ޔޫކްރޭނާއި ރަޝިއާގެ މައްސަލަ ހޫނުވެ، ރަޝިއާއިން ޔޫކްރޭނަށް ހަމަލާދޭން ފަށާފައިވާ ދަނޑިވަޅެއްގައި މައްސަލަ ނިމުމަކަށް ގެނައުމަށް މަޝްވަރާކުރަން ޖެހޭކަމަށް ޗައިނާގެ ރައީސް ޝީ ޖިން ޕިންގް ވިދާޅުވެއްޖެއެވެ.
ރަޝިއާގެ ރައީސް ޕޫޓިން އާ ފޯނުގެ ޒަރިއްޔާއިންް ވާހަކަފުޅުދައްކަވަމުން ޝީ ވިދާޅުވީ ޔޫކްރޭނާއި ރަޝިއާގެ މައްސަލަ ވާހަކަދައްކައިގެން ހައްލުކުރުމަށް ތާއިދުކުރައްވާކަމަށެވެ.
އަދި ފިނި ހަނގުރާމައިގެ ވިސްނުން ދޫކޮށް، ހުރިހާ ގައުމެއްގެ ސަލާމަތީ ކަންބޮޑުވުންތަކަށް އެޑްރެސްކުރަންޖެހޭ ކަމަށް ޝީ ވިދާޅުވިއެވެ.
ޝީ އާ ދެއްކެވި ވާހަކަފުޅުގެ ތެރޭގައި ޕޫޓިން ވަނީ ޔޫކްރޭނާ ދެކޮޅަށް "ޚާއްސަ މިލިޓަރީ އޮޕަރޭޝަނެއް' ކުރިއަށް ގެންދަވާ ސަބަބު ވިދާޅުވެފައެވެ. އެގޮތުން އެމެރިކާ އާއި ނޭޓޯއިން ރަޝިއާގެ ކަންބޮޑުވުންތައް އަޑު ނޭހުމާއި، އިރުމަތީ ޔޫރަޕުގައި ނޭޓޯގެ ބާރު ގަދަކުރުމަކީ ރަޝިއާއަށް އޮތް ނުރައްކަލެއް ކަމަށް އޭނާ ވިދާޅުވިއެވެ.
އޭޝިއާ ބައްރުގެ ގިނަ ގައުމުތަކުން ރަޝިއާގެ މި އަމަލު ކުށްވެރި ކޮށްފައިވާއިރު، ޗައިނާއިން އެއްވެސް ސިފައެއްގައި ރަޝިއާއާ ދެކޮޅު ހަދާފައިނުވާކަން ފާހަގަކޮށްލެވެއެވެ. އެގޮތުން ހަނގުރާމަ ހުއްޓާލުމަށް އދ.ގެ ސަލާމަތީ މަޖިލީހުގައި އޮތް ވޯޓު ދިނުމުގައި ވެސް ޗައިނާއިން ވަނީ ވަކި ކޮޅަކަށް ވޯޓް ނުދޭން ނިންމާފައެވެ.
ޗައިނާ އަކީ ޔޫރަޕާއެކު އިގުތިސާދީ ގުޅުން ވަރުގަދަ ގައުމަކަށްވާއިރު، ރަޝިއާއަކީ ޗައިނާގެ ގާތް އެކުވެރިއެއްކަން ފާހަގަކޮށްލެވެއެވެ. ހަނގުރާމައިގެ ސަބަބުން ޗައިނާއިން ވަނީ މި ގުޅުންތައް ބެލެންސްކުރުމަށް އިތުރު ސަމާލުކަމެއް ދޭން ޖެހިފައެވެ.