ދިރާގު އައިސިކް ކާޑަށް ސަބްސްކްރައިބް ކޮށްގެން ޕީއެސް5 ޕްރޯއެއް ހޯދުމުގެ ފުރުސަތު ހުޅުވައިލައިފިއެވެ.
ދިރާގުން ބުނީ ޑިސެމްބަރު 31 ވަނަ ދުވަހުގެ ކުރިން ދިރާގު އައިސިކް ކާޑަށް ސަބްސްކްރައިބް ކުރާ ކޮންމެ ދަރިވަރަކަށް މި ގުރުއަތުގައި ބައިވެރިވުމުގެ ފުރުސަތު ލިބޭނެ ކަމަށެވެ.
ދިރާގު އައިސިކް ސްޓޫޑެންޓް ޑިސްކައުންޓް ކާޑަކީ ދުނިޔޭގެ ފެންވަރުގައި ގަބޫލުކުރާ، ދަރިވަރުންގެ މެދުގައި މަގުބޫލު ކާޑެކެވެ. މި ކާޑަކީ، ދުނިޔޭގެ 130އަށް ވުރެ ގިނަ ގައުމުން ބަލައިގަންނަ، ދުނިޔޭގެ އެކި ކަންކޮޅުތަކުން 150،000އަށް ވުރެ ގިނަ ޑިސްކައުންޓްތަކާއި އެހެނިހެން ފައިދާތައް ލިބޭ ކާޑެއް ކަމަށް އެ ކުންފުނިން ބުންޏެވެ.
މީގެ ތެރޭގައި ރާއްޖޭގެ 50އަށް ވުރެ ގިނަ އައުޓްލެޓްތަކުން ޑިސްކައުންޓްތަކާއި، ދަރިވަރުންނަށް ޚާއްސަ ދިރާގު ހޮޓްޑީލް ހިމެނޭކަން އެ ކުންފުނިން ފާހަގަކުރިއެވެ.
ރާއްޖޭގައި ކިޔަވާ 18 އަހަރުން މަތީގެ ދަރިވަރުންނަށް ޚާއްސަކޮށްފައިވާ މި ކާޑު މެދުވެރިކޮށް އަހަރަކު އެންމެ 100 ރުފިޔާގެ ސަބްސްކްރިޕްޝަނަކުން މި ހުރިހާ ފައިދާތަކެއް ލިބޭނެ ކަމަށް ދިރާގުން ބުންޏެވެ.
ދިރާގުން އަންނަނީ ދިވެހި ޒުވާނުންނާއި ކިޔަވާ ކުދިންނަށް، ރާއްޖެއާއި ދުނިޔޭގެ އެކި ކަންކޮޅުތަކުން ޚާއްސަ އޮފާތަކާއި ތަޖުރިބާތައް ގެނެސްދިނުމަށް އަބަދުވެސް މަސައްކަތް ކުރަމުންކަން އެ ކުންފުނިން ފާހަގަކުރެއެވެ.