ކާވާ މެންސް ޗެމްޕިއަންސް ލީގުގައި ހެލްޕް ނޭޕާލް އަތުން ބަލިވެ ރާއްޖޭގެ އެޗްޑީސީއަށް ލީގުގައި އުނދަގޫ ހާލަތެއް ކުރިމަތިލާން ޖެހިއްޖެއެވެ.
ސޯޝަލް އިންޑޯގައި ރޭ ކުޅުނު މެޗު ހެލްޕް ނޭޕާލް ކާމިޔާބުކުރީ 3-1 ސެޓުންނެވެ.
މެޗުގައި އެޗްޑީސީ ޓީމުގެ ފަރާތުން ފެނުނީ ދަށް ކުޅުމެކެވެ. ނަމަވެސް ރަނގަޅަށް ކުޅުނު ދަނޑިވަޅުތަކެއް ވެސް ފެނުނެވެ. ގާތްގާތުގައި މެޗުތައް ކުޅެން ޖެހުމުން ޓީމަށް އެ އުނދަގޫތައް ކުރިމަތިލާން ޖެހުނެވެ.
މިއީ މި މުބާރާތުގައި އެޗްޑީސީގެ ދެވަނަ ބައްޔެވެ. ފުރަތަމަ މެޗުގައި އެޗްޑީސީ ވަނީ ކިރްގިސްތާނުގެ ބިޝްކެކް އަތުން ބަލިވެފައެވެ. އެހެންކަމުން ރޭންކިންގެ އެއްވަނަ ހޯދުމަށް ކުރާ މަސައްކަތަށް އިތުރު ހުރަސްތަކާ ވަނީ ކުރިމަތިލާން ޖެހިފައެވެ.

އެޗްޑީސީއާ ދެކޮޅަށް ކުޅެ ކާމިޔާބު ހޯދީ ހެލްޕް ނޭޕާލްއިން -- ސަން ފޮޓޯ/ މޫސާ ނަދީމް
މި ނަތީޖާއާއެކު ނޭޕާލަށް ވަނީ ރޭންކިންގެ އެއްވަނަ ހޯދުމަށް ކުރާ މަސައްކަތަށް އިތުރު ހިތްވަރެއް ލިބިފައެވެ. ފުރަތަމަ މެޗުގައި ނޭޕާލް ވަނީ ސިފައިން 3-2 ސެޓުން ބަލިކޮށްފައެވެ.
އެޗްޑީސީއާ ދެކޮޅަށް ކުޅުނު މެޗުގެ ފުރަތަމަ ސެޓު ހެލްޕް ނޭޕާލް ކާމިޔާބުކުރީ 25-19 އިންނެވެ. ދެވަނަ ސެޓު 25-23 އިން ކާމިޔާބުކުރި ނަމަވެސް ތިންވަނަ ސެޓު އެޗްޑީސީ ކާމިޔާބުކުރީ 25-19 އިންނެވެ. އަދި ހަތަރުވަނަ ސެޓު ނޭޕާލް ކާމިޔާބުކުރީ 25-22 އިންނެވެ.

ނޭޕާލްގެ ސަޕޯޓަރުން ސޯޝަލް ސެންޓަރަށް ވަދެ، ޓީމަށް ތަރުހީބު ދީފައިވޭ -- ސަން ފޮޓޯ/ މޫސާ ނަދީމް
މުބާރާތުގައި މިއަދު ވެސް ތިން މެޗު ކުޅޭނެއެވެ. ފުރަތަމަ މެޗުގައި 13:30 ގައި ހެލްޕް ނޭޕާލާ ކިރްގިސްތާނުގެ ބިޝްކެކް ބައްދަލުކުރާއިރު، ދެވަނަ މެޗުގައި 16:30 ގައި ބައްދަލުކުރާނީ އެޗްޑީސީއާއި ކަޒަކިސްތާނުގެ ޒައިކް ވީސީ އެވެ. އަދި ތިންވަނަ މެޗުގައި ރޭގަނޑު 20:45 ގައި ބައްދަލުކުރާނީ ޑީއެސްސީ އާއި ލަންކާގެ ޕޯޓްސް އެވެ.
މި ހުރިހާ މެޗެއް އެސްއެސްޓީވިން ވަގުތުން ގެނެސްދޭނެއެވެ.