ސޯޝަލް ސެންޓަރު ކައިރީގައި ހަދައިފައި އޮތް ދިގު ކިޔޫ ބަލައިލަން އެތަނަށް ދިއުމުން ލޮލުގައި އަޅައިގަތީ އެހެން މަންޒަރެކެވެ. ރަސްފަންނު ކައިރީގައި ނައިޓް މާކެޓު ބޭއްވި ސަރަހައްދު ގޮނޑުވެފައިވާ މަންޒަރެވެ.
ނުތަނަވަސްވެރިކަމާއެކު ވިޔަފާރިވެރިންނަށް ނައިޓް މާކެޓު ހުއްޓާލަން ޖެހުނީ މިދިޔަ ހުކުރު ދުވަހުގެ ރޭއެވެ. އެ ރޭ ބާރަ ޖެހުމާ ހަމައަށް ނައިޓް މާކެޓު ކުރިއަށް ގެންދެވުނު ނަމަވެސް އެޗްޕީއޭގެ އުސޫލުތަކާ ޚިލާފުވީ ކަމަށްބުނެ މާކެޓު ވަނީ ހުއްޓުވާފައެވެ.
އޭގެ ފަހުން މިހާރު ތިން ދުވަސްވެފައިވާއިރު، ބައެއް ސްޓޯލްތައް އަދިވެސް ނުރޫޅާ އެބަހުއްޓެވެ. ރޫޅައިފައިވާ ސްޓޯލްތަކުގެ ކައިރީގައި ވެސް އޮތީ ޕެލެޓުތައް އުކާލައިފައެވެ.

ރަސްފަންނު ސަރަހައްދުގައި ކުނިތައް އުކައިލައިފައި -- ސަން ފޮޓޯ/ މުހައްމަދު ހައްޔާން
ބައެއް ސްޓޯލުތައް ކައިރީގައި ގިނަ އަދަދެއްގެ ކުނި ވެސް ހުއްޓެވެ. އަދި ބައެއް މުދާ ވެސް އުކައިލައިފައި ހުއްޓެވެ. އޭގެ ތެރޭގައި ކޭސްކޭހުގައި ހުރި ޖޫސްޕެކެޓާއި ކާއެއްޗެހި ހިމެނެއެވެ.
މިކަމާ ގުޅިގެން މާލޭ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު އަހްމަދު ނަރީޝް "ސަން"އަށް ވިދާޅުވީ އެ ސަރަހައްދު ހުސްކުރަން އެ ފަރާތްތަކަށް މުހުލަތެއް ދީފައިވާނެ ކަމަށެވެ. އަދި އެ ގޮތަށް އެކަން ނުކޮށްފިނަމަ ސިޓީ ކައުންސިލުގެ ޓީމެއް ފޮނުވައިގެން އެތަން ސާފު ކުރާނެކަމުގައި އޭނާ ވިދާޅުވިއެވެ.
ނައިޓް މާކެޓު ހުއްޓާލަން އެޗްޕީއޭން ފުރަތަމަ އެންގީ ކޮވިޑް-19ގެ ކޭސްތައް މައްޗަށް ދާކަމަށް ބުނެއެވެ. ނަމަވެސް ވިޔަފާރިވެރިންގެ ކަންބޮޑުވުންތައް މީސްމީޑިއާގައި ފާޅުކުރަން ފެށުމުން އެޗްޕީއޭން ވަނީ ގައިޑްލައިނާ އެއްގޮތަށް ނައިޓް މާކެޓް ބާއްވަން ހުއްދަ ދީފައެވެ.
އެހެން ނަމަވެސް އެ ހުއްދަ ދިންތާ 24 ގަޑިއިރު ވެސް ނުވަނީސް އެޗްޕީއޭގެ ގައިޑްލައިނާ ޚިލާފުވީ ކަމަށް ބުނެ މާކެޓު ހުއްޓުވިއެވެ.
ހުކުރު ދުވަހުގެ ރޭ މާކެޓު ހުއްޓުވުމުން، އޭގެ ޖެހިގެން އައި ދުވަހު ވިޔަފާރިވެރިން ވަނީ އެ ސަރަހައްދުގައި ނުރުހުން ފާޅު ކޮށްފައެވެ.
comment ހޭލާ
3 year 4 month ago
ނައިޓްމާކެޓާއެކު ރަސްފަންނު ސަރަހައްދުގައި އޮތީ ހުސް ކުނި - 17:16 - 10Jan 2022 - ސަން. ކުނިތަކުން ފުރިފައި އޮތް ރަސްފަންނު ސިޓީ ކައުންސިލުން ސާފުކޮށްފި - 10 ޖެނުއަރީ 2022 - 17:58 - މިހާރު. މިއަދު ހެދެނު ބަލާލިއިރުވެސް އެތަން އެއްކޮށް ސާފުކޮށް ނުނިމެއެވެ. ފުދޭވަރަކަށް ކުނި ދެފަރާތުގައި އޮތެވެ. ހަމައެކަނި ޓްވީޓަރ އާއި ފޭސްބުކު ފަދަ ވަސީލަތްތައް ބަލައިގެން ޚަބަރު ލިޔުމުގެ ކަންނެތް އާދަ އަށަގަންނަމުން ދިޔުމަކީ ނޫސްވެރިކަމުގެ ކުރިމަގު ބަނަވަމުންދާކަން ހާމަވާކަމެކެވެ.
comment ވާނުވާ
3 year 4 month ago
ދެން ތިކުނިތައް ސާފުކުރާނީ ހެޗު ޕީ އޭ އިން ދެއްތޯ. ނޫނީ ހޮޅި މުއިޒުތަ.