އިންޖީނަކަށް ދިމާވި މައްސަލައަކާ ގުޅިގެން މުޅި އައްޑޫ ސިޓީން ކަރަންޓު ކެނޑިއްޖެއެވެ.
އައްޑޫ ފެނަކަ ބްރާންޗްގެ ވައިބާ ޗެނަލްގައި ހިއްސާކޮށްފައިވާ މައުލޫމާތުގައިވާ ގޮތުން، މުޅި އެ ސިޓީން ކަރަންޓު ކެނޑުނީ އިންޖީނަކަށް ދިމާވި މައްސަލައަކާ ގުޅިގެންނެވެ.
އެހެންކަމުން މައްސަލަ ހައްލުކޮށް ކަރަންޓު ދިނުމުގެ މަސައްކަތް ކުރަމުންދާ ކަމަށް، އައްޑޫ ފެނަކައިން ޗެނަލްގައި ހިއްސާކުރި މައުލޫމާތުގައި ވެއެވެ.
އައްޑޫގެ ޑެޕިއުޓީ މޭޔަރު މުހައްމަދު ޝުއާއު "ސަން"އަށް ވިދާޅުވީ، އައްޑޫން ކަރަންޓު ކެނޑުނީ މިރޭ ގާތްގަނޑަކަށް 11:15 ހާއިރު ކަމަށެވެ.
"މިހާރު ކިހިނެއް ވެގެންތޯ [ކަރަންޓު ކެނޑުނީ] ބަލާފަ އަޕްޑޭޓެއް ދޭނެ ކަމަށް [ފެނަކައިން ބުނީ]،" ފެނަކަ އާ ހަވާލާ ދެއްވާ ޝުއާއު ވިދާޅުވިއެވެ.
އައްޑޫގެ ކަރަންޓުގެ މައްސަލަ ހައްލު ނުވެ މިހާރު ވަނީ ދުވަސްތަކެއް ވެފައެވެ. މިދިޔަ ރޯދަ މަހު ވެސް އައްޑޫގައި މެދުނުކެނޑި ކަރަންޓު ކެނޑުމުގެ ސަބަބުން ރައްޔިތުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
އައްޑުއަށް ކުރިމަތިވެފައިވާ ކަރަންޓުގެ މައްސަލަ ހައްލުކުރުމަށް މިދިޔަ މާޗް މަހުގެ 13ވަނަ ދުވަހު އެ ސިޓީއަށް އެއް މެގަވޮޓުގެ ޖެނެރޭޓަރު ސެޓެއް ގެންދިޔައެވެ. އެއަށްފަހު ހަމަ އެ މަހުގެ 25ވަނަ ދުވަހު ވަނީ 1.8 މެގަވޮޓްގެ އިތުރު ޖަނަރޭޓަރެއް އެ ސިޓީއަށް ފޮނުވައިފައެވެ. އެ ޖަނަރޭޓަރު އޮޕަރޭޝަނަށް ގެނައީ މާޗް މަހުގެ 31ވަނަ ދުވަހުގައެވެ.
އައްޑޫއަކީ ރާއްޖޭގެ ދެވަނައަށް އެންމެ ބޮޑު އާބާދީއެވެ.
ފެނަކައިންނާއި އައްޑޫ ސިޓީ ކައުންސިލުން ވެސް މީގެ ކުރިން ބުނި ގޮތުގައި އައްޑޫގެ ކަރަންޓުގެ މައްސަލަ ހައްލުކުރުމަށް ބޭނުންވަނީ 15 ކިލޯވޯޓްގެ ޖަނަރޭޓަރެވެ.
ގިނަ ބަޔަކު ދެކޭ ގޮތުގައި އައްޑޫގެ ކަރަންޓު މައްސަލަ ހައްލުވާނީ އެތަނުގައި އަލަށް ގާއިމުކުރާ ޕަވާ ހައުސް ނިމުމުންނެވެ. ނަމަވެސް އެ ތަނުގެ މަސައްކަތް ވެސް މި ސަރުކާރުން ޗައިނާގެ ކުންފުންޏަކާ ހަވާލުކުރުމަށްފަހު އަދިވެސް މަޝްރޫއުގެ އަމަލީ މަސައްކަތް ފަށާފައެއް ނުވެއެވެ.
އައްޑޫ ސިޓީ ކައުންސިލާއި އެ ސިޓީއަށް ނިސްބަތްވެ ވަޑައިގަންނަވާ މަޖިލިސް މެންބަރުން ވެސް ދަނީ މި މައްސަލައިގައި ކަންބޮޑުވުން ފާޅުކޮށް، ފެނަކައިގެ އިހުމާލު އޮތްކަމުގެ ތުހުމަތު ކުރައްވަމުންނެވެ.