ފުޅަނދުބުރާއި މިނިވަން ދުވަހުގެ ޖަލްސާ ވެސް ކެންސަލް

ޖުލައި 28، 2019: މިނިވަންދުވަހުގެ މުނާސަބަތުގައި ފުޅަނދުތައް އާންމުކޮށް ދައްކާލުމަށް މާފަންނު ވެލިދަނޑުގައި ބޭއްވި ހަރަކާތްތަކުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ތިން އަހަރުގެ މެދުކެނޑުމަކަށްފަހު މިއަހަރުގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ބޭއްވުމަށް އިއުލާނުކުރި ފުޅަނދުބުރުގެ ހަރަކާތް ކެންސަލް ކޮށްފައިވާ ކަމަށް ހޯމް މިނިސްޓްރީން ބުނެފިއެވެ.

ހޯމް މިނިސްޓްރީގެ ކޮމިއުނިކޭޝަންސް ޑިރެކްޓަރު ހަފްސީ އަބްދުﷲ މިއަދު ''ސަން''އަށް ވިދާޅުވީ މި އަހަރުގެ މިނިވަން ދުވަހާ ގުޅިގެން މިނިސްޓްރީގެ ފަރާތުން މިފަހަރު ބާއްވާނީ ދިދަ ނެގުމުގެ ރަސްމިއްޔާތު އެކަނި ކަމަށެވެ.

ނަމަވެސް މީގެ މަހެއްހާ ދުވަސް ކުރިން އެ މިނިސްޓްރީން ބުނެފައިވަނީ މިނިވަންދުވަހާ ގުޅިގެން ފުޅަނދުބުރު ބޭއްވުމަށް ހަމަޖެހިފައިވާކަމަށާއި އެކަމުގެ އިތުރު ތަފްސީލެއް އޭރު ދެވެން ނެތް ކަމަށެވެ.

ފުޅަނދުބުރުގެ އިތުރުން މިނިވަން ދުވަހުގެ ޚާއްޞަ ޖަލްސާ ވެސް ވަނީ ކެންސަލްކޮށްފައެވެ.

މާލޭގައި އެންމެ ފަހުން ފުޅަނދުބުރެއް ބޭއްވީ ރާއްޖޭގެ 54 ވަނަ މިނިވަންދުވަހާ ދިމާކޮށް 2019ގައެވެ. އެ ފުޅަނދުބުރުގައި ސަރުކާރުގެ ފަސް ކުންފުންޏަކުން ބައިވެރިވި އެވެ.

އެ ހަރަކާތްތައް މިފަހަރު ކެންސަލް ކޮށްފައިވާއިރު އެއީ ސަރުކާރުން ޚަރަދު ކުޑަކުރުމަށް އެޅި ފިޔަވަޅެއް ކަމަށް ބެލެވެއެވެ.

މިމަހުގެ ކުރީކޮޅު ފިނޭންސް މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު އިބްރާހީމް އަމީރު ވަނީ ކޮވިޑުގެ ބަލިމަޑުކަމާއި ޔޫކްރޭން ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ އިގްތިސާދަށް އައި ލޮޅުންތަކުގެ އަސަރު ރާއްޖެއަށް ވެސް ކުރަމުންދާ ކަމަށް ވިދާޅެފައެވެ. އެހެންކަމުން، ދައުލަތުގެ ހަރަދުތައް ކުޑަކޮށް، އާމްދަނީ އިތުރުކުރުމަށް އިތުރު ފިޔަވަޅުތަކެއް އަޅަން ޖެހިފައިވާކަމަށް އަމީރު ވިދާޅުވިއެވެ.

ފިނޭންސް މިނިސްޓްރީން އަޅަން ނިންމި ފިޔަވަޅުތަކުގެ ތެރޭގައި ސަރުކާރު ކުންފުނިތައް ދައުލަތުގެ ބަޖެޓަށް ބަރޯސާވާ މިންވަރު ކުޑަ ކުރުމާއި އިތުރު މަޝްރޫއުތައް ފެށުން މަޑުޖައްސާލުމާއި ހިންގުމުގެ ހަރަދުތައް ކޮންޓްރޯލް ކުރުން ހިމެނެއެވެ.

comment ކޮމެންޓް