ތުހުމަތުކުރާނެ ޖާގައެއް ނެތްކަމަށް ވިދާޅުވެ، ވަހީދުގެ ތުހުމަތު 241 ކޮމިޓީގެ މެންބަރުންނަށް

ކަސްޓަމްސްއިން ވަކިކުރި ދެ ޑެޕިއުޓީ ކޮމިޝަނަރުންގެ ތެރެއިން އަބްދުﷲ ވަހީދު: ވަހީދު ވިދާޅުވީ ތުހުމަތުކުރެވޭނެ ޖާގައެއް ނޯންނާނެ ކަމަށާއި އަލުން ކޮމިޓީން ތަހްގީގުކުރަން ޖެހޭ ކަމަށް --

ވަގަށް ސިނގިރޭޓު އެތެރެކުރި ދެ މައްސަލައަކާ ގުޅިގެން ވަކިކުރި ކަސްޓަމްސްގެ އެއް ޑެޕިއުޓީ ކޮމިޝަނަރު ކަމަށްވާ އަބްދުﷲ ވަހީދަށް ތުހުމަތުކުރެވޭނެ އެއްވެސް ޖާގައެއް ނެތް ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުންނަށް އޭނާ ތުހުމަތުތަކެއް އަމާޒުކުރައްވައިފިއެވެ.

"ސަން" އިން ސުވާލުކުރުމުން ވަހީދު މިއަދު ވިދާޅުވީ، ކަސްޓަމްސްގައި އޭނާގެ މަސްއޫލިއްޔަތަކީ ކަންކަން ރަނގަޅުކުރުމަށް ޓަކައި ލަފާދިނުން ކަމަށާއި، ކަސްޓަމްސްގެ އެންފޯސްމަންޓް މަސައްކަތް ހިނގާނުހިނގާ ގޮތް ބެލުމަކީ އޭނާގެ މަސްއޫލިއްޔަތެއް ނޫން ކަމަށެވެ.

މަގާމުން ވަކިކުރުމުން އޭނާއަށް ލިބުނީ ކުއްލި ޝޮކެއް ކަމަށް ވިދާޅުވެ، ވަހީދު ވިދާޅުވީ ރާއްޖެ އެތެރެކުރާ ޗައިނާގެ ސިނގިރޭޓު ބާވަތްތަކާއި މިހާރު އެތެރެކުރާ "މެންޗެސްޓާ" ބްރޭންޑުގެ ސިނގިރޭޓުތަކަކީ އެއްގޮތަކަށް ވެސް ކަސްޓަމުން ޑެކްލެއާކުރެވި އެތެރެކުރެވޭ ތަކެތިނޫން ކަމަށާއި، އެ ސިނގިރޭޓުތައް އެތެރެކުރެވޭ ގޮތް ކަސްޓަމަށް އަދި ދެނެނުގަނެވޭ ކަމަށެވެ.

https://sun.mv/186905

ތެޔޮ ކުންފުނި ހޯކްސްގެ އުޅަނދެއްގައި ސިނގިރޭޓު އެތެރެކުރި މައްސަލައާ ގުޅޭގޮތުން ވަހީދު ވިދާޅުވީ އެ އުޅަނދުގެ ފަޅުވެރިން ސިނގިރޭޓު އުފުލަމުން ދިޔަކަން ތަހުގީގަށް މިހާތަނަށް ފާހަގަވި ކަމަށެވެ. ކޯސްޓްގާޑުން އެ އުޅަނދު ފަހައި ދުއްވި ނަމަވެސް އުޅަނދުގެ ޓްރެކަރު ނިއްވާލުމުގެ ސަބަބުން ގެއްލުމަށްފަހު، ހޯކްސްގެ އުޅަނދު އެންމެ ފަހުން ފެނުނީ ތިލަފުށި ކައިރިން ސިނގިރޭޓުތައް ބަނދަރުކުރަނިކޮށް ކަމަށް ވިދާޅުވިއެވެ.

"މިހާރު ވެސް ރާއްޖޭގެ އެތަން މިތަނަށް ސިނގިރޭޓު އެބަ ސްމަގްލްކުރަމުން ދޭ، ދިވެހިރާއްޖޭގެ ރަށްރަށުގެ މޭޒުމަތިން މި ފެންނަ މެންޗެސްޓާ އަދި ޗައިނާގެ އެހެން ބްރޭންޑްތަކުގެ ސިނގިރޭޓަކީ ކަސްޓަމްސްއަށް ޑެކްލެއާކޮށްގެން އެތެރެކުރެވޭ ތަކެއްޗެއްނޫން، އޭގެ ކަންކަން ނުހިނގާގޮތް އަދިވެސް އެނގިފައެއްނުވޭ،" ވަހީދު ވިދާޅުވިއެވެ.

ކަސްޓަމްސްގައި އެކަށީގެންވާ އަދަދަށް މުވައްޒަފުން ނެތް ކަމަށާއި ސާވެއިލަންސް މަސައްކަތްކުރުމަށް އެކަށީގެންވާ ވަސީލަތްތައް ނެތް ކަމަށް ވިދާޅުވެ އޭނާ ވިދާޅުވިގޮތުގައި، ވޭތުވެދިޔަ ސަރުކާރުތަކުން ކަސްޓަމްސްއަށް އިހުމާލުވެ، އެ ޚިދުމަތުގެ އެންފޯސްމަންޓް މަސައްކަތް ކުރިއެރުވުމަށް ޓަކައި މާ ބޮޑު މަސައްކަތެއް ކޮށްފައި ނެތެވެ.

"މީގައި މައްސަލައަކީ މަޖިލީހުގައި މެންބަރަކަށް އިންނަވާ ބޭފުޅަކު ހިތްހަމަޖެހިވަޑައިނުގަންނަވައިފި ކަމަށް ވަންޏާމު ކަސްޓަމްސްގެ ގާނޫނީ މަސްއޫލިއްޔަތު އަދާކުރަން ތިބޭ ބަޔަކަށް އެ ބޭފުޅުން ބޭނުންވާ ގޮތަކަށް ކަންކަން ކުރުމުގެ ފުރުސަތު އެބައޮތް، އެ މަޖިލީހުގެ އެއް މެންބަރަކީ ހޯކްސްއެކޭ އެއްގޮތަށް ތެޔޮ އުފުލާ ކުންފުންޏެއްގެ އިސްވެރިއެއް އެ ބޭފުޅާ ބޭނުންވަނީ މަގާމުގައި ނާޖާއިޒު ފައިދާ ނަގައިގެންކަމަށް ދަންނަވާނީ،"

https://sun.mv/213278

އޭނާ ވިދާޅުވީ، ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ސަރުކާރުން ވެރިކަމާ ހަވާލުވުމަށްފަހު ކަސްޓަމްސްގެ މަސައްކަތްތައް ހަރުދަނާކުރުމަށް ޓަކައި މުހިންމު ބަދަލުތަކެއް ގެނެސްދެއްވަމުން އަންނަ ކަމަށެވެ. އަދި ހޯމް މިނިސްޓަރު އަލީ އިހުސާންގެ ބެއްލެވުމުގެ ދަށުން އެ ބަދަލުތައް ތަންފީޒުކުރުމަށް ވެސް ކަސްޓަމްސްއިން މަސައްކަތްކުރަމުން އައިކަމަށް އޭނާ ވިދާޅުވިއެވެ.

އެއާއެކު ވެސް، ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީގެ ލަފާތައް ކިތަންމެ ރަނގަޅު ނަމަވެސް، މެންބަރުން ހިތްހަމަޖެހިވަޑައިނުގަންނަވަންޏާ އެ ބޭފުޅުން ބޭނުންވާ ގޮތަކަށް ކަންކަން ނިންމުމުގެ ފުރުސަތު އެބައޮތްކަން ފާހަގަކުރައްވައި ވަހީދު ވިދާޅުވީ، މެންބަރުން އަމަލުކުރައްވަނީ އެންމެ ރަނގަޅަށް ނޫން ކަމަށާއި، ވަކިވަކި މެންބަރުންގެ މަސްލަހަތު ވަދެ މިފަދަ މައްސަލަތައް ބަލަން ފަށައިފިނަމަ ގާނޫނުގައިވާ ކަންކަން އޮޅުންބޮޅުންވުން އެކަށީގެންވާ ކަމަށެވެ.

ނަތީޖާއެއްގެ ގޮތުން ކަސްޓަމްސްގެ މުވައްޒަފުން މަދުވެ، އެ ޚިދުމަތުގެ ޒިންމާ އަދާކުރާނެ ބަޔަކު ނުވާނެ ކަމަށް ވަހީދު ވިދާޅުވިއެވެ.

ވަހީދު ވިދާޅުވީ، އޭނާއާއި ކުރީގެ ޑެޕިއުޓީ ކޮމިޝަނަރު މަހްމޫދު ރިޔާޒު ވަކިކުރީ ގަވައިދާ ޚިލާފަށް، ކަސްޓަމްސްގެ ތެރެއިން މަސައްކަތްކުރާ މުވައްޒަފުންތަކެއް މެންބަރުންނަށް ނުފޫޒު ފޯރުވައިގެން ކަމަށެވެ.

"މިއީ ހަގީގަތުގައި ކަންކަން ރަނގަޅުކުރުމުގެ ނިޔަތުގަ އޮތް ކަމެއް ކަމަށް ވަންޏާ މިއެއްނޫން އަޅުއްވާނެ ފިޔަވަޅަކީ، ފިޔަވަޅު އަޅުއްވަން ހުށަހަޅާފަ ހުރި ފަރާތްތަކަކީ ކަސްޓަމްސްގެ މަސައްކަތް ހިންގުމުގައި އެންމެ ބޮޑަށް ޝާމިލުވާ ފަސް މީހެއްގެ ނަން މީގަ ޖައްސަވާފައި އެއީ، އަޅުގަނޑު ދެކޭގޮތުގައި ކަސްޓަމްސްގެ ތެރެއިން ލައިގެން ނުގަވައިދުން ކަންކަން ކުރަން އުޅޭ ބަޔަކު މަޖިލީހުގެ ބަޔަކަށް ނުފޫޒު ފޯރުވައިގެން ހިންގާފައި އޮތް ކަމެއް،"

އެހެންކަމުން އޭނާ ވިދާޅުވީ މަޖިލީހުގެ ގައުމީ ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީން މިކަން އަލުން ބަލައި، ރައީސުލްޖުމްހޫރިއްޔާ އާ ހަމައަށް ދެ ބޭފުޅުން ވަކިކުރަން ދާން ޖެހޭނީ ޝައްކުވާ ކަމެއް އޮތް ނަމަ އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އާއި ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ)އާއި ފުލުހުންނާއި ކަމާގުޅުން ހުރި މުއައްސަސާތަކަށް ހުށަހަޅައި ތަހްގީގުކުރުމަށް ފަހު، ޝައްކުތައް ޔަގީންކުރުމަށް ފަހު ކަމަށެވެ.

ދައުލަތް ހިންގަން ދަތިވާ ގޮތަށް ކޮމިޓީން ލަފާދިނުމަކީ އެންމެ ރަނގަޅު ގޮތެއްނޫން ކަމަށް ވިދާޅުވެ، ކޮމިޓީގައި އެ ވަގުތު ނެތް މެންބަރުންނަށް، ކޮން އެއްޗެއްކަން ނޭނގޭ ގޮތަށް ކޮމިޓީގެ ރިޕޯޓު ތައްޔާރުކުރުމަކީ މަޖިލީހުގެ ގައުމީ ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީއަށް ދިން އިމްތިޔާޒުތައް އެންމެ ރަނގަޅަށް ބޭނުންކުރުން ނޫން ކަމަށް ވަހީދު ވިދާޅުވިއެވެ.

އޭނާ ވިދާޅުވި ގޮތުގައި އޭގެ ސަބަބުން މަޖިލީހުގެ މެންބަރުންގެ ކަރާމާތް ގެއްލުން އެކަށީގެންވެއެވެ.

"އެހެންވީމާ މިއީ އެންމެ ރަނގަޅަށް ކުރެވުނު ކަމެއްނޫން، ދައުލަތުގެ މުއައްސަސާތައް، ޚާއްސަކޮށް ކަސްޓަމްސް ފަދަ ތަންފީޒީ މުއައްސަސާތަކާ ހަވާލުވެފަ ހުންނަ ގާނޫނީ މަސްއޫލިއްޔަތު އަދާކުރުމަށް ފުރުސަތު ދޭން ޖެހޭނެ ގަވައިދާ އެއްގޮތަށް، މިހާރު ދައުލަތް ހިންގުމަށް ދަތިވާގޮތަށް ރެކޮމެންޑޭޝަން ދެއްވީމަ އެއީ ރަނގަޅު ގޮތެއްނޫން،" ވަހީދު ވިދާޅުވިއެވެ.

comment ކޮމެންޓް