ދިރާގަށް ތިން ވަނަ ކުއާޓަރުގައި ސާފު ފައިދާއަށް 230 މިލިއަން ރުފިޔާ

ދިރާގު: ތިން ވަނަ ކުއާޓަރުގައި އެކުންފުންޏަށް ވަނީ، ސާފު ފައިދާއަށް 230 މިލިއަން ލިބި، އާމްދަނީއަށް 713 މިލިއަން -- ފޮޓޯ/ ރައީސް އޮފީސް

ތިން ވަނަ ކުއާޓަރުގައި ދިރާގަށް 713 މިލިއަން ރުފިޔާގެ އާމްދަނީއަކާއި ސާފު ފައިދާއަށް 230 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް ހިސާބުތަކުން ދައްކައިފިއެވެ.

ދިރާގުން މިއަދު އާންމުކުރި ތިން ވަނަ ކުއާޓަރުގެ ހިސާބުތަކުން އެނގޭ ގޮތުން، މޮބައިލް ޚިދުމަތްތަކުން 374.1 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ. އެކަމަކު، އެއާ ޚިލާފަށް ފިކްސްޑް އެންޑް ބްރޯޑްބޭންޑް ޚިދުމަތްތަކުން ލިބުނު އާމްދަނީ ވަނީ 303.2 މިލިއަން ރުފިޔާއެވެ.

އެހެނިހެން ޚިދުމަތްތައް ދީގެން ތިން ވަނަ ކުއާޓަރުގައި ދިރާގުން ވަނީ، 36 މިލިއަން ރުފިޔާ ހޯދާފައެވެ. އެހެންކަމުން، ޖުމުލަ މި ކުއާޓަރުގައި ދިރާގަށް ލިބުނު އާމްދަނީ، 713 މިލިއަނަށް ވުރެ، އިތުރެވެ. އެއީ މިދިޔަ އަހަރު ލިބުނު އާމްދަނީ އާ ބަލާއިރު، ތިން އިންސައްތައިގެ ކުރިއެރުމެކެވެ.

ދިރާގު ހެޑް އޮފީސް -- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

އޭގެއިތުރުން، މި އަހަރުގެ ތިން ވަނަ ކުއާޓަރުގައި ސާފު ފައިދާ ގޮތުގައި، ދިރާގަށް ވަނީ، 230 މިލިއަން ރުފިޔާ ލިބިފަައެވެ.

ހިސާބުތަކުން ދައްކާ ގޮތުގައި، ދިރާގުން ވަނީ ތިން ކުއާޓަރުގައި 38 މިލިއަން ރުފިޔާ ޓެކުހަށް ހޭދަކޮށްފައެވެ.

ފާހަގަކުރެވޭ ގޮތުގައި، ނިމިދިޔަ ކުއާޓަރުގައި ވެސް ދިރާގުން ވަނީ އެކި ހަރާކާތްތައް ކުރިއަށް ގެންގޮސްފައެވެ. އެގޮތުން، އެންމެ ފަހުގެ އައިފޯން 17 ބާޒަރަށް ނެރުމާއި ދެ ސްޕީޑުބޯޓެއް ލިބޭ ޕްރޮމޯޝަނެއް ކުރިއަށް ގެންދިޔައެވެ. އަތޮޅުތެރޭގެ އެކި ސަރަހައްދުތަކުގައި ވެސް އެކުންފުނިން ހަރަކާތްތައް ބާއްވައެވެ.

comment ކޮމެންޓް