ލ. މާވަށު ސުކޫލްގައި ސަލަފް ޖަމުއިއްޔާގެ ފަރާތުން މިރޭ ދީނީ ދަރުސް ބާއްވަން ހުއްދަ ދިނުމަށްފަހު، އެ ހުއްދަ ބާތިލް ކޮށްފިއެވެ.
މިއީ ލ. ފޮނަދޫ އިލްމުވެރިން ޖަމުއިއްޔާއާއި މާވަށު ކައުންސިލްގެ އިތުރުން ޖަމިއްޔަތުއް ސަލަފް ގުޅިގެން މުޅި އެ އަތޮޅަށް އަމާޒު ކޮށްގެން ބާއްވަން އުޅު ދަރުހެކެވެ. މާވަށު ސުކޫލުގައި މި ދަރުސް ބޭއްވުމުގެ ތައްޔާރީތައް ވަމުން އައީ ޕްރިންސިޕަލް ސޮއި ކުރައްވާފައިވާ ހުއްދަ، ކައުންސިލަށް ލިޔުމުން ލިބިގެންނެވެ.
މާވަށު ސުކޫލުގައި ދަރުސް ބޭއްވުމަށް ދީފައިވާ ހުއްދައިގެ ކޮޕީއެއް "ސަން"އަށް ވަނީ ލިބިފައެވެ. ސުކޫލްގެ ޕްރިންސިޕަލް ޒުލައިޚާ ރަފީއު ސޮއި ކުރައްވާ ކައުންސިލްގެ ރައީސް އަހްމަދު މޫސާއަށް ފޮނުއްވާފައިވާ ސިޓީގައި ވަނީ ދީނީ ދަރުސް ބޭއްވުމަށް ޓަކައި އެ ސުކޫލްގެ ހޯލް ދޫކުރެވިފައިވާ ކަމަށެވެ.
މާވަށު ކައުންސިލްގެ ރައީސް އަހްމަދު މޫސާ "ސަން"އަށް ވިދާޅުވީ ސުކޫލުން ދިން ހުއްދައާއެކު މިރޭ 8:30 ގައި ދަރުސް އޮންނާނެ ވާހަކަ ގިނަ ބަޔަކަށް އަންގާފައިވާ ކަމަށެވެ.
އޭނާ ވިދާޅުވީ ރާއްޖޭގައި ފާހިޝް ޢަމަލުތައް ދުވަހެއް ދުވަހަކަށް އިތުރުވަމުން އަންނަ މިފަދަ ދުވަސްވަރެއްގައި އަތޮޅު ތެރޭގެ ރައްޔިތުންނަށް އަމާޒުކޮށްގެން ބާއްވަން އުޅޭ އެފަދަ ދީނީ ދަރުސްތަކަށް ސަރުކާރުން ހުރަސް އެޅުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި މިކަމުން ހާމަ ވަނީ ސަރުކާރުގެ ދީނީ ސިޔާސަތުގެ ބަލިކަށިކަން ކަމަށެވެ.
"މިއަދު މެންދުރު ފަހު އިލްމު ޖަމުއިއްޔާގެ މެމްބަރުންނާ ސަލަފް ޖަމުއިއްޔާގެ ގިނަ ޝައިޚުންނާއެކު މާވަށަށް ދަތުރު ކުރަނިކޮށް އަޅުގަނޑުމެންނަށް ސުކޫލުން އަންގަނީ ދަރުސް ދިނުން އެޑިއުކޭޝަން މިނިސްޓްރީން މަނާ ކޮށްފި ކަމަށް. މިއީ ބަލައިގަނެވޭނެ ކަމެއް ނޫން،" އަހްމަދު މޫސާ ވިދާޅުވިއެވެ.
ދަރުސް ދިނުމަށް ދިން ހުއްދަ ބާތިލް ކުރިކަން އެންގުމަށް ޕްރިންސިޕަލް ފޮނުވި މެއިލްގައި ބުނެފައިވަނީ މިނިސްޓްރީގެ ހުއްދަ އަދި ލިބިފައިނުވާތީ ކުރިން ދީފައިވާ ހުއްދަ ކެންސަލް ކުރެވިފައިވާ ކަމަށެވެ.
އެޑިއުކޭޝަން މިނިސްޓްރީގެ ޕާމަނަންޓު ސެކްރެޓަރީ އަހްމަދު އަލީ "ސަން"އަށް ވިދާޅުވީ މާވަށު ސުކޫލްގައި އެފަދަ ޕްރޮގްރާމެއް ހިންގުމުގެ ހުއްދަ ދީފައި ނުވާނެ ކަމަށެވެ.
އޭނާ ވިދާޅުވީ އެފަދަ ހުއްދައަކަށް މިނިސްޓްރީގައި އެދިފައި ވެސް ނެތް ކަމަށެވެ.
"ތިޔަ ބުނާ ޕްރޮގްރާމެއް ހިންގަން ސުކޫލްގެ ތަނެއް ދޭން އެއްވެސް ފަރާތަކުން މިނިސްޓްރީގައި އެދިފައެއް ނެތް. ސުކޫލް ހޯލް ވިޔަސް އަދި ސުކޫލްގެ އެހެން ފެސިލިޓީއެއް ވިޔަސް އާއްމު ފަރާތަކަށް ނޫނީ ޖަމުއިއްޔާ، ޖަމާއަތަކުން ވިޔަސް އެ ހިންގާ ކަންކަމަށް ދޫކުރުމަށް އޮންނާނެ އުސޫލެއް. އެ އުސޫލާ އެއްގޮތަށް ސުކޫލްތަކުން ވެސް އަމަލު ކުރާނީ. އަދި އެދޭ ފަރާތަކުން އެދެން ވާނީ ވެސް އެ އުސޫލާ އެއްގޮތަށް،" އަހްމަދު އަލީ ވިދާޅުވިއެވެ.
ދީނީ ނަސޭހަތާއި ދަރުހާއި ވައުޒުތައް ދިނުމަށް ޓަކައި މާލެއާއި އަދި ރަށްރަށަށް ވަޑައިގަންނަވާ ދީނީ އިލްމުވެރީންނަށް އަންނަނީ އެކި ކަހަލަ ހުރަސްތަކާ ކުރިމަތި ކުރުވަމުންނެވެ. ފަހަކަށް އައިސް ގިނައިން ފެންނަނީ ކޮންމެ ވެސް އުޒުރެއް ދެއްކުމަށް ފަހު ދީނީ ދަރުސް ދިނުމަށް ހުރަސް އަޅަން މަސައްކަތް ކުރާ މަންޒަރެވެ.
comment ޖެކް
3 year 10 month ago
މާލޭގެ ހުންނަ ވުޒާރާއަކުން ކޮންމެ ކަމަކަށް ހުއްދައަށް އެދެންޏާ ތިޔައޮތީ ތަށްމިނަށް ލާމަރުކަޒު ކުރެވިފަ!
comment ދެކޭގޮތް
3 year 10 month ago
މިކަމުން އެނގެނީ މިސަރުކާރަކީ އިސްލާމް ދީނާ ޢަދާވާތްތެރި އަދި ވަކި ބައެއްދެކެ ރުޅި އަންނަ ޙަސަދަވެރި ސަރުކާރެއްްކަން. ޤިޔާމަތް ދުވަހުން ދޭނެ ޖަވާބެއް އެބައޮތްތޯ. ސަލާމަތްވާންދާނެ ތަނެއް އޮންނާނެތޯ.
comment އަލްޖިބްރާ
3 year 10 month ago
ދީނީ ދަރުސެއް ދޭން ބޭނުންވިއަސް އެކަން ކުރާބަޔަކު ޖެހޭނީ އެކަމާ ބެހޭގޮތުން ހޯދަން ޖެހޭ ހުއްދަވެސް ހޯދަން ! ހަމަ ބަޔަކު ބޭނުންހާގޮތަކަށް ކަންތަށްތަށް ނުކުރެވޭނެ ! އެވަރު އެގެންޖެހޭނެ ! ދީނީ ދަރުސް ދޭން ބޭނުންވާ ބަޔަކީވެސް ޤާނޫނުގެ އަމުރު ނުހިގާ ބައެއް ކަމުގައި ވެގެން ނުވާނެ !
reply އަލްޖިބްރާ1
3 year 10 month ago
އަލްޖިބްރާ ކޮމެންޓް ކޮށްފަ ތިއޮތީ ރަނގަޅަށް ލިޔުން ނުކިޔާހެން ހީވަނީ.
reply އަހުމަދު
3 year 10 month ago
އެކަން ކުރާ މީހުން އެއޮތީ ސްކޫލަށް ހުއްދަ ހޯދަން އެދިފަ، އެދުނީމާ ސްކޫލުން ހުއްދަވެސް ދީފަ. އެއީ އެކަން ކުރާ މީހުންގެ މައްސަލައެއް ނޫން، މައްސަލައަކީ ސްކޫލުން ޢެޑިއުކޭޝަން މިނިސްޓްރީން ހުއްދަ ނުހޯދާ، އެކަމަށް އެދުނު ޖަމިއްޔާ އަށް ހުއްދަ ދިނުން. މިކަމުގައި ޖަމިއްޔާގެ އެއްވެސް މައްސަލައެއް އޮތް ކަމަކަށް އަހަރެން ނުދެކެން، ސްކޫލުން ކަންކުރި ގޮތް ގޯހީ.
comment ޢިންނު މުހައްމަދު
3 year 10 month ago
ކައުންސިލް އިން ޚަރަދުކޮށްގެން ހިންގާ އިޖްތިމާއީ ޕްރޮގްރާމްރަކަށް ސަރުކާރުން ސިޔާސީ ބޭނުމެއްގަ ހުރަސް އެޅިގެން ނުވާނެ