މި އަހަރުގެ ތިންވަނަ ކުއާޓަރުގައި ޓެލެކޮމިއުނިކޭޝަން ކުންފުނި އުރީދޫއަށް 549 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބުނުއިރު، ސާފު ފައިދާއެއްގެ ގޮތުގައި 180 މިލިއަން ރުފިޔާ ލިބިއްޖެއެވެ.
އުރީދޫއިން މިއަދު އާންމުކުރި ތިންވަނަ ކުއާޓަރުގެ ހިސާބުތަކުން އެނގޭ ގޮތުގައި، މިދިޔަ ޖުލައި މަހުން ސެޕްޓެމްބަރު މަހުގެ ނިޔަލަށް އެ ކުންފުންޏަށް 549 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވާއިރު އެއީ ދެވަނަ ކުއާޓަރާ އަޅައިބަލާއިރު އެއް އިންސައްތައިގެ އިތުރުވުމެކެވެ.
ސާފު ފައިދާގެ ގޮތުގައި ލިބުނު 180 މިލިއަން ރުފިޔާއަކީ ކުރީ އަހަރުގެ މި މުއްދަތާ އަޅާ ބަލާއިރު އަށް އިންސައްތައިގެ ކުރިއެރުމެއްކަމަށް އުރީދޫގެ މާލީ ހިސާބުން ދައްކައެވެ.
އުރީދޫއިން ބުނީ އެ ކުންފުނީގެ އާމްދަނީގެ އެންމެ ބޮޑު ހިއްސާއެއް ލިބިފައިވަނީ މޮބައިލް ޚިދުމަތްތަކުން ކަމަށެވެ. އެގޮތުން އުރީދޫގެ މޮބައިލް ޚިދުމަތްތަކުން އެ ކުންފުންޏަށް 404 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވެއެވެ. އުރީދޫއިން ފޯރުކޮށްދޭ އެންޓަޕްރައިޒް ޚިދުމަތްތަކާއި ފިކްސް ބްރޯޑްބޭންޑް ޚިދުމަތްތަކުން 143 މިލިއަން ރުފިޔާ ލިބިފައިވެއެވެ.
މި އަހަރުގެ ތިން ވަނަ ކުއާޓަރުގައި އުރީދޫ ހިންގުމުގެ ޚަރަދަށް 337 މިލިއަން ރުފިޔާ ޚަރަދުވެފައިވެއެވެ. ދެވަނަ ކުއާޓަރުގައި އުރީދޫ ހިންގުމުގެ ޚަރަދުގެ ގޮތުގައި 348 މިލިއަން ރުފިޔާ ހޭދަވެފައިވާ ކަމަށް މާލީ ރިޕޯޓުން ދައްކައެވެ.