ޖުމްލަ 52 ގްރާމްގެ ޑުރަގާއެކު ލ. ގަމާއި ދަނބިދޫން ދެ މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން މިއަދު ބުނީ ބުރާސްފަތި ދުވަހު ލ. ގަމުގައި، އެ ރަށު ޕޮލިހާއި ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން މަސްތުވާތަކެތީގެ އޮޕަރޭޝަނެއް ހިންގާފައިވާ ކަމަށެވެ. އެ އޮޕަރޭޝަނަށްފަހު ކޯޓު އަމުރެއްގެ ދަށުން އުމުރުން 60 އަހަރުގެ ފިރިހެނެއް ހައްޔަރުކުރި ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ އެ އޮޕަރޭޝަނުގައި އޭނާ ދިރިއުޅޭ ގެ ބަލައިފާސްކޮށްފައިވާ ކަމަށެވެ. އަދި މަސްތުވާތަކެތި ކަަމަށް ބެލެވޭ ތަކެއްޗާއި މަސްތުވާތަކެތީގެ ވިޔަފާރިކުރަން ބޭނުންކުރާކަމަށް ބެލެވޭ ތަކެތި ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ. އެގޮތުން، މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެތީގެ ވަގުތީ ބަރުދަނުގައި 5.39 ގުރާމް ހުރި ކަމަށް ވެސް އެ މުއައްސަސާއިން ބުންޏެވެ.
ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން އެ މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 10 ދުވަހަށް ބަންދުކުރުމަށް އަމުރުކުރި ކަމަށެވެ.
ފުލުހުން ބުނީ ބުރާސްފަތި ދުވަހު ލ. ދަނބިދޫގައި ވެސް، އެ ރަށު ފުލުހުންނާއި ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން އޮޕަރޭޝަނެއް ހިންގި ކަމަށެވެ.
އެ އޮޕަރޭޝަނުގައި، ދަނބިދޫ ބަނދަރު މަތިން 55 އަހަރުގެ ފިރިހެނެއް ހައްޔަރުކޮށް ބަލައިފާސްކުރި ކަމަށް އެ މުއައްސަސާއިން ބުންޏެވެ. އޭނާ ބަލައިފާސްކުރުމުގެ ތެރެއިން މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެތި ފެނިފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ. އެ ތަކެތީގެ ވަގުތީ ބަރުދަނަކީ 46.32 ގުރާމް ކަމަށް ވެސް ފުލުހުން ބުންޏެވެ.
އެ މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ފަސް ދުވަހަށް ބަންދުކުރުމަށް ކޯޓުން އަމުރުކުރި ކަމަށް ފުލުހުން މައުލޫމާތުދީފައިވެއެވެ.
މި ދެ މައްސަލަ ވެސް ފުލުހުން ގެންދަނީ ތަހުގީގުކުރަމުންނެވެ.
މީގެ އިތުރުން، ބުރާސްފަތި ދުވަހު ހދ. ނޮޅިވަރަމާއި ހދ. ކުޅުދުއްފުށީގައި ވެސް ފުލުހުން ވަނީ ޚާއްސަ އޮޕަރޭޝަނެެއް ކުރިއަށްގެންގޮސްފައެވެ.
ފުލުހުން ބުނީ ނޮޅިވަރަމަށް މަސްތުވާތަކެތި އެތެރެކުރަން އުޅުމުގެ ތުހުމަތުގައި އުމުރުން 48 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.
އޭނާ ހައްޔަރުކުރީ ނޮޅިވަރަމަށް ދިޔަ ބޯޓަކުން ގެނައި ފޮށިގަނޑަކާއި ޑަބިޔަލެއް ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެތި ހުރި ދެ ޕެކެޓު ފެނުމުން ކަމަށް ފުލުހުން ބުނެފައިވެއެވެ.
އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދުކުރަން ކޯޓުން އަމުރުކޮށްފައިވާ ކަމަށް، ފުލުހުން ބުންޏެވެ.
ރާއްޖެއަށް ދިމާވެފައިވާ އިޖުތިމާއީ އެންމެ ބޮޑު އެއް މައްސަލައަކީ މަސްތުވާތަކެތީގެ މައްސަލަ ކަމަށްވާއިރު، މި އަހަރުގެ މިހާތަނަށް ފުލުހުންނަށް މަސްތުވާތަކެއްޗާ ގުޅުންހުރި 1،619 މައްސަލަ ރިޕޯޓުކޮށްފައިވެއެވެ.