީގެ ތޫނު ދެލޮލާ ލޯ އަމާޒުވި ވަގުތު ރަނީމްއަށް އެކަން ޔަޤީން ކުރެވިއްޖެއެވެ.
"ރަނީމް… ކީއްވެ ތި ރޮނީ؟" ނާވީއަށް ސުވާލުކޮށްލެވުނެވެ. ރަނީމްގެ ކަރުނަތައް ފުހެދޭން ކިތަންމެ ބޭނުންވި ނަމަވެސް، އޭނާ އަމިއްލަ ނަފްސު ކިޔަމަންކުރިއެވެ.
ނާވީގެ ސުވާލާއެކު ރަނީމްއަށް އިތުރަށް ރޮވުން ނޫންކަމެއް ނުކުރެވުނެވެ. ނާވީގެ ކުރިމަތީގައި އިސްޖަހައިލަމުން އޭނާއަށް ގިސްލެވެން ފެށިއެވެ.
"ރަނީމް…" ނާވީއަށް ބުނެވުނެވެ. އޭރު އެ އަޑުގައިވެސް ވަނީ މަޑުމޮޅިކަމެކެވެ.
"ދިޔަގޮތަށް ކީއްވެ ޚަބަރެއް ނުވީ؟" ރަނީމްއަށް ބުނެވުނީ އިޚްތިޔާރުން ބޭރުގައެވެ.
"އަހަރެން އައިމޭ… އޭގެފަހުން ކޮންމެ ދުވަހަކުވެސް މިތާ އެތައް ވަގުތެއް ހޭދަކުރިން. ހަފްތާއެއް ފާއިތުވެގެންވެގެން ދިޔައިރުވެސް ރަނީމްއެއް ނައި. އެހެންވެ އަހަރެން…." ނާވީ ޖުމްލަ ފުރިހަމައެއް ނުކުރެއެވެ. އޭނާ ރަނީމްއަށް ބަލަހައްޓައިގެން ހުރީއެވެ. ރަނީމްގެ ކަރުނަތަކެއް ނުހުއްޓުނެވެ. އޭނާއަށް ހަމަ ރޮވެނީއެވެ. އޭނާ ނާވީގެ އަތުގައި ހިފައްޓައިލިއެވެ. ނާވީ ވެސް އެ އަތް ފޮޅުވާލާކަށް މަސައްކަތެއް ނުކުރެއެވެ. އެހެންނަމަވެސް އިސްވެ އޭނާ ރަނީމްގެ ގައިގައި އަތެއް ނުލައެވެ. އެހުރި ގޮތަށް ނާވީ ހުރީއެވެ.
"ނާވީ…" ނާވީ އެއްޗެއް ނުބުނުމުން ރަނީމްއަށް ނާވީއަށް ގޮވައިލެވުނުއިރު އެ އަޑުވަނީ ކުރެހިފައެވެ. އޭނާ ރޯ ރުއިމުން ނާވީއަށް އަސަރުނުކުރަނީ ހެއްޔެވެ؟ އެއްޗެއް ނުބުނީ އެހެންވެހެއްޔެވެ؟ އޭނާއަށް ކުރަމުންދާ އަސަރާ ވަމުންދާ ގޮތް ނާވީއަށް ނުފެންނަނީހެއްޔެވެ؟ ރަނީމްގެ ހިތް ޝަކުވާއިން ފުރިގެން ދިޔަހިނދު އޭނާއަށް ނާވީގެ އަތުން ދޫކޮށްލާފައި ފަހަތަށް ފިޔަވަޅެއް އަޅައިލެވުނެވެ. ތުންފަތުގައި ދަތް އަޅައިއެވެ.
"ރަނީމްއަށް އެނގެއެއްނު އަހަންނަކީ ކާކުކަން؟ ކޮން ނަސްލެއްގެ މީހެއްކަން؟ ކޮންކަހަލަ މީހެއްކަން؟ ރަނީމްއާ އަހަރެންގެ ތަފާތު ރަނީމްއަށް އެނގެއެއްނު. އެއީ އެއްނު ރަނީމް އަހަންނާ ދުރުވި ސަބަބަކީ؟ ތިބުނި ބަސްތަކަކީ ރަނީމް ހިތުން ރުހުމުން ބުނި ބަސްތަކެއްގެ ކަމުގައި އަހަރެން ޤަބޫލުކުރަންވީތަ؟ ރަނީމްގެ ޚިޔާލު އަހަންނާ މެދު ފަހަރެއްގައިވެސް ބަދަލެއް ނުވާނެތަ؟ ރަނީމް… ރަނީމް އަހަރެން ދެކެ ބިރެއް ނުގަންނާނެތަ؟ އަހަރެމެންގެ ދުނިޔެއަކީ އިންސާނުންގެ ދުނިޔެއާ ތަފާތު ތަނެއް. އެތަކެއް އާދަޔާޚިލާފް ކަންތައްތަކެއް އެތަނުގައި ހިނގާ." ނާވީ ޔަޤީންކުރަން ބޭނުންވެއެވެ. ރަނީމްއާ ގާތަށް ފިޔަވަޅެއް އެޅުމުގެ ކުރިއަށް އޭނާ އެހުރިހާ ކަމެއްވެސް ރަނީމްއަށް އަންގައިދޭން ބޭނުންވިއެވެ.
"ނާވީ… އަހަރެން…" ރަނީމްއަށް އިސްއުފުލައިލާ ނާވީގެ ދެލޮލަށް ބަލައިލެވުނެވެ. އެ ދެލޮލުގެ ކުލަ ގަދަވެފައިވީތަން އޭނާއަށް ފެނުނެވެ. ރަނީމް ފަސްޖެހުނެވެ.
"ރަނީމްއަށް އަދިވެސް އެ ހަޤީގަތް ޤަބޫލުކުރަން ދަތިވަނީ ދޯ! އެ ހަޤީޤަތް ހަނދާންވާއިރަށް ތި ގޮތަށް ދުރަށް ތި ދަނީ ވެސް އެހެންވެ ދޯ..." ނާވީ އަދިވެސް ހުރި އެ ހުރިތަނުގައެވެ. އޭނާ ހުރިތަނުން ގުޑައެއް ނުލައެވެ. އެއްވެސް ހަރަކާތެއް ވެސް ނުކުރެއެވެ.
"ކުއްލިއަކަށް ފެނުނީމަ އެރޭ އަހަރެން ބިރުގަތީ ނާވީ… އަހަރެން ހީކުރީ ނާވީ އަހަރެންގެ ވިސްނުމާ ކުޅެނީކަމަށް. ނާވީ އަހަންނާ… އަހަންނާ އަވަލީކަމަށް… " އެހެން ބުނެލިއިރު ރަނީމްގެ އަޑު ނުކުތީ އުނދަގުލުންނެވެ. އިރުކޮޅެއްދީފައި، އޭނާ އަނެއްކާވެސް ވާހަކަ ދައްކަން ފެށިއެވެ.
"އަހަރެން އަޑު އަހަނީ އަބަދުވެސް ޖިންނީންނަކީ ވަރަށް ހުތުރު ސިފައަށް ތިބޭ ގޯސް ބައެއްގެ ގޮތުގައި. އެމީހުން އިންސާނުންގެ ވިސްނުމާ ކުޅޭކަމުގައި. އަދި އެމީހުންގެ ތެރޭގައި ހަމްދަރުދީއާއި ލޯތްބަކީ ނޯންނަ އެއްޗެއްކަމުގައި. ޖިންނީން އިންސާނުންނާ އަވަލަނީ އެމީހުންގެ ބޭނުންތައް ފުއްދަން ކަމުގައި. އަހަރެން ބިރުގަތީ އެހެންވެ… އެކަމަކުވެސް އަހަަރެން ބޭނުން ނާވީ."
ނާވީގެ ތުންފަތް މައްޗަށް ފުރަތަމަ ފަހަރަށް ހިނިތުުންވުމެއްގެ އަސަރު ވެރިވެގެން ދިޔައެވެ. އޭނާ ރަނީމްގެ ގާތަށް ފިޔަވަޅެއް އަޅައިލިއެވެ. އެއާއެކު އޭނާގެ ދެލޮލުގެ ކުލަ މަޑުވަމުން ގޮސް އާއްމުކޮށް ރަނީމްއަށް ފެންނަ ގޮތަށް ކުލައަށް ވެއްޖެއެވެ.
"އަހަރެން ވަޢުދުވަން ރަނީމް ހުރިހާ ނުރައްކަލަކުން ސަލާމަތްކުރާނެކަމުގައި…. ރަނީމް." ނާވީ މަޑުމަޑުން ގޮވައިލިއެވެ. މިފަހަރު އެ އަޑުގައިވަނީ ކަންބޮޑުވުމެކެވެ.
"ހޫމް…" މާ ބޮޑު ވިސްނުމެއްނެތި ރަނީމް ބުނެލިއެވެ.
"ރަނީމް. މީ ފަސޭހަކަމަކަށް ނުވާނެ..." ނާވީގެ ވާހަކައިން ރަނީމްއަށް ބަދަލުތަކެއް އައިކަން ނާވީ ދެނެގަތެވެ. ރަނީމް އެކަން ފޮރުވަން މަސައްކަތްކުރަމުން ދިޔަކަންވެސް ނާވީ ދެނެގަތެވެ. ނާވީ ބުނެލި ޖުމްލައިން ރަނީމްގެ ހިތުގައި ބިރުވެރިކަމެއް އުފެދުނެވެ.
"އަހަރެން ބޭނުމެއް ނޫން ނާވީއާ ދުރަށް ދާކަށް." ރަނީމް ބުނެލިއެވެ.
އޭނާ ބޭނުންވާ ލޯބި ލިބުމުން ނާވީއަށް ވެސް ކުރެވުނީ ބަޔާންކުރަން ދަތި އުފާވެރި އިޙްސާސްއެކެވެ. އޭނާއަށް ވެސް މިވަގުތު އެހެން އެއްވެސް ކަމެއް މުހިންމެއް ނޫނެވެ. ކުރެވެނީ ކުށެއްކަން އެނގޭ ޙާލުވެސް އެކަމުން ދުރުވާކަށް ނޫޅެވުނެވެ.
ހިނދެއް ހިނދަކަށް ބާރުވަމުން ދިޔަ ވައިރޯޅިތަކުގެ އަމާޒުފަތްގަނޑަކަށް ދެ ޒުވާނުން ވެފައިވާއިރު އެ ފިނިން ނާވީއަށް އަސަރު ނުކުރިނަމަވެސް ރަނީމްއަށް ފިނިވަމުން ދިޔައެވެ. އެކަން އޭނާގެ ހަށިގަނޑުންވެސް ފެންނަން ފަށައިފިއެވެ. ތުންފަތުގައި ތުރުތުރު އެޅުމެއް އުފެދުނުއިރު އަތްފައި ގަނޑުފެންކޮޅެއްހާ ފިނިވެއްޖެއެވެ.
"ރަނީމް. މާ ބޮޑަށް ފިނިވަނީނު؟ ހިނގާ ގެއަށް ދާން." ނާވީ އޯގާތެރިކަމާއެކު ބުނެލިއެވެ. ރަނީމް ނާވީއަށް ބަލައިލި ގޮތުން އޭނާ ނާވީ ދޫކޮށްފައި ދާން ބޭނުންނުވާކަން އެނގުނެވެ.
"އިރުކޮޅަކުން ވާރޭ އޮއްސާލާނެ. " ވަށައިގެންވީ މާހައުލަށް ބަލައިލަމުން ނާވީ ބުނެލިއެވެ. ރަނީމް އެއްބަސްވިއެވެ. ނާވީ ރަނީމްއާއެކު ގެއާ ހިސާބަށް ދިޔައެވެ.
"އެތެރެއަށް ވަނީމަ ދާނަން." ނާވީ ބުނެލިއެވެ. ރަނީމް ހިނިތުންވެލާފައި އެތެރެއަށް ވަނުމާއެކު ނާވީ އެނބުރިލިއެވެ. އެއާއެކު ލޮލުގައި އަޅައިގަތީ އޭނާގެ ފަހަތުގައި ހުރި ދައިސަމްއެވެ.
"އަހަންނަށް އެނގޭ، އަހަރެން އެވާހަކަ ބުނާއިރަށް ކަލޭ އެ އިންސި ކައިރިއަށް އަންނާނެކަން. އެހެންވެ މިހުރިހާ ދުވަހު ނުބުނެ ހުރީވެސް." ދައިސަމް ބުންޏެވެ.
"ބުނެބަލަ. ކީއްވެގެންތަ ރަނީމް އަހަރެން ހޯދާ ވާހަކަ ކުއްލިއަކަށް ބުނީ؟ އަހަރެން ރަނީމްގެ އިންތިޒާރުގައި ހަފްތާއެއްހާ ދުވަހު މިތަނަށް އައިން. އިންތިޒާރުވެސް ކުރިން. އެކަން ހުއްޓައިލީ މާޔޫސްވެގެން. ރަނީމް ދެން ނާންނާނެކަން އެނގުމުން. ކޮންމެ ދުވަހަކު އޭނަ އޮފީހަށް ދާއިރާ އަންނައިރުވެސް އަހަރެން ބަލަން ހުރިން. އެކަމަކު އެކަމެއް އޭނައަކަށް ނޭނގޭނެ. އެކަމަކު ހަފްތާއެއް ފާއިތުވެގެން ދިޔައިރުވެސް އޭނަ އަނބުރާ އަހަރެން ހޯދާކަށް ނައި. އެހެންވެ އެ ހިސާބުން މިތަނަށް އައުން ހުއްޓައިލީ… އެކަމަކު ކަލޭ ބުނެބަލަ. މިތަނަށް ކަލޭ އަންނަން ޖެހުނު ސަބަބަކީ ކޮބާ؟" ނާވީ ސުވާލުކޮށްލިއެވެ. ރަޙްމަތްތެރިޔާގެ ޖަވާބެއް އޭނާ ބޭނުމެެވެ.
"ކަލޭ ރެއާ ދުވާލު އެ އިންސިގެ ހަނދާނުގަ އުޅެން ފެށި ގޮތުން އަހަރެން ހިތަށް އެރީ ކަލޭ އެހާ ލޯބިވާއިރު އެ އިންސިގެ ހިތުގައި ހަމަ ކަލެއާ މެދު އެއްވެސް ވަރަކަށް ލޯބިނުވަނީބާއޭ؟ އޭނަގެ ހިތުގައި ކަލެއާ މެދު ކުޑަވެސް ރަޙުމެއް ޙަމްދަރުދީއެއް ނެތީބާއޭ؟ އެހެންވެ އަހަރެން ހިތަށް އެރީ އޭނަ އުޅޭގޮތް ބަލައިލަން ވެއްޖެޔޭ. އަހަރެން މިތަނަށް އަންނަން ފެށިތާ ހަތަރު ދުވަސް ވީއިރުވެސް އަހަންނަށް ފެނުނީ ހަމަ އެންމެ މަންޒަރެއް. ކަލޭގެ އިންތިޒާރުގައި މިތަނުގައި ގިނަ ވަގުތުތަކެއް ހޭދަކުރަމުން ދިޔަތަން އަހަރެން ދުށީން. އަހަރެން ހުރީ ހަޤީގަތުގައި އެ އިންސި ކަލެއަށް އިންތިޒާރުކުރާ ވާހަކަ ބުނާކަށް ނޫން. ނުބުނި ނަމަ އެކަން ކަލެއަކަށް ނޭނގުނީސް. އެއްގޮތަކުން އެގޮތް ރަނގަޅުވެސް ވީސް ކަންނޭނގެ. އޭރުން ހަމަ ގައިމުވެސް، ކަލެއަށް އަދި އެ އިންސިއަކަށްވެސް އެއްވެސް ނުރައްކަލަކާ ކުރިމަތިލާކަށް ނުޖެހޭނެ..." ދައިސަމް ބުނެލިއެވެ.
"ދެން ކީއްވެގެން އެ ހަޤީޤަތް ހާމަކުރީ؟ އެ ސުވާލަށް ޖަވާބު ދީބަލަ." ނާވީ އެހިއެވެ.
"ނޭނގެ......." ދައިސަމް އުޑުމައްޗަށް ބަލައިލީ އެވަގުތު ޖެހި ބާރު ގުގުރީގެ އަޑާއެކުގައެވެ.
"ވަރުގަދަ ތޫފާނެއް. ހިނގާ ދާން." އެހެން ބުނެލާފައި ދައިސަމް އުދުއްސައިގަތެވެ. އެމީހުންގެ ޝަަހަރަށް ފޯރުމުގެ ކުރިން ވާރޭ އޮއްސައިލާނެކަމުގައި ދައިސަމް ޔަޤީންކުރިއެވެ. ވީވެސް އެހެންނެވެ. ނާވީގެ ލޯ ދިއްލުމާއެކު އޭނާގެ ކައިރިން އެރި އައްޔާއެކު ފިޔަގަނޑު ހުޅުވައިލާ އޭނާ އުދުއްސައިގަތްތަނާ އިންޒާރުތަކެއް ދިނުމަށްފަހު، ކެރީގެ ފުރަތަމަ ހަމަލާ ދުނިޔެމައްޗަށް އަމާޒުކޮށްލައިފިއެވެ.
ނާވީމެން ޝަހަރަށް ފޯރިއިރުވެސް، ބޯކޮށް ވާރޭވެހެމުން ދިޔައެވެ. ގަނޑުވަރަށް ގޮސް ވަތް ނާވީ ހުރި ތެމި ފޯވެފައެވެ. އެ މަންޒަރު ފެނުނީ ބަތީލާއަށެވެ. އޭނާ ނާވީއަށް ގޮވައިލިއެވެ.
"ނާވީ. ދަރިފުޅު މި ވިއްސާރަރޭވެސް ބޭރުގަތަ ތިއުޅެނީ؟" އޭނާގެ އަޑުގައި ކަންބޮޑުވުމުގެ އަސަރު ވެއެވެ.
"ނޫން މާމަ. އަންނަނިކޮށް ވާރޭ އޮއްސައިލީ." ނާވީ އޮޅުންފިލުވައި ދިނެވެ. އޭނަގެ ނަޒަރު ދެން ހުއްޓުނީ މައްޗަށް އެރެން ހުރި ސިޑިން ފައިބަމުން ދިޔަ އިންޖާބާއި ނަމީރަށެވެ. އެ ދެމީހުން ދިޔައީ ކޮންމެވެސް މަޝްވަރާތަކެއް ކުރަމުންނެވެ. އިންޖާބާއި ނަމީރާ ދެމީހުން ގޮސް މަޑުކޮށްލީ އެމީހުން އާއްމުކޮށް މަޝްވަރާކުރަން ތިބޭ އަށިތަކުގައެވެ. ބަތީލާއަށް ރޭގަނޑުގެ ސަލާމްކޮށްފައި ނާވީވެސް ގޮސް ސިޑިން މައްޗަށް އަރަން ފެށީ އޭނާގެ ކޮޓަރިއަށް ދިޔުމުގެ ބޭނުމުގައެވެ.
އިންޖާބާއެކު މަޝްވަރާތަކުގައި އިނދެފައި ނަމީރު ބޭރަށް ނަޒަރު ހިންގައިލިއެވެ. ވިއްސާރަ ތޫފާނީ ރެއެކެވެ. ވިއްސާރަ އަލިވާނެ އިރެއް ބުނާކަށް ނޭނގެއެވެ. އެހާވެސް ތޫފާން ވަރުގަދައެވެ. ވިދާ ގުގުރަމުން ދިޔައެވެ. ނަމީރު ކޮޓަރިއަށް ދިޔައީ އިންޖާބުގެ މަޝްވަރާތައް ނިމުމުންނެވެ. އޭނާ ގޮސް ކޮޓަރިއަށް ވަތްއިރު ޝައިސްތާ އިނީ ކޮޓަރީގައި ހުރި ހުދުކުލައިގެ ސޯފާތަކުން ސޯފާއެއްގައި އިށީނދެލައިގެންނެވެ. އިސްތަށިގަނޑު އެއްފަރާތަކަށް ގެނެސް އެ އިސްތަށިގަނޑުގައި އަތް ފުނާ އަޅަމުން އޭނާ ދިޔައީ ފަރިތަކަމާއެކުގައެވެ. ނަމީރު ފެނުމާއެކު އޭނާގެ ތުންފަތް މައްޗަށް ހިނިތުންވުމެއް ވެރިވެގެން ދިޔައެވެ. އޭނާގެ ލޮލުގައިވަނީ ދަނބުކުލައެކެވެ. އެއީ ގަދަ ގަދަ ދަނބެކެވެ. ދޮންކަމާއި ރީތިކަމުގައި ޝައިސްތާއަކީ ނަމޫނާއެކެވެ. އޭނާއަކީ އެ ޝަހަރަށް ނިސްބަތްވާ މީހެއް ނޫނެވެ. އެހެންނަމަވެސް އޭނާއަކީވެސް ދުރުގައި އޮންނަ ޖިންނީންގެ އެހެން ޝަހަރެއްގެ ޝާހީ ޢާއިލާއަށް ނިސްބަތްވާ މީހެކެވެ. އޭނާއާއި ނަމީރާ ބައްދަލުވީ އުތުރު ކަރަޔަށް ކުރި ދަތުރެއްގައެވެ. އެ ދަތުރުގައި އުތުރު ކަރައިގެ ބޮޑު ބިޔަ ޖަންގައްޖެއްގެ ތެރޭގައި އުޅެނިކޮށް އޭނާއަށް ނަމީރު ފެނުނީއެވެ. ދެމީހުން ބައްދަލުވެ ވާހަކަ ދެކެެވެން ފެށީއެވެ. އެ ތަނުގައި ދެމީހުން އެކުގައި މަހެއްހާ ދުވަސްހޭދަކުރުމަށްފަހު ދެމީހުން ގުޅުނީ ދެ ޢާއިލާގެވެސް ރުހުމުގައެވެ. އިންޖާބުމެންގެ ޝަހަރެކޭ އެއްގޮތަށް ޝައިސްތާ ނިސްބަތްވާ ޝަހަރަކީވެސް ދާދި އެއްކަހަލަ އުސޫލުތަކެއް ގެންގުޅޭ ބަޔަކަށްވާތީ، އެކަމަކީ މާ ބޮޑު ކަމަކަށް އެއްބަޔަކުވެސް ނުހަދައެވެ.
"ނަމީރު… ނާވީ އަތުވެއްޖެތަ؟ ވަރަށް ތޫފާނީ ރެއެއް." ޝައިސްތާ ސޯފާއިން ތެދުވެގެން ގޮސް ނަމީރުގެ ކުރިމަތީގައި ހުއްޓުނެވެ.
"އާނ. ދެންމެ މަންމަ ކައިރީގައި ހުރި." ނަމީރު ޖަވާބު ދެމުން އޭނާގެ ލޯބިވާ އަނބިމީހާގެ އަތުގައި ހިފައްޓައިލިއެވެ. ނަމީިރުގެ އެ ޖަވާބުން ޝައިސްތާ ހިތްހަމަޖެހުނެވެ.
"އަހަރެން އެބަ އަންނަން އިނގޭ…" ނަމީރު ބުނެލިއެވެ.
"ކޮންތާކަށް؟" ޝައިސްތާ ސުވާލުކޮށްލިއެވެ. އެ ވިއްސާރަރޭ ނަމީރު ގަނޑުވަރުން ބޭރަށް ދަނީބާއޭ ޝައިސްތާގެ ހިތަށް އެރިއެވެ. ނަމީރު އެއްޗެއް ނުބުނެ ޝައިސްތާއަށް ބަލައިލި ގޮތުން ހުރިހާކަމެއް ޝައިސްތާއަށް ސާފުވިފަދައެވެ.
"އޭނަ ކައިރިއަށް ދަނީތަ؟" ޝައިސްތާ ސުވާލުކޮށްލިއެވެ.
"ބިންގަރާހުގަ ފޯރި މަރާ މީހެއްގެ ފަރާތުން މިއަދު އަހަންނަށް އެ ޚަބަރު ލިބުނު. އެކަމަކު ބައްޕަގެ ކަމެއްގައި ބުރަކޮށް އުޅެން ޖެހުމުން ދެވޭގޮތްނުވީ. އޭނަ ވަރަށް ބަލިކަމަށް ބުނި. އެހެންވެގެން ގޮސްލަން ކަމަށް." ނަމީރު ބުނެލިއެވެ. އޭނާގެ އަޑުން ހިތާމައިގެ އަސަރުތައް ފާޅުވަމުން ދިޔައެވެ. ޝައިސްތާއަށް އެކަން އެނގުމުން އައިސް ނަމީރުގެ ގައިގައި ބައްދާލާފައި ބޯ ޖަހައިލީ ހުރިހާކަމެއް ވެސް ރަނގަޅުވާނެކަމަށް ބުނަމުންނެވެ.
"އަހަރެން އެބަ އަންނަން އިނގޭ. މާ ލަހެއް ނުވާނަން." އެހެން ބުނެލާފައި ނަމީރު ގޮސް ކޮޓަރިން ނުކުމެއްޖެއެވެ. އަދި ސިޑިން ތިރިއަށް ފައިބައިގެން ގޮސް ގަނޑުވަރުން ނުކުމެއްޖެއެވެ. އޭރުވެސް ވިއްސާރަ އަލިވާނެ ކަމުގެ އެއްވެސް އިޝާރާތެއް ފެންނާކަށް ނެތެވެ. ތޫފާނުގެ އަސަރު ކެނޑިނޭޅި ކުރަމުން ދިޔައެވެ. ގަނޑުވަރުގެ ވަށައިގެން ފޯރިމަރަމުން ދިޔަ ފާރަވެރިންތައް އޭރުވެސް އެތަނުގައި ހަރަކާތްތެރިވަމުން ދިޔައެވެ. އެތަނުން އެކަކަށް ނަމީރު ފެނުމުން ނަމީރުގެ ބޭނުން އޮޅުން ފިލުވަން އަވަސްވެގަތެވެ. ނަމީރު އޭނާ ފޮނުވައިލަމުން އެކަނި ބިންގަރާހާ ދިމާލަށް ދިޔައެވެ. ގަސްބޯ ޖަންގައްޔެއްފަދަ ތަނަކުން އުދުހިލާފައި ކަހަލަ ގޮތަކަށް ނިކަން އަވަސް އަވަހަށް އޭނާ ގޮސް ބިންގަރާހަށް ވަންނަން ހުންނަ ބޮޑު ގޭޓުގެ ކައިރީގައި މަޑުކޮށްލިއެވެ. އެއާއެކު ގޭޓުގައި ތިބި ދެމީހުން ނަމީރަށް އިޙްތިރާމް އަދާކުރިއެވެ. އަދި ގޭޓު ހުޅުވައިލިއެވެ. ބިންގަރާހަށް ވަދެވެން ހުރި ދިގު ސިޑިން ނަމީރު ތިރިއަށް ދާން ފެށިއެވެ. ދެފަރާތުގައި ފާރުގައި ހަރުކޮށްފައިހުރި އަލިފާން ޖަހާފައިވާ ދަނޑިތަކުން ތަނަށް އަލިވަމުން ދިޔައެވެ. އެ ސިޑިން ތިރިއަށް ފޭބުމަށްފަހު ބަލައިލިއެވެ. އެކި ދިމަ ދިމާލުން ދެވޭ ފަދަ ހަނި ގޯޅިތައް ހުއްޓެވެ. އަދި ކޮންމެ ގޯޅިއެއްގެ ފާރުގައިވެސް އަލިފާން ރޯކޮށްފައިވާ ދަނޑިތައް ޖަހާފައި ހުއްޓެވެ. އޭނާ ފަރިތަކަމާއެކު ހިނގަމުން ގޮސް ކަނާއަތް ފަރާތުން އެންމެ ބިއްދޮށުގައި ހުރި ގޮޅިކައިރީގައި މަޑުކޮށްލިއެވެ.
ވަރުގަދަ ދަނޑުތަކުގެ ތޭރިތަކުގެ ތެރެއިން އޭނާ އެ ގޮޅީގެ އެތެރެއަށް ބަލައިލިއެވެ. ކުނައެއްގެ މަތީގައި އޮށޯވެލައިގެން އޭނާއަށް ފުރަގަސްދީގެން ފާރާ ދިމާލަށް އެނބުރިގެން އެ އޮތީ ފިރިހެނެކެވެ. ހުސްގަޔާ އޮތްއިރު އޭނާގެ ބުރަކަށީގައ ހުރި ލަކުނުތައް ދޭހަކޮށްދެމުން ދިޔައީ އަނިޔާތަކެއް މީގެ ކުރިން އޭނާއަށް ލިބިފައިވާ ކަމުގައެވެ. ބުރަކަށީގައި ދެފަރާތުން ދިގަށް ހުރި ލަކުނު ހީވަނީ އެއްޗަކުން ފިއްސާލާފައި ހުރިހެންނެވެ.
"ކީއްކުރަން ތިއައީ؟" އެ އެއޮތް ގޮތަށް އޮވެ އެމީހަކު ބުނެލިއެވެ. އެ އަޑުގައިވަނީ ވޭނާ ތަކުލީފެވެ. ވާހަކަ ދައްކަންވެސް އޭނާއަށް ދަތިވެފައިވާ ފަދައެވެ. އޭނާ އެނބުރުމުގެ އެއްވެސް ޚިޔާލެއް ނުކުރެއެވެ. ލޯ މަރާލައިގެން އޮވެ އޭނާ ފުންނޭވާއެއް ދޫކޮށްލިއެވެ. ދެފަހަރަކު ކެއްސާލާފައިވެސް ހަމަޖެހިލިއެވެ.
"ރައާބިލް. އަހަންނަށް ކަލޭ ބަލިވެ އުޅޭކަން އެނގުނީ މިއަދު." ނަމީރު މަޑުމަޑުން ބުނެލިއެވެ.
"އެމީހުން ކަލެއަށް ބޭސް ދޭ ވާހަކަވެސް ބުނި." އޭނަ އިތުރު ކޮށްލިއެވެ.
ރައާބިލް ކުޑަކޮށް ހީނލި އަޑު އޭނާއަށް އިވުނެވެ. އެހެންނަމަވެސް އެއީ މަލާމާތުގެ ހުނުމެކެވެ.
"މާދަމާ އަހަރެން ބޭހެއް ގެނެސްދޭނަން." ނަމީރުގެ އަޑުގައިވަނީ މަޑުމޮޅިކަމެކެވެ.
"ކޮން އިރަކު އަހަންނާ މެދު ކަލޭ ތިހާ ޙަމްދަރުދީވާން ފެށީ؟ އަހަރެންގެ ޙާލަށް އަހަރެން ދޫކޮށްލާ." ރައާބިލް އެ އޮތްގޮތަށް އޮވެ ބުނެލިއެވެ. އޭނާ އެއްވެސް މީހެއްގެ ޙަމްދަރުދީއެއް ބޭނުމެއް ނޫނެވެ. އަދި އަމްދުން ނަމީރުގެ ޙަމްދަރުދީއެއް ބޭނުމެއް ނޫނެވެ. އަނެއްކާވެސް ރައާބިލްއަށް ކުކުރައިލެވުނެވެ. އޭނާ ނަމީރަށް ބަލައިލުމުގެ ޚިޔާލެއް ނުކުރެއެވެ. އެ އޮތްގޮތަށް އޭނާ އެތަނުގައި އޮތީއެވެ. ފާރުގައި ހުރި ބޮޅެއްގައި އަޅުވާފައި ވާ ޗޭނުތައް ދެމިގެން ގޮސް ބިންމަތީގައި އޮތެވެ. ނަމީރު އެ މަންޒަރު ބަލަން ހުރުމަށްފަހު އެތަނުން ދާން ހިނގައިގަތެވެ. އަދި ގޮސް މަޑުކޮށްލީ އެތެރޭގައި ފޯރިމަރަން ހުރި މީހެއްގެ ކައިރިއަށެވެ.
"އޭނަ އެ އޮތީ ގަދަ ހެދޭ ޙާލެއްގައެއް ނޫން. އޭނަ މިތަނުން ދާކަށްވެސް މަސައްކަތެއް ނުކުރޭ. އެ ޗޭނުތަކުން އޭނާއަށް އަނިޔާދޭނެ ކަމެއް ނެތް..." ނަމީރު އެތަނުގައި ހުރި ޖިންނިއަށް އަމުރުކުރުމާއެކު އެ ޖިންނި ބޯ ޖަހައިލިއެވެ. އޭނާ ބުނީ އެމީހުން އެ ޗޭނުގަނޑުގެ ބޭނުން ހަމައެކަނި ކުރަނީ ރައާބިލް ގަދަހަދާކަމުގައި ވާނަމަ ކަމުގައެވެ.
"އޭނައަށް ރަނގަޅަށް ބަލާތި. މާދަމާ ހެނދުނު އަހަރެން އަންނާނަން." ނަމީރު ބުނެލިއެވެ. އޭނާ އަދިވެސް އެއްފަހަރު ފަސް އެނބުރި ބަލައިލިއެވެ. ދެން އެތަނުން ނުކުންނަންވެގެން ހިނގައިގަތެވެ. ނަމީރު ދެއްކި ވާހަކަތައް ރައާބިލްއަށް ރަނގަޅަށް އިވުނެވެ. އޭނާ ތޭރިތަކާ ދިމާލަށް ބަލައިލިއެވެ. އަދި، އަނެއްކާވެސް އިހު އޮތް ގޮތަށް އެނބުރިލިއެވެ.
ނަމީރު ގޮސް ބިންގަރާހުން ނުކުތްއިރުވެސް، ވާރޭ ބޯކޮށް ވެހެއެވެ. އޭނާ ގޮސް ގަނޑުވަރަށް ވަނެވެ. ދެ ވިސްނުމެއްގައި އޭނާ އެތަނުގައި މަޑުކޮށްލައިގެން ހުއްޓެވެ. ބަތީލާ ގާތަށް ދާން އޭނާ ބޭނުމެވެ. ވާހަކަ ދައްކަންވެސް ބޭނުމެވެ. އެހެންނަމަވެސް ބައްޕަވެސް މިވަގުތު މަންމައާއެކު ކޮޓަރީގައި ހުންނާނެކަން އެނގޭތީ ދާން ބޭނުންނުވީ ބައްޕަ ހުއްޓާ އޭނާއަށް ބަތީލާއާ ވާހަކަ ދައްކަން އުނދަގޫވާނެތީއެވެ. ވިސްނުމެއްގައި އޭނާއަށް ދެކޮޅަށް ހިނގެން ފެށިއެވެ. އެހެން ހުއްޓާ އޭނާއަށް ސިހުން ލިބުނީ ބަތީލާ އޭނާއަށް ގޮވައިލުމުންނެވެ.
"މަންމާ…" ފިޔަވަޅުތައް މަޑުޖައްސައިލަމުން ނަމީރު ބަތީލާއަށް ބަލައިލިއެވެ.
"ބައްޕަ… ބައްޕަ ކޮބައިތޯ؟" އޭނަ ސުވާލުކޮށްލިއެވެ.
"ބައްޕަ އެބަ އޮންނެވި އަރާމުކޮށްލަން. ދަރިފުޅު ހާދަ ނުތަނަވަސްވެފަހެން ހީވެޔޭ. ކަމެއްވީތަ؟" ބަތީލާ ނުކުތީ ކޮންމެވެސް އެހެން ކަމެއްގައި ނަމަވެސް ނަމީރު ފެނުމާއެކު އޭނާ ކުރަން އައި ކަންތައްމަތިންވެސް ހަނދާންނެތުނެވެ. ތެމިފައި ހުރި ނަމީރުގެ މޫނުމަތި ވެސް ވަނީ މިލާފައެވެ. އޭނާ ހުރި އިންތިހާއަށް ދެރަވެސް ވެފައެވެ.
"ނިކަން މަންމައަށް ކިޔައިދީބަލަ ތި ވެގެން އުޅޭ ގޮތެއް." ބަތީލާ އޯގާތެރިކަމާއެކު ބުނެލިއެވެ.
"މަންމާ. އަޅުގަނޑު މިއައީ ބިންގަރާހަށް ގޮސްފަ." ނަމީރު އެހެން ބުނެލުމާއެކު ވީ ގޮތް ބަތީލާއަށް ނަގައިގަނެވުނެވެ. އިތުރު ސުވާލެއް ކުރާކަށްވެސް އޭނާއަކަށް ނުޖެހުނެވެ. ބޭނުންވި ޖަވާބު ލިބިއްޖެއެވެ.
"ރައާބިލްގެ ޙާލު ވަރަށް ދެރަ މަންމާ. އޭނަ ވަރަށް ބަލި. އެމީހުން ދޭ ބޭހަކުން ވެސް ހިޔެއް ނުވޭ އަސަރުކުރާހެނެއް." ނަމީރު އިސްޖަހައިލިއެވެ.
"ދަރިފުޅު ބޭނުންވަނީ މަންމަ ބޭހެއް ތައްޔާރުކޮށްދޭންތަ؟" ނަމީރުގެ ބޭނުން އެނގޭފަދައަކުން ބަތީލާ ސުވާލުކޮށްލިއެވެ. އެއާއެކު ނަމީރު ބޯ ޖަހައިލިއެވެ.
"އަދި މިވީހާ ދުވަހު އޭނަ އެހާ ބަލިވެފައި އޮއްވާ އަޅުގަނޑު ނުދެކެން. ތެދުވާނެ ހިތްވަރުވެސް އޭނަ ގައިގަ ނެތް." ނަމީރަށް ބުނެވުނެވެ. ހިތުގެ އިޙްސާސް ބަތީލާ ކައިރީގައި އޭނާއަށް ހާމަކޮށްލެވުނެވެ. ބަތީލާއަކީ އޯގާތެރި އަންހެނެކެވެ. އެހެން މީހުންގެ އިޙްސާސްތަކަށް ޤަދަރުކުރަން ދަންނަ މީހެއްވެސް މެއެވެ. ދަރީންނަށް އޭނާއާ ކަންތައްތައް ހިއްސާކުރަން އެންމެ ފަސޭހަވަނީވެސް އިންޖާބުގެ ހުންނަ ހަރުކަށި ގޮތް އޭނާގެ ނުހުންނާތީއެވެ.
"އިރާދުކުރެއްވިއްޔާ މަންމަ މާދަމާ ތިކަމާ އުޅެދޭނަން. އެކަމަކު މިވަގުތު ހިޔެއް ނުވޭ ބޭނުންވާ ބައެއް ފަތްޕިލާވެލި ހުރިހެނެއް. ހުރިހާ އެއްޗެއް ލިބިގެން ރަނގަޅު ބޭހެއް ތައްޔާރުކޮށްލެވޭނީ." ބަތީލާ ބުނެލިއެވެ. އޭނާއަކީ މޮޅު ބޭސްވެރިއެކެވެ. އެ ޝަހަރުގައި ހުރި އެންމެ ކުޅަދާނަ ބޭސްވެރިޔާއޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. އޭނާ އިސްވެ ހުރެ ބޭސްވެރިކަން އެތަކެއް ބަޔަކަށް ދަސްކޮށްދީފައިވެސް ވާނެއެވެ.
"މަންމަ ބޭނުންވާ އެއްޗެހީގެ ނަންތައް ބުނެދެއްވާ. އޭރުން ވިއްސާރަ އަލިކޮށްލިއްޔާ ފަތިހުން ގޮސް އަޅުގަނޑު އެ އެއްޗެހި ގެނެސްދޭނަން." ނަމީރު ބުނެލިއެވެ. އަދި އޭނާ ބަތީލާއަށް ޝުކުރު އަދާކުރިއެވެ.
"އިރާދުކުރެއްވިއްޔާ އޭނަ ރަނގަޅުވާނެ." ބަތީލާ ނަމީރުގެ ކޮނޑުގައި ކުޑަކޮށް އަތް ޖައްސައިލިއެވެ.
ބަތީލާ އޭނާ ބޭނުންވާ އެކި ކަހަލަ ފަތްޕިލާވެލީގެ ބާވަތްތައް ނަމީރަށް ކިޔައިދިނެވެ. އަދި އެ އެއްޗެހި ގެނެސްދިނުމަށް އެދުނެވެ. ނަމީރުވެސް ބަތީލާގެ އަތް ނަގާ އެ އަތަށް ބޮސް ދިނެވެ. އަދި އަދިވެސް އެއްފަހަރު ޝުކުރު އަދާކޮށްލިއެވެ. އޭނާ މައްޗަށް ގޮސް ކޮޓަރިއަށް ވަތްއިރު ވެސް ޝައިސްތާ އިނީ އޭނާގެ އިންތިޒާރުގައެވެ.
"ރައާބިލް ކިހިނެއް؟" އޭނަ ފެނުމާއެކު ސޯފާއިން ތެދުވެ ޝައިސްތާ ސުވާލުކޮށްލިއެވެ.
"ވަރަށް ޙާލު ދެރަ. މަންމަ ކައިރީގައި ބޭހެއް ހަދައިދޭން ބުނެފަ މިއައީ. ފަތިހުން އަހަރެން ޖެހޭނެ ވިއްސާރަ އަލި ވިއްޔާ މަންމަ އެބުނާ އެއްޗެހި ގެނެސްދޭން ދާން. ބައްޕަވެސް ވަޒީރުންނާ ބައްދަލުކުރަން މާދަމާ މައިދާނަށް ދާ ވާހަކަ ބުނި." ނަމީރު ބުނެލިއެވެ.
"އެހެންވިއްޔާ އަރާމުކޮށްލަންވީނު. އެކި ތަންތަނުންނެއްނު މަންމަ އެބުނާ އެއްޗެހި ހޯދޭނީވެސް." ޝައިސްތާ ބުނެލިއެވެ.
"އާނ." ނަމީރު ޝައިސްތާގެ ކައިރިއަށް ގޮސް ހުއްޓުމަށްފަހު ހިނިތުންވެލިއެވެ.
"އެކަމާ ދެން އެހާ ބޮޑަށް ނުވިސްނާ. ހުރިހާކަމެއްވެސް އިރާދުކުރެއްވިއްޔާ ރަނގަޅުވާނެ." ޝައިސްތާ ބޭނުންވީ އޭނާގެ ލޯބިވާ ފިރިމީހާގެ ހިތްހަމަޖައްސުވައިދޭށެވެ. އެހެންކަމުން އޭނާ އޯގާތެރިކަމާއެކު ބުނެލާފައި ނަމީރުގެ ގައިގައި ބައްދައިލިއެވެ. އެހިތަށް ތަސައްލީއެއް ދޭން އޭނާ ބޭނުންވެއެވެ.
"މާޒީގެ ހަނދާން އަހަރެން ކިހިނެއް ފުހެލާނީ. އެ ހަނދާންތައް ދުވަހަކު ވެސް ނުފިލާނެ." ނަމީރަށް ހުރި ގޮތަށް ހުރެ ބުނެވުނެވެ. ޝައިސްތާ ނަމީރުގެ ބުރަކަށީގައި މަޑުމަޑުން ފިރުމައިލިއެވެ. ނަމީރަށް ލިބިފައިވާ ނުތަނަވަސްކަން އޭނާއަށް އެނގެއެވެ. އަދި އޭނާ ދެރަވެފައިވާ މިންވަރުވެސް ވެއެވެ.
ލޯބިވާ އަނބިމީހާގެ ފަރާތުން ލިބުނު އޯގާތެރި ބަސްތަކުން ނަމީރުގެ ހިތަށް ކުޑަ ތަސައްލީއެއް ލިބިގެން ދިޔައެވެ. އޭނާ އެތަކެއް އިރަކު އެހެން ޝައިސްތާގެ ކައިރީގައި ހުއްޓެވެ. ދުރަށް ދާން ބޭނުންނުވެފައި ހުރި ފަދައަކުންނެވެ. އޭނާގެ ހިތުގެ އިޙްސާސްތައް ޝައިސްތާއަށް ވުރެ ބޮޑަށް ފަހުމްވާނެ އިތުރު މީހަކު ނެތްކަން ޚުދު ނަމީރަށްވެސް އެނގެއެވެ. އެކުގައި މިހާ ދުވަހު އުޅުނުއިރު ޝައިސްތާ ވެފައިވަނީ އޭނާގެ އިޙްސާސްތައް ނުހަނު ފަސޭހައިން ދެނެގަންނަ އޭނާގެ އިޙްސާސްތަކަށް ޤަދަރުކުރާ ޙަޔާތުގެ ބައިވެރިއަކަށެވެ.
ނަސީބަކުން ފަތިސްވެގެން އައިއިރު، ވިއްސާރަ ހުއްޓާލައިފިއެވެ. ތޫފާން މައިތިރިވެލާ ވައި މަޑުވި ނަމަވެސް، އުޑުމަތި އޮތީ ބަނަކޮށެވެ. ވިއްސާރަ ވިލާތައް ކޮންމެވެސް ވަރަކަށް އުޑުމަތީގައި ދައުރުވަމުން ދިޔައެވެ. ގަނޑުވަރުން ބޭރަށް ނުކުތް ނަމީރު ދެފަރާތަށް ބަލައިލާފައި އުދުއްސައިގަތެވެ. އޭނާ އުދުހިގަތްއިރު ނާވީ ފަދަ ފެހިނޫ އައްޔެއް އޭނާގެ ވަށައިގެން އުފެދިގެން ދިޔައެވެ. ހަމައެއާއެކު އެ އަލިކަމުގެ ތެރެއިން ފިޔަގަނޑެއް ހުޅުވިގެން ދިޔައެވެ.
ނަމީރު ބަތީލާ ބުނި އެއްޗެހި ހިފައިގެން އައިއިރު، އިރު އަރައިފިއެވެ. އޭނާ ގޮސް ބަތީލާ ބޭސް ވެރިކަން ކަމަށް ޚާއްސަކޮށްފައިވާ ކޮޓަރިއަށް ވަނެވެ. އޭރު ބަތީލާ އޭނާގެ މަސައްކަތުގައި އުޅެއެވެ. ނަމީރު ފެނުމާއެކު އޭނާ ބުނި އެއްޗެހި ގެނައީތޯ ބަތީލާ ސުވާކޮށްލިއެވެ. އެއާއެކު އުނަގަނޑުގައި އަޅުވާފައި އޮތް ފޮތި ދަބަސް ނައްޓާލަމުން އޭނާ އެ ދަބަސް ބަތީލާއާ ހަވާލުކޮށްލިއެވެ. އަދި އެއްޗެހި ހަމަތޯ ބަލައިދިނުމަށް އެދުނެވެ.
"އާނ. މި އެއްޗެހި ރަނގަޅު." އޭގައި ހުރީ ދެވައްތަރެއްގެ މުލަކާއި، ފަތްތަކެކެވެ. އޭގެ އިތުރުން ދަނބުކުލައިގެ މަލެއްވެސް ހުއްޓެވެ. ބަތީލާ އެ އެއްޗެހިތައް މުގުރާލާފައި އޭނާ ކުރިން ތައްޔާރުކޮށްފައި ހުރި ދިޔާ ބޭސްފުޅީގެ ތެރެއަށް އަޅައިލިއެވެ. އަދި އެ ނަމީރަށް ދިނެވެ.
"މި ގެންގޮސް ދީފަ ބުނޭ ދުވާލު ދެ އިރު ރައާބިލްއަށް ދޭން. އޭރުން އިރާދުކުރެއްވިއްޔާ އޭނާ ދާދި އަވަހަށް ރަނގަޅުވެދާނެ." ބަތީލާ އޭނާގެ އަތުގައި އޮތް ބިއްލޫރި ފުޅި ނަމީރަށް ދިއްކޮށްލިއެވެ. ނަމީރު އޭގައި ހިފަމުން، އޭނާގެ މަންމައަށް ޝުކުރު އަދާކުރިއެވެ. އަދި ބިންގަރާހަށް ދިޔުމަށްޓަކައި ގޮސް ގަނޑުވަރުން ނުކުތެވެ.
އެތަނަށް ދެވުމާއެކު ޚަބަރު ލިބުނީ ރައާބިލްގެ ޙާލު ރެއަށްވުރެ ދެރަކަމުގައެވެ. އޭނާ އަވަސް އަވަސް ގޮސް ރައާބިލް އޮތް ގޮޅި ކައިރީގައި މަޑުކޮށްލަމުން ފާރަވެރިއަކަށް ގޮވައިލިއެވެ. އަދި އެ އެއްޗެހި ރައާބިލްއަށް ދޭންޖެހޭ ގޮތް ކިޔައިދީފައި ފުޅި ދިނެވެ. ރައާބިލް އޮތީ ކުރިން ވެސް އޮތްހެން ނަމީރަށް ފުރަގަސްދީގެންނެވެ.
"ރައާބިލް. އަހަރެން މިއައީ ކަލެއަށް ބޭސް ހިފައިގެން." ނަމީރު ތޭރިތަކުގެ ކައިރީގައި މަޑުކޮށްލަމުން ބުނެލިއެވެ.
"އަހަރެން ކަލޭގެ އިހުސާންތެރިކަމެއް ބޭނުމެއް ނޫން." ރައާބިލް ދެކޮޅު ހެދިއެވެ. ފާޅުގައި އޭނާ އެކަމަށް އިންކާރުކުރިއެވެ. ބަލިކަށިވެފައިވީ ނަމަވެސް ނަމީރުގެ އެއްވެސް އެހީއެއް އޭނާ ބޭނުމެއް ނޫނެވެ.
(ނުނިމޭ)