އައްޑޫ ސިޓީ، ހިތަދޫ ކަސްޓޯޑިއަލްއަށް މަސްތުވާތަކެތި ވައްދަން އުޅުމުގެ ތުހުމަތުގައި ފުލުހަކު ހައްޔަރުކޮށް، ދައުވާ ކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވައިފިއެވެ.
ފުލުހުން 'ސަން'އާ ހިއްސާކުރި މެސެޖެއްގައި ވަނީ، ހިތަދޫއަށް ނިސްބަތްވާ 25 އަހަރުގެ ކޮންސްޓަބަލް މަގާމުގައި ހުރި ފުލުހަކު ހިތަދޫ ޕޮލިސް ކަސްޓޯޑިއަލްއަށް ވެއްދުން މަނާ ތަކެތި ވައްދަން އުޅޭ ކަމަށް މައުލޫމާތެއް ލިބުނު ކަމަށެވެ.
އެހެންވެ، މިދިޔަ ސެޕްޓެމްބަރު މަހުގެ 22:54 ހާއިރު، އޭނާ ބަލައި ފާސްކުރިއިރު، މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ފެނިފައިވާ މައްސަލައެއްގައި ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެއެވެ.
އެ މައްސަލައިގައި އޭނާގެ ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަކަށް ބަންދު ކުރުމަށް އަމުރުކުރި ކަމަށް ފުލުހުން ބުނެއެވެ. އެ މުއްދަތު ހަމަވުމުން އޭނާ ދޫކޮށްލާފައި ވަނީ ސެޕްޓެމްބަރު 20ގައި ކަމަށް ފުލުހުން މައުލޫމާތުދެއެވެ.
ފުލުހުން ބުނި ގޮތުގައި، އެ މައްސަލައިގެ ތަހުގީގު ނިންމައި ދައުވާ ކުރުމަށް ޕީޖީ އޮފީހަށް ފޮނުވީ މިދިޔަ މަހު 13ގައެވެ. އަދި، މި މައްސަލައިގައި މުސާރަ ނުލިބޭ ގޮތަށް އެ މީހާ ވަޒީފާއިން ސަސްޕެންޑުކޮށްފައިވާ ކަމަށް ފުލުހުން މައުލޫމާތުދެއެވެ.
މަސްތުވާތަކެތީގެ މައްސަލަތަކުގައި މީގެ ކުރިން ވެސް ފުލުހުން ޝާމިލުވުމުގެ މައްސަލަތައް ފެންމަތިވެފައިވެއެވެ. އެފަދަ މައްސަލަތަކުގައި އެ މީހުން މަގާމުން ވަކިވެސް ކޮށްފައިވެއެވެ.