ޝަންގްރިއްލާ އޮޕަރޭޝަނަށް ގެެނެވޭނެ ސީދާ ތާރީޚު ނޭނގޭތީ ނަޝީދުގެ ނުރުހުން

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދުގެ ޖަލްސާގައި --- ފޮޓޯ/ މަޖިލިސް

ޝަންގްރިއްލާ ރިސޯޓު އަލުން އޮޕަރޭޝަނަށް ގެނެވޭނެ ސީދާ ތާރީޚެއް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމަށް ވިދާޅުނުވެވުމުން އެ ކަމާ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ނުރުހުން ފާޅުކުރައްވައިފިއެވެ.

ހިތަދޫ މެދު ދާއިރާގެ މެމްބަރު އަހްމަދު ރަޝީދުވަނީ ރާއްޖޭގެ އިގްތިސާދު ރަނގަޅުވަމުން އަންނައިރު ޝަންގްރިއްލާއިން ޚިދުމަތް ދޭން ފަށައި ސަރުކާރަށް އާމްދަނީ އިތުރުވާނެ ގޮތަކަަށް މަސައްކަތް ފެށޭނީ ކޮން އިރަކު ތޯ ސުވާލުކުރައްވައިފައެވެ.

އެ ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ ޝަންގްރިއްލާ ހުޅުވޭނެ ކިތަންމެ ތާރީޚަކަށް ޚުދު އޭނާ ވެސް އިންތިޒާރުކުރައްވައިފި ކަމަށެވެ.

"ޕްރައިވެޓް ވިޔަފާރިއެއް. ސަރުކާރުން ކޮށްދިން އެންމެ ބޮޑު ކަންތައް ކޮށްދީފި. އެއީ ކުލި ވަރަށް ކުޑަކޮށްދީފި. ދެން ސަރުކާރުގަ އޮތް ޝެއާ ދޫކޮށްލުމުގެ މަޝްވަރާތައް ނިމި އައްޑޫ ސިޓީގެ އިއްޒަތްތެރި މަޖިލިސް މެމްބަރުންނާއި ކައުންސިލް މެމްބަރުން ޝާމިލުވާ ގޮތަށް ވާހަކަ ދެކެވިފައިވަނީ،" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ މަޝްވަރާގެ މަސައްކަތް ނިމުމާއެކު މި އަހަރު ތެރޭ އެ ތަން ހުޅުވޭނެ ކަމަށެވެ.

ނަމަވެސް އެ ޖަވާބާ މެދު ނުރުހުން ފާޅުކުރައްވަމުން ރައީސް ނަޝީދުވަނީ ހިއްސާ ބަދަލުކުރުމަށް ކުރަމުން އަންނަ މަޝްވަރާ ހުއްޓިފައިވާއިރު، އެ ކަން އަލުން ފެށޭނީ ކޮން އިރަކުތޯ ސުވާލުކުރައްވައިފައެވެ.

"އިއްޒަތްތެރި ވަޒީރަށް ވެސް އެބަ އެނގިވަޑައިގަންނަވާ އެ ހިއްސާ ދޫކުރީމަކަމަށް އެ ކަން ވާން އޮތީ ހިއްސާ ދޫކުރުމުގެ މައްސަަލަ އޮތީ ހުއްޓިފައިކަން، ކޮން އިރަކުންތޯއޭ ހިއްސާ ދޫކުރެވޭނީ. ކާކުތޯއޭ އެއްބަސްނުވެގެން އުޅެނީ. އަޅުގަނޑު ދެކޭގޮތުގައި ޝަންގްރިއްލާގެ މައްސަލަ މި މަޖިލީހުގައި ތަކުރާރުކޮށް އެބަ ސުވާލުކުރައްވާ. އެއަށް އެކަށީގެންވާ ޖަވާބެއް ލިބޭތަނެއް އަޅުގަނޑަކަށް ނުފެނޭ،" ރައީސް ނަޝީދު ވިދާޅުވިއެވެ.

އެއާއެކު އިތުރު ސުވާލެއްގެ ޖަވާބުގައި މައުސޫމް ވިދާޅުވީ އައްޑޫ ސިޓީއާ ފުވައްމުލަކުގައި ފަތުރުވެރިކަން އެންމެ ފުރިހަމައަށް ހިންގުމަށް ޓަކައި 8،000 ނުވަތަ 9،000 އެނދު ތަރައްގީކުރަން ޖެހޭ ކަމަށެވެ.

އެގޮތުން މިހާރު އެ ސަރަހައްދުގައި ތަރައްގީނުކުރެވި ހުރި ރަށްތަކުގެ ތެރެއިން ހަންކެޑެ ތަރައްގީކުރުމަށް ޓަކައި މިހާރު ކުރިއަށްދަނީ ފައިސާ ހަމަޖެއްސުމުގެ މަސައްކަތްކަމަށް މައުސޫމް ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ޝަންގްރިއްލާގެ ހިއްސާ ސަރުކާރުން ދޫކުރަން ނިންމި ނިންމުން އެ ރިސޯޓު ހިންގާ ކުންފުންޏާ ހިއްސާކޮށްފައިވާކަމަަށެވެ. އެ ކުންފުނިން ޖަވާބުދިނުމާއެކު ޝަންގްރިއްލާގެ މަސައްކަތް ފެށޭނެކަމަށް މައުސޫމް ވިދާޅުވިއެވެ.

ނަމަވެސް ޓޫރިޒަމް ފުޅާކުރުމަށް ޓަކައި އައްޑުއަަށް ވެސް ބޭނުންވަނީ ފެންވަރު ރަނގަޅު އެއާޕޯޓެއް ތަރައްގީކުރުންކަމަށް މައުސޫމް ވިދާޅުވިއެވެ.

https://sun.mv/173374

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ކެމްޕޭނުގެ ތެރެއިން ރައީސް އިބްރާހީމް މުހައްމަދު ޞާލިހު މީގެ ކުރިންވަނީ ސެޕްޓެމްބަރުގެ ތެރޭ އެ ރިސޯޓު އޮޕަރޭޝަނަށް ގެނެވޭނެކަމުގެ ޔަގީންކަން ދެއްވައިފައެވެ.

comment ކޮމެންޓް