ޖީސީއީ ޕޭޕަރެއް ލީކެއް ނުވޭ: އެޑިއުކޭޝަން މިނިސްޓްރީ

އޯލެވެލް އިމްތިހާން

މިހާރު ކުރިއަށްދާ އައިޖީސީއެސްއީއާއި ޖީސީއީ އޯލެވެލް އިމްތިހާނުގެ ޕޭޕަރެއް ލީކުވުން ފަދަ މައްސަލައެއް ދިމާ ނުވާކަމަށް އެޑިއުކޭޝަން މިނިސްޓްރީން މިއަދު ބުނެފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީން އެހެން ބުނީ، ޖީސީއީ އަދި އެސްއެސްސީ ޕޭޕަރުތަކެއްގައި ހުރި ސުވާލުތައް ކުދިންނަށް ކުރިން އެނގިފައިވާ ކަމަށް ޝައްކު ކުރެވޭ ކަމަށް ބުނެ މާލޭގެ ސްކޫލުތަކުގެ ބައެއް ޓީޗަރުންނާއި ބެލެނިވެރިން ނުރުހުން ފާޅުކޮށްފައި ވަނިކޮށެވެ.

އެ ޝަކުވާތަކާ ގުޅިގެން، އެޑިއުކޭޝަން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު މުޙައްމަދު އިހުސާން "ސަން" އަށް ވިދާޅުވީ އެފަދަ އެއްވެސް ކަމެއް ހިނގާފައި ނުވާކަމަށެވެ.

ނަން ނުޖެހުމަށް އެދި "ސަން"އާ ވާހަކަ ދެއްކި މުދައްރިސަކު ބުނީ، ދެތިން ޕޭޕަރެއްގައި އެފަދަ މައްސަލަތަކެއް ދިމާވެފައިވާ ކަމަށެވެ.

ހިސާބު މާއްދާ ކިޔަވައިދެއްވާ އެ މުދައްރިސް ބުނީ ކުދިންނަށް ކުރިއާލާ ޕޭޕަރުގައި އަންނަ ސުވާލުތައް އެނގިގެން އެކަން އެހެން ކުދިންނާ ހިއްސާކޮށްފައިވާ ކަމަށެވެ.

އެގޮތުން، ދަރިވަރުން އިމްތިހާނު ނިންމުމަށްފަހު ދެއްކި ވާހަކައިގެ ތެރޭގައި ބައެއް ކުދިންނަށް ޕޭޕަރު ކުރިން ފެނުނު ކަމަށް ބުނެފައިވާ ކަމަށް މުދައްރިސް ބުންޏެވެ.

އާދައިގެ ގަނޑެއްގައި ހުރި އެ ސުވާލުތައް ރައްޓެހިންގެ ފަރާތުން ލިބުމުން ބައެއް ކުދިން އެ ސުވާލުތައް ޕްރެކްޓިސް ކުރި ކަމަށާއި، އެފަދަ އެއްޗެއް ހަމައެގޮތަށް ޓެސްޓުގައި އަންނާނެހެން ހީނުވާތީ، އަނެއްބައި ކުދިން އެ ކަރުދާސް ޕްރެކްޓިސް ނުކުރާކަމަށް، ދަރިވަރުންނާ ހަވާލާދީ މުދައްރިސް ކިޔައިދިނެވެ.

ގްރޫޕްތަކުގައި ދައުރުވި ކަމަށް ބުނާ ކެމިސްޓްރީ ޕޭޕަރުގެ ޖަވާބުތައް

އޭގެ އިތުރުން، އެސްއެސްސީ ދިވެހި ޕޭޕަރު އެކެއްގެ ޕްރިންޓިން މައްސަލައަކާ ގުޅިގެން އަލުން ޕްރިންޓް ކުރީ ކަމަށް ޑިޕާޓްމެންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަން (ޑީޕީއީ)ން ކޮށްފައިވާ ޓުވީޓަށް އިޝާރާތް ކުރައްވާ، ތާޖުއްދީން ސްކޫލުގައި ޕޭޕަރު ހެދި ކުދިންނާ ހަވާލާދީ މުދައްރިސް ބުނީ، ދިވެހި ޕޭޕަރު ލިބުނު އިރު ހުރީ އިސްލާމް ޕޭޕަރާއެކު ސްޓޭޕަލް ކޮށްފައި ކަމަށެވެ.

ޕޭޕަރު ޕްރިންޓް ކުރަނީ، ކޮންމެ ޕޭޕަރެއް ވަކިން ކަމަށް ވެފައި، ކޮންމެ ޕޭޕަރެއް ޗެކްކުރަން މީހުން ތިބޭނެކަން ފާހަގަ ކުރަމުން ބެލެނިވެރިޔާ ބުނީ، މީ ކަންތައްތައް ވާނެ ގޮތް ނޫން ކަމަށެވެ.

"ސަބަބަކަށް ވަނީ، އެންމެ ފުރަތަމަ އޮންނަނީ އިސްލާމް ޕޭޕަރު ކަމަށް ވެއްޖެއްޔާ އިސްލާމް ޕޭޕަރު ޕްރިންޓް ކުރާނީ. ޕްރިންޓް ކުރުމަށްފަހުގަ އޭގަ އެއްވެސް މައްސަލައެއް ހުރިތޯ ޗީފް އެގްޒަމިނާ ބަލާފަ، ޗެކްކޮށްފަ، ކޮމިޓީގެ ތިން މެމްބަރުން ބަލާ ނިންމާފަ، އޭގަ ސޮއިކޮށްފަ ޕްރިންޓް ކުރުން ކުރިއަށް ދާނީ،" ޕްރިންޓްކޮށް ނިމުމަށްފަހު ބާކީވާ ޕޭޕަރުތައްވެސް ޖެހޭނީ އަންދާލަން ކަމަށް މުދައްރިސް ކިޔައިދިނެވެ.

ދެ ޕޭޕަރު އެއްކޮށް ޕްރިންޓް ކުރުމަކީ ކުރިން އޮންނަ އުސޫލެއް ނޫން ކަމަށާއި، އެގޮތަށް ދެ ޕޭޕަރު އެއްކޮށް ޕްރިންޓް ކޮށްފައި ވާނަމަ، ދެ މާއްދާ ކިޔަވައިދޭ ޓީޗަރުންނަށް ދެ ޕޭޕަރުވެސް ފެނުނީ ކަމަށް ބެލެނިވެރިޔާ ތުހުމަތު ކުރިއެވެ.

މީގެ އިތުރުން، މަޝްހޫރު ދިވެހި ޓީޗަރަކަށް ރާއްޖޭގެ އެކި ހިސާބުތަކުން ކުދިން ގުޅައި، ހަމަ އެއް ސުވާލެއް ކުރި ކަމަށް "ސަން"އަށް މައުލޫމާތު ދިން މުދައްރިސް ވަނީ ކިޔައިދީފައެވެ.

އެގޮތުން އޮންލައިންކޮށް ނަގައި ދިން ގަޑިއެއްގައި، އަމިއްލަ ސިޓީ ލިޔުމާ ބެހޭގޮތުން ބައެއް ކުދިން ސުވާލު ކުރި ކަމަށާއި އެފަދަ ސިޓީއެއް އެސްއެސްސީގައި ނާންނަތާ ޒަމާންތަކެއް ވެއްޖެ ކަމަށް މުދައްރިސް ބުންޏެވެ. ނަމަވެސް އޮންލައިންކޮށް ދިމާވި އެ ދަރިވަރުން ބުނެފައި ވަނީ، ބައެއް ދަރިވަރުންގެ ޓީޗަރު އަބަދުހެން ފަރިތަ ކުރުވީ އެފަދަ ސިޓީ ކަމަށެވެ. ދޭހައިގެ ސުވާލުތައްވެސް އައީ، ކުރިން ބައެއް ދަރިވަރުންގެ ޓީޗަރު ކިޔައިދިން ގޮތަށް ކަމަށް މުދައްރިސަކު ބުންޏެވެ.

އެހެންކަމުން ދިވެހި ޕޭޕަރުގައި ހުރި ސުވާލުތައް ކޮންމެވެސް ގޮތަކުން އެނގިފައިވާކަމަށް އެ މުދައްރިސް ތުހުމަތު ކުރެއެވެ.

ގްރޫޕްތަކުގައި ދައުރުވި ކަމަށް ބުނާ ކެމިސްޓްރީ ޕޭޕަރުގެ ޖަވާބުތައް

ދިވެހި ޕޭޕަރު އަލުން ޕްރިންޓް ކޮށްގެން ރަށްރަށަށް ފޮނުވޭހާ ވަގުތެއް ނެތްކަން ފާހަގަ ކުރައްވައި އެ ޓީޗަރު ތުހުމަތުކުރީ، ބައެއް ޕޭޕަރުތައް ބައެއް ރައްރަށަށް ފޮނުވާފައި ވާނީ އީމެއިލް މެދުވެރިކޮށް ކަމަށާއި، ދެން އެ ސްކޫލުތަކުން ޕްރިންޓް ކުރުމަށްފަހު ކުދިންނަށް ދިނީ ކަމަށެވެ.

އިއްޔެ އޮތް ކެމިސްޓްރީ ޕޭޕަރުގައި، ޖަމާލުއްދީން ސްކޫލު ކުދިންނަށް، ޓެސްޓު ފެށި 25 މިނިޓް ހިނގި އިރުވެސް ޖަވާބު ލިޔާ ކަރުދާސް ނުދޭ ކަަމަށާއި، އެންމެ ފަހުން ސްކޫލުން ގަނޑު ޕްރިންޓް ކޮށްފައި ދިނީ ކަމަށް ބެލެނިވެރިއަކު ބުންޏެވެ.

ޖަވާބު ކަރުދާހަކީ ކޮމްޕިއުޓަރުން ރީޑްކުރާ އެއްޗަކަށް ވާއިރު، ސްކޫލުން އާދައިގެ ގަނޑެއްގައި އެ ޝީޓް ޕްރިންޓް ކޮށްފައި ދިނުމުން، އެ ކަރުދާސްތައް މާކް ކުރާއިރު މެޝިނުން ރީޑް ކުރާނެ ކަމުގެ ޔަގީންކަމެއް ނެތް ކަމަށް ވެސް ބެލެނިވެރިއަކު ބުންޏެވެ.

އޭގެ އިތުރުން ކެމިސްޓްރީ ޕޭޕަރު ނިންމާފައި ކުދިން ގެއަށް ދިޔައިރު، ގްރޫޕްތަކުގައި ޖަވާބާއެކު ޕޭޕަރު އޮތް ކަމަށް ވެސް ބެލެނިވެރިޔާ ބުންޏެވެ.

comment ކޮމެންޓް