އެގްޒޯސްޓަކުން ކަރަންޓު ޝޯޓުވެގެން ރޯވެ، ހިޔާ ފުލެޓަކަށް ގެއްލުންތަކެއް

ރޯވި ހިޔާ ފްލެޓު: އެ ހާދިސާ ހިނގީ ކަރަންޓު ޝޯޓެއް ވުމުގެ ސަބަބުން -- ފޮޓޯ/ އެމްއެންޑީއެފް

އެކްޒޯސްޓަކުން ކަރަންޓް ޝޯޓްވުމުގެ ސަބަބުން މިއަދު ހިޔާ ފްލެޓެއްގައި ރޯވެ، ގެއްލުންތަކެއް ލިބިއްޖެއެވެ.

ހިޔާ ފުލެޓެއްގައި ރޯވެފައިވާ މަންޒަރު ފެންނަ ވީޑިއޯތަކެއް ސޯޝަލް މީޑިއާގައި އާންމުވެފައިވާއިރު، ފުލެޓުގެ ބެލްކަނިން ހުޅުގަނޑު ފެނެއެވެ. އަދި އެއްޗެއް ގޮވާ އަޑު ވެސް ބައެއް ވީޑިއޯތަކުން ފެނެއެވެ.

އެމްއެންޑީއެފުން ބުނީ އަލިފާން ރޯވީ ހިޔާގެ 11 ވަނަ ޓަވަރުގެ ތިން ވަނަ ފަންގިފިލާގައި ހުރި އެޕާޓްމަންޓެއްގައި ކަމަށެވެ. އެ ހާދިސާގެ މައުލޫމާތު ލިބުނީ 11:25 ހާ އިރު ކަމަށާއި އެއާއެކު އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިޔު ސާވިސްއިން އެ ސަރަހައްދަށް ދިޔަ ކަމަށް ސިފައިން ބުންޏެވެ.

އެމްއެންޑީއެފުން ބުނީ އަލިފާން ރޯވީ، އެޕާޓްމަންޓެއްގެ ބެލްކަނީގައި ބަހައްޓާފައި ހުރި އެކްޒޯސްޓަކުން ކަރަންޓް ޝޯޓް ވެގެން ކަމަށެވެ.

އަލިފާންގަނޑު މިހާރު ނިއްވާލައިފައިވާއިރު، އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ. ނަމަވެސް، އެޕާޓްމަންޓުގެ ބެލްކަންޏަށް ބައެއް ގެއްލުންތައް ވެފައިވާ ކަމަށް ސިފައިން ބުންޏެވެ.

ބޮޑު އާބާދީއެއް އޮންނަ ހިޔާ ޓަވަރުތަކުގައި މީގެ ކުރިން ވެސް އަލިފާނުގެ ހާދިސާތައް ހިނގާފައި އެބަހުއްޓެވެ.

މީގެ އިތުރުން މިދިޔަ ހޮނިހިރު ދުވަހު ހުޅުމާލޭ ފުރަތަމަ ފިޔަވަހީގެ އެޕާޓްމެންޓެއްގެ ކޮޓަރިއެއްގައި ވެސް ރޯވެފައިވެއެވެ. އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާނުވި ނަަމަވެސް ރޯވި ކޮޓަރި ވަނީ ބޭނުންނުކުރެވޭ ވަރަށް އަނދައިފައެވެ.

އެ ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް މިހާތަނަށް އެމްއެންޑީއެފުން ހާމަކޮށްފައިނުވެއެވެ.

comment ކޮމެންޓް