ޑްރަގާއެކު އިއްޔެ ހައްޔަރުކުރި ފުލުސް އޮފިސަރު ކޮކެއިނަށް ޕޮޒިޓިވް

ޑްރަގާއެކު އިއްޔެ ހައްޔަރުކުރި ފުލުސް އޮފިސަރު ޝިޔާޒާ: މިވަގުތު ސަސްޕެންޝަންގައި ހުރި ޝިޔާޒާގެ ކުޑަކަމުދާ ތަކެތި ކޮކެއިނަށް ޕޮޒިޓިވް --- ފޮޓޯ: ފުލުހުން

މަސްތުވާތަކެތި ބަލައިދާ ކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން އިއްޔެ ހައްޔަރުކުރި ފުލުސް އޮފިސަރު އައިޝަތު ޝިޔާޒާ އާއި ސައިފުالله އަހްމަދު ކޮކެއިންއަށް ޕޮޒިޓިވް ކަމަށް، ކްރިމިނަލް ކޯޓުގެ ބަންދު އަމުރުން ހާމަވެއްޖެއެވެ.

ފުލުހުން އިއްޔެ އާންމުކުރި ގޮތުގައި ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން، ފުލުހުންގެ އިންޓެލިޖެންސާއި ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ޝިޔާޒާއި އާއި ސައިފުالله ހައްޔަރުކުރީ އިއްޔެ ހަވީރުގެ ވަގުތެއްގައި މާފަންނު ވިޔަފާރިވެރިންގެ މިސްކިތް ކައިރިންނެވެ.

ޝިޔާޒާ އަކީ ފުލުހެއް ކަމަށްވާއިރު ސައިފުالله ވަނީ ކުރިން ނޫސްވެރިކަން ކޮށްފައެވެ. ވަގުތު ނޫހުގައި މީގެ އަހަރެއް ކުރިން މަސައްކަތް ކުރި އިރު، އޭނާ ވަނީ މީޑިއާ ކައުންސިލުން ދޭ އެވޯޑު ވެސް ހާސިލުކޮށްފައެވެ.

މަސްތުވަތަކެތީގެ މައްސަލައިގައި ހައްޔަރުކުރި ސައިފުﷲ --

ދެ މީހުންގެ ތެރެއިން ޝިޔާޒާ ފަސް ދުވަހަށް، އަދި ސައިފުالله 10 ދުވަހަށް ބަންދުކުރަން ކްރިމިނަލް ކޯޓުން ވަނީ އިއްޔެ އަމުރުކޮށްފައެވެ.

ކޯޓުން އިއްޔެ ދެ މީހުން ބަންދުކުރަން ނިންމައި އާންމުކުރި ވަކި ދެ އަމުރުގައިވާ ގޮތުން، ފުލުހުން ޝިޔާޒާ އާއި ސައިފުالله ހުއްޓުވާފައިވަނީ ދެ މީހުން މަސްތުވާތަކެތި ބަލައި ދިޔަ ވަގުތެއްގައެވެ. އެއަށްފަހު ސައިފުاللهގެ ފަހަތުގައި އިން ޝިޔާޒާގެ ދަބަސް ބަލައި ފާސްކުރުމުން، މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ތިން ރަބަރު ޕެކެޓު ފެނިފައިވާ ކަމަށް އަމުރުގައި ވެއެވެ.

ދެ މީހުންގެ ކުޑަކަމުދާ ތަކެތި މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ކޮކެއިނަށް ޕޮޒިޓިވް ކަމަށް، ބަންދު އަމުރުގައި ވެއެވެ.

މި މައްސަލައާ ގުޅިގެން ފުލުހުން ވަނީ މައްސަލަ ބަލައި ނިމެންދެން ޝިޔާޒާ ވަޒީފާއިން ސަސްޕެންޑުކޮށްފައެވެ.

ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ އަހަރު މަސްތުވާތަކެތީގެ ޖުމްލަ 1،673 މައްސަލައެއް ހުށަހަޅާފައިވެއެވެ. އަދި މި އަހަރުގެ މިހާތަނަށް 1,010 މައްސަލައެއް ހުށަހަޅާފައިވެއެވެ. އެއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ހުށަހެޅި މަސްތުވާތަކެތީގެ މައްސަލަތަކަށް ވުރެ 27 މައްސަލަ އިތުރު އަދަދެކެވެ.

comment ކޮމެންޓް