ސަން އޮންލައިންގެ ސީނިއާ ނިއުސް އެޑިޓަރު އިޔާޒު ޖާދުﷲ ނަސީމްގެ މާމަ ޢާއިޝަތުދީދީ (އައްޑޫމީދޫ އުވަގޭ އައިސާއްދީ) ރޭ ފަތިހު 4:30 ގައި ނިޔާވެފަ އެވެ.
އިޔާޒު ނަސީމާއި އާއިލާއަށް މިދަނޑިވަޅުގައި ކުމަތިވެފައިވާ ފުން ހިތާމާގައި ސަން މީޑިއާ ގްރޫޕްގެ މެނޭޖްމަންޓާއި މުވައްޒަފުން ބައިވެރިވެ ތައުޒިޔާކިޔަމެވެ. އަޅުގަނޑުމެން އެދެނީ އާއިލާއަށް ކެތްތެރިކަން ދެއްވުމަށެވެ.
އައިޝަތު ދީދީ ނިޔާވީ ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާ ހޯދަމުން ދަނިކޮށް ރޭ ފަތިހު 04:30 ހާ އިރުއެވެ.
އުމުރުން 88 އަހަރުގެ ޢާއިޝަތުދީދީ ބަލިވެގެން ހުޅުމީދޫ ސިއްހީ މަރުކަޒުގައި އެޑްމިޓް ކުރުމަށް ފަހު ހިތަދޫ ރީޖަނަލް ހޮސްޕިޓަލަށް ގެންގޮސްފައި ވަނީ މީގެ ދެ ދުވަހެއް ކުރިންނެވެ. އެންމެ ފަހުން ޢާއިޝަތުދީދީ ފަރުވާ ހޯއްދަވައިފައިވަނީ ހިތުގެ ބައްޔަކަށެވެ.
ޢާއިޝަތުދީދީ ނިޔާވި އިރު ދުނިޔޭގައި ތިބީ އޭނާގެ ދެކުދީންނެވެ. އެއީ ފިރިހެން ކުއްޖަކާއި އަންހެން ކުއްޖެކެވެ. އާއިޝަތުދީދީގެ ފިރިހެން ދަރިކަލަކީ މަޝްހޫރު ކުޑަކުދީންގެ ހާއްސަ ޑޮކްޓަރު ޑރ. އަބްދު ﷲ އަފީފުއެވެ.
އާއިޝަތުދީދީއަށް މާމަ ކިޔާ 10 ކުދީންނާއި މުނިމާމަ ކިޔާ ނުވަ ކުދީން އެބަ ތިއްބެވެ.
ޢާއިޝަތުދީދީގެ ފިރިކަލުން އަޙްމަދު ޒާހިރު ނިޔާވީ 2007 ވަނަ އަހަރުއެވެ. އެއީ މި ދެމަފިރީންގެ ކައިވެންޏަށް 51 ފުރުނު އަހަރެވެ.
އައިޝަތު ދީދީގެ މައްޗަށް ކުރެވޭކަށުނަމާދު އޮތީ މިރޭ އިޝާ ނަމާދަށް ފަހު އައްޑޫމީދޫ މާ މިސްކިތުގައެވެ.
އާއިލާއަށް ކެތްތެރިކަން ދެއްވައި މަރުހޫމަށް ސުވަރުގޭގެ ދާއިމީ ނިއުމަތް މިނިވަރު ކުރައްވާށި.