ހުޅަނގު މޫސުމުގެ ހަތްވަނަ ނަކަތް "ފުނޯސް" ނިމި، "ފުސް" ނަކަތް ވެސް ފެށިފައިވާއިރު, މުޅި ރާއްޖެއަށް މިހާރު ކުރަމުން އަންނަ ވިއްސާރައިގައި ވައިގަދަވެ, ހުޅުމާލޭގެ ގިނަ ގަސްތަކެއް ވެއްޓި, ބިމާހަމަވެއްޖެއެވެ.
ރޭ ފަތިހުން ފެށިގެން މާލެ ސަރަހައްދަށް ވަރަށް ވިއްސާރަކޮށް, ވައި ގަދަވެފައިވާއިރު އެންމެ ބޮޑެތި ގެއްލުންތަކެއް ލިބިފައި ވަނީ ހުޅުމާލެއަށެވެ. އެގޮތުން، ގިނަ ލަގްޒަރީ ފްލެޓްތަކެއް ހުންނަ, ހުޅުމާލޭ ފިތުރޯން މަގުގެ އެއް ފަރާތުގައި ހައްދާފައި ހުރި ބައެއް ބިޔަ ފިތުރޯން ގަސްތައް ވަނީ މުލުން ލުހި މަގުތަކަށް ވެއްޓިފައެވެ. އަނެއްބައި ގަސްތަކުގެ ބޮޑެތި އޮފިތައް ވަނީ ވެއްޓިފައެވެ.

މިއަދު ހެނދުނު ކުރި ވިއްސާރައިގައި ހުޅުމާލޭގެ ގަހެއް ވެއްޓިފައި-- ސަން ފޮޓޯ/ މުޙައްމަދު ޝިހާމް
މިގޮތަށް ބައެއް ގަސްގަހާއި ގޮފިތައް ވެއްޓުމުގެ ސަބަބުން އެ ސަރަހައްދުތަކުގައި ޕާކްކޮށްފައި ހުރި ވެހިކަލްތަކަށް ބޮޑެތި ގެއްލުންތަކެއް ވެފައިވެއެވެ. އަދި، ބައެއް މަގުތައް ވަނީ ބަންދުވެފައެވެ.
ހުޅުމާލޭގެ އިތުރުން މާލޭގެ ބައެއް މަގުތަކުގައި ހުރި ގަސްތައް ވެސް ވަނީ ވެއްޓިފައެވެ.
ފުލުހުން މިއަދު ބުނީ، މިހާރު ކުރަމުންދާ ވިއްސާރާގައި ވައިގަދެވެ މާލޭގެ ބައެއް ސަރަހައްދުތަކުގައި ގަސް ވެއްޓުމާއި، ފުރާޅު އެއްލާލުން ފަދަ ހާދިސާތައް ހިނގާފައިވާތީ، އެ ސަރަހައްދުތަކުގައި ފުލުހުން ދަނީ ހަރަކާތްތެރިވަމުން ކަމަށެވެ.
ނެޝަނަލް ޑިޒާސްޓާ މެނޭޖުމަންޓް އޮތޯރިޓީ (އެންޑީއެމްއޭ)ގެ ބަހެއް ނުލިބޭތީ ރާއްޖޭގެ އެހެން ހިސާބުތަކަށް ލިބިފައިވާ ގެއްލުންތަކުގެ ތަފުސީލު އަދި ވަނީ ލިބޭގޮތް ނުވެފައެވެ.
މުޅި ރާއްޖެއަށް މޫސުން ގޯސް, ބޮޑު ސަރަހައްދަކަށް ރީނދޫ އެލާޓް
މޫސުމާ ބެހޭ ގައުމީ އިދާރާ, މެޓްއިން ވަނީ މިއަދު ހެނދުނު 9:30 އިން މެންދުރު 13:30 އާ ހަމައަށް ހއ. އަތޮޅުން ފެށިގެން ފ. އަތޮޅާ ހަމައަށް ރީނދޫ ސަމާލު ނެރެފައެވެ. އެ ވަގުތުތަކުގައި އެ ބޮޑު ސަރަހައްދަށް ގަޑިއަކު 25 މެއިލާއި 30 މެއިލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށާއި ވިލާގަނޑުގައި ގަޑިއިރަކު 50 މެއިލަށް ވައިގަދަ ވާނެ ކަމަށް މެޓުން ލަފާ ކުރެއެވެ. އޭގެ ސަބަބުން ކަނޑުތައް ވަރަށް ގަދަ ވާނެ ކަމަށް މެޓުން ލަފާ ކުރެއެވެ.
މެޓުން ވަނީ މިއަދު ހެނދުނު 11:00 އިން ހަވީރު 17:00 އަށް ދ. އަތޮޅުން ފެށިގެން އައްޑޫސިޓީއާ ހަމައަށް ހުދު ސަމާލު ވެސް ނެރެފައެވެ. އެ މުއްދަތުގައި އެ ސަރަހައްދަށް ބޯކޮށް ވާރޭވެހި, ގުގުރުން އެކަށީގެންވާ ކަމަށް މެޓުން ބުނެއެވެ.
ހުޅަނގު މޫސުމުގެ އަށްވަނަ ނަކަތް ކުރިއަށްދާނީ ކޮންމެ އަހަރެއްގެ ވެސް ޖުލައި މަހުގެ 15 އިން 28އަށެވެ. މި ނަކަތުގައި އާއްމު ގޮތެއްގައި ވައިގަދަވެ, ވިއްސާރަ ކުރާނެއެވެ.
މެޓުގެ ތަފާސްހިސާބުތައް ދައްކާގޮތުން އިއްޔެ ހެނދުނު 8:00 އިން މިއަދު ހެނދުނު 8:00 އަށް ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ވަނީ ބޯކޮށް ވާރޭވެހިފައެވެ.