އަލަވޭސް އާއި ސެވިއްޔާގެ ކުރިމަތިލުން އެއްވަރު

ލަލީގާގައި އަލަވޭސް އަދި ސެވިއްޔާ ބައްދަލުކުރި މެޗުގެ ތެރެއިން

ސްޕެނިޝް ލަލީގާގައި ޑިޕޮޓިވޯ އަލަވޭސް އަދި ސެވިއްޔާ ބައްދަލުކުރި މެޗު އެއްވަރުވެގެން ނިމިއްޖެއެވެ.

އަލަވޭސްގެ ދަނޑުގައި ކުޅުނު މި މެޗު އެއްވަރުވީ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވިއެވެ.

މެޗުގައި ގިނަ ވަގުތު ބޯޅަ ހިފައްހައްޓައިގެން ރަނގަޅަށް ކުޅެފައިވަނީ ސެވިއްޔާއިންނެވެ. އެ ޓީމުން ވަނީ އަލަވޭސްގެ ގޯލަށް އަމާޒުކޮށް ހަތަރު ހަމަލާއެއް ފޮނުވާލާފައެވެ. އަލަވޭސްއަށް އުފެއްދިފަައިވަނީ ދެ ހަމަލާއެވެ.

މެޗު ފަށައިގެން ދެވަަނަ މިނެޓުގައި ސެވިއްޔާގެ އޭރިޔާ ތެރެއިން ލިބުނު ބޯޅައެއް އަލަވޭސްގެ ޖޮސެލޫ ފޮނުވާލި ނަމަވެސް، އެ ބޯޅަ އަލަވޭސްގެ ޑިފެންޑަރެއްގެ ފައިގައި ޖެހި ބޯޅަ ބްލޮކްވިއެވެ.

މެޗުގެ 12 ވަނަ މިނެޓުގައި އަލަވޭސްގެ ލުއިސް ރިއޯޖާ ސެވިއްޔާގެ އޭރިޔާ ތެރެއިން ފޮނުވާލި ބާރު ހަމަލާ މަތަކުރީ ސެވިއްޔާގެ ކީޕަރު ބޯނޯއެވެ.

މެޗުގެ 36 ވަނަ މިނެޓުގައި ސެވިއްޔާގެ ނެމަންޖާ ފޮނުވާލި ހަމަލާ އަލަވޭސްގެ ގޯލާ އަމާޒުވާގޮތެއް ނުވިއެވެ. މެޗުގެ 41 ވަނަ މިނެޓުގައި ސެވިއްޔާގެ ލޫކަސް އޮކަންޕޮސް ފޮނުވާލި ހަމަލާ ދިޔައީ އަލަވޭސްގެ އަރިމަތީ ދަނޑި ކައިރިން ބޭރަށެވެ.

ދެވަނަ ހާފުގެ ކުޅުން ފަށައިގެން ފުރަތަމަ ފަސް މިނެޓުގެ ތެރޭގައިވެސް ލޫކަސް ވަނީ ހަމަލާއެއް އުފައްދާފައެވެ. އަލަވޭސްގެ އޭރިޔާ ތެރެއިން ލިބުނު ބޯޅައެއްގައި އޭނާ ފޮނުވާލި ބޯޅަ މިފަހަރުވެސް ދިޔައީ ގޯލުގެ އަރިމަތީ ދަނޑި ކައިރިން ބޭރަށެވެ.

މެޗުގެ 60 ވަނަ މިނެޓުގައި އަލަވޭސްގެ ޕެރާ ޕޮންސް ފޮނުވާލި ހަމަ ދިޔައީ ސެވިއްޔާގެ ގޯލު ދަނޑި ކައިރިން ބޭރަށެވެ.

މެޗުގެ 88 ވަނަ މިނެޓުގައި ސެވިއްޔާއަށް ވަނީ ލަނޑު ޖަހާނެ ތަނަވަސް ފުރުސަތެއް ލިބިފައެވެ. ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް މުނީރު އަލް ހަދާދީ ފޮނުވާލި ބޯޅަ އަލަވޭސްގެ ކީޕަރު ފެނާންޑޯ މަތަކުރި ވަގުތު ރީ ބައުންސަށް ނިކުތް ބޯޅައަށް މުނީރު ކުޅުމުގެ ކުރިން އަލަވޭސްގެ ޑިފެންޑަރަކު ވަނީ އެ ބޯޅަ ބޭރުކޮށްލާފައެވެ.

މެޗުން އެއްވަރުވެ ލިބުނު އެއް ޕޮއިންޓާއެކު ސެވިއްޔާ އޮތީ ލީގު ތާވަލްގެ ދެވަނައިގައި 55 ޕޮއިންޓާއެކުއެވެ. އަލަވޭސް އޮތީ 22 ޕޮއިންޓާއެކު 18 ވަނައިގައެވެ. ލީގުގެ އެއް ވަނައިގައި އޮތީ 60 ޕޮއިންޓާއެކު ރެއާލް މެޑްރިޑެވެ. ތިން ވަނައިގައި ރެއާލް ބެޓިން 46 ޕޮއިންޓާއެކު އޮތްިއިރު، ހަތަރު ވަނައިގައި ބާސާ އޮތީ ބެޓިސްއަށްވުރެ އެެއް މެޗު މަދުން ކުޅެގެން 45 ޕޮއިންޓާއެކުއެވެ.

comment ކޮމެންޓް