ސޫދާނުގެ ބާޣީން ހިންގާ ބިރުވެރި ގަތުލުއާންމުތައް ތަހުގީގު ކުރަންޖެހޭ: އދ.

ސޫދާނުގެ އާރުއެސްއެފްގެ ބާޣީ ހަނގުރާމަވެރިން

އދ. މަޖިލިސް (1 ނޮވެންބަރު 2025): ގަދަބާރުން ސޫދާނުގެ ސަރުކާރު ވައްޓާލައި ބަޣާވާތަކުން އެގައުމުގެ ވެރިކަން އަތުލުމަށް މަސައްކަތްކުރާ ބާޣީ ޖަމާއަތް ކަމަށްވާ ރެޕިޑް ސަޕޯޓް ފޯސަސް (އާރުއެސްއެފް) އިން އެގައުމުގެ އަލްފާޝިރު ސިޓީގައި ހިންގާފައިވާ ގަތުލުއާންމުތައް ބަލައި ތަހުގީގު ކުރަންޖެހޭކަމަށް އދ.އިން ބުނެފިއެވެ.

އިންސާނީ ހައްގުތަކާބެހޭ އދ.ގެ ހައިކޮމިޝަނާގެ އޮފީހުން ބުނީ އަލްފާޝިރުގައި އާންމުންނާ ދެކޮޅަށް ހިންގާފައިވަނީ ބިރުވެރި ގަތުލުއާންމުތަކެއް ކަމަށާއި މި ގަތުލުއާންމުތަކާބެހޭ ތަހުގީގުތައްކޮށް ޒިންމާވާ ފަރާތްތައް ބައިނަލްއަގްވާމީ އަދާލަތަށް ހާޒިރު ކުރަންޖެހޭ ކަމުގައެވެ.

އަލްފާޝިރަކީ ސޫދާނުގެ ހުޅަނގުގެ ދާރުފޫރު ސަރަހައްދުގެ އެންމެ މުހިއްމު އަދި ސްޓްރެޓީޖިކް ސިޓީއެވެ.

އިންސާނީ ހައްގުތަކާބެހޭ އދ.ގެ ހައިކޮމިޝަނާގެ ތަރުޖަމާނު ސައިފް މަގާނުގޫ ވިދާޅުވިގޮތުގައި އަލްފާޝިރުގައި އަންހެނުންނާއި ކުޑަކުދިން ހިމެނޭގޮތަށް 17 ސަތޭކައަށް ވުރެ ގިނަ މީހުން ވަރަށް އަނިޔާވެރި ގޮތްގޮތަށް ބަޑިޖަހައިގެންނާއި ތޫނު އެއްޗެހިން ހަމަލާދީންގެ ފާއިތުވި ދެ ދުވަހުގެ ތެރޭގައި މަރާލާފައިވާކަން ރިޕޯޓްތަކުން ހާމަވެއެވެ.

މި ގަތުލުއާންމުތައް ހިންގާފައިވަނީ ސޫދާނުގެ އެންމެ ބޮޑު ބާޣީ ޖަމާއަތްކަމަށްވާ "އާރުއެސްއެފް"ގެ ހަނގުރާމަވެރިން އެ ސިޓީއަށް ވަދެގަތްތާ 24 ގަޑީއިރުވެސް ނުވަނީސްއެވެ.

"އާރުއެސްއެފް"ގެ ހަނގުރާމަވެރިންގެ ތެރޭގައި ދުނިޔޭގެ އެކި ގައުމުތަކުގެ ކުލީ ސިފައިންހިމެނޭކަމަށާ އަދި ގައުމެއްގެ ސިފައިން ގެންގުޅޭވަރުގެ ބަރުހަތިޔާރާއި ހަނގުރާމައިގެ އާލާތްތައް "އާރުއެސްއެފް" ގެ ހަނގުރާމަވެރިން ގެންގުޅޭކަމަށް ސޫދާން ސަރުކާރުން ބުނެއެވެ.

ސޫދާންގެ ޚާރިޖީ ވުޒާރާއިން ވަނީ "އާރުއެސްއެފް"ގެ ފަހަތުގައި ގަލްފުގެ އަރަބި ގައުމެއްކަމަށްވާ ޔުނައިޓެޑް އަރަބް އިމަރޭޓްސް (ޔޫއޭއީ) ވާކަމަށް ރަސްމީކޮށް ތުހުމަތުކޮށް އެމައްސަލަ ބައިނަލްއަގްވާމީ ކޯޓުތަކަށް ވެއްދުމަށް މަސައްކަތްކުރާކަން ހާމަކޮށްފައެވެ.

އެއަށްފަހު ސޫދާނުގެ ބޮޑުވަޒީރުވަނީ "އާރުއެސްއެފް"ގެ ފަހަތުގައި އިސްރާއީލު ވާކަމުގެ ހެކިތައްވެސް އެބަހުރިކަމަށް ދާދިފަހުން ވިދާޅުވެފައެވެ.

"އާރުއެސްއެފް"ގެ ބޭނުމަކީ ގަދަބާރުން ވެރިކަން ހޯދުމުގެ އިތުރުން ސޫދާނުގައި ރަންނަގާ މައިންތަކަށާއި އަގުބޮޑު ނާދިރު މައުދަންތައް ހުންނަ ސަރަހައްދުތަކަށް ވެރިވެގަތުންކަމަށް ސޫދާނުގެ މަސްއޫލުވެރިންނާއި ރައްޔިތުން ދެކެއެވެ.

ބޭރުގެ މުއްސަނދި ގައުމެއްގެ މާލީ އެހީތެރިކަން ނެތްނަމަ ސޫދާންފަދަ ފަގީރު ގައުމެއްގެ ބާޣީ ޖަމާއަތެއްގެ ކޮންޓްރޯލްގެ ދަށުގައި ސޫދާން ސިފައިންގެ ތެރޭގައިވެސް ނެތްވަރަށް ޒަމާނީ ހަތިޔާރާއި ޒަމާނީ ވަސީލަތްތަކާ އޭގެއިތުރުން ބޭރުގެ އެތައް ހާސް ހަނގުރާމަވެރިން ނުތިބޭނެކަމަށާއި ސޫދާނުން ވަގަށްނަގާރަން "އާރުއެސްއެފް" އިން ފޯރުކޮށްދެނީ އެޖަމާއަތަށް މާލީއެހީއާއި ހަތިޔާރު ފޯރުކޮށްދޭ ފަރާތްތަކަށް ކަމަށް ސޫދާން ސަރުކާރުން ބުނެއެވެ.

"އާރުއެސްއެފް"ގެ ހަނގުރާމަވެރިން އަލްފާޝިރުގައި ހިންގި ގަތުލުއާންމުތަކަށްފަހު އެ ސިޓީން ލައްކައެއްހާ އާންމުން އެއްވެސް ވަސީލަތެއްނެތި ފައިމަގުގައި ނުކުމެ މަރަށް ބިރުން ފިލަމުންދާކަމަށް ރިޕޯޓްތައް ބުނެއެވެ.

"އާރުއެސްއެފް"އިން ސޫދާނުގައި ބަޣާވާތްކޮށް ވެރިކަމަށް އަތްގަދަކުރުމަށްޓަކައި ސޫދާނުގައި ދާޚިލީ ހަނގުރާމައެއް ކުރަމުންގެންދާތާ މިހާރުވަނީ ހަތަރު ވަރަކަށް އަހަރު ވެފައެވެ. މި މުއްދަތުގައި ދާޚިލީ ހަނގުރާމައިގާ ސޫދާގެ ނިކަމެތި އާންމު ރައްޔިތުންގެ ދެ ލައްކައަށް ވުރެގިނަ މީހުން މަރާލާފައިވާކަމަށާއި އެއަށްވުރެގިނަމީހުން ޒަޚަމްކޮށްލާފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ. އަދި ސޫދާނުގެ ގިނަ ސަރަހައްދުތައްވެސް ވަނީ ޣައްޒާއެކޭ އެއްގޮތަށް ތަޅައި ބިމާ ހަމަކޮށްލާފައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު