ދެ ޕައުންޑުގެ (ގާތްގަޑަކަށް އެއް ކިލޯ)ގެ ކެނެބިސް ޓްރެފިކް ކުރި ކަމަށް ސާބިތުވި މީހަކު ސިންގަޕޫރުގައި ދަން ޖައްސައިފިއެވެ.
ބޭރުގެ ނޫސްތަކުން ރިޕޯޓުކުރާ ގޮތުގައި ސިންގަޕޫރުގައި ދަން ޖައްސައިފައިވަނީ އުމުރުން 46 އަހަރުގެ ތަރަންގޫ ސުޕިއާ ނަމަކަށް ކިޔާ ސިންގަޕޫރުގެ ފިރިހެނެކެވެ. އޭނާ ދަން ޖައްސައިފައިވަނީ ރޭގެ ވަގުތެއްގައިއެވެ.
ތަރަންގޫގެ މަރުގެ މައްސަލައާ ގުޅިގެން ބައެއް މީހުން ދަނީ ނުރުހުން ފާޅުކުރަމުންނެވެ. އެގޮތުން އެމީހުން ބުނާ ގޮތުގައި އޭނާ ދަންޖައްސައިފައިވަނީ މަދު ހެކިތަކެއްގެ މައްޗަށް ބިނާކޮށް، ގާނޫނީ ގޮތުން ލިބެން ޖެހޭ ހައްގުތަކެއް ނުލިބި ކަމަށެވެ.
އެހެން ނަމަވެސް ސިންގަޕޫރުގެ އިދާރާތަކުން އެކަން ދޮގު ކުރެއެވެ. އަދި އޭނާއަށް ކުރިއަށް ގެންދެވުނީ އިންސާފުވެރި ޝަރީއަތެއް ކަމުގައި އެ ގައުމުގެ އިދާރާތަކުން ބުނެއެވެ.
މި މައްސަލައާ ގުޅިގެން ޔޫއެންގެ އިންސާނީ ހައްގުތަކާ ބެހޭ އޮފީހުން ވެސް އެ މައްސަލަ އަލުން ބަލައި، ޙުކުމް އަލުން އިއްވުމަށް ސިންގަޕޫރަށް އެންގިއެވެ. ނަމަވެސް ސިންގަޕޫރުން އެކަމަށް ދިނީ ބީރު ކަންފަތެކެވެ.
މި މައްސަލައިގައި އޭނާ ހައްޔަރުކޮށްފައިވަނީ 2013 ވަނަ އަހަރުއެވެ. އެގޮތުން އޭނާ ހައްޔަރުކޮށްފައިވަނީ މެލޭޝިޔާ އިން ސިންގަޕޫރަށް އެއް ކިލޯގެ ޑްރަގު އެތެރެ ކުރި ކަމުގެ ތުހުމަތުގައެވެ. އޭނާ ހައްޔަރު ކުރި އިރު އޭނާގެ އަތުން ޑްރަގް ފެނިފައެއް ނުވެއެވެ.
ނަމަވެސް މި މައްސަލައިގައި ފުލުހުން ވަނީ އޭނާ އެކަމުގައި ބައިވެރިވި ކަމަށް ކަނޑައަޅާފައެވެ. އޭނާ މަރަން ހުކުމް ކުރީ 2018 ވަނަ އަހަރުއެވެ.
ސިންގަޕޫރުގައި މީހަކު މެރިއިރު، މިއީ ނިމިދިޔަ ހަ މަހުގެ ތެރޭގައި މިފަދަ މައްސަލައެއްގައި މީހަކު ދަންޖެއްސި ފުރަތަމަ ފަހަރެވެ. އަދި ނިމިދިޔަ އަހަރު ޑްރަގުގެ އެކި މައްސަލަތަކުގައި ސިންގަޕޫރުން 11 މީހަކު ދަން ޖެއްސިއެވެ.
ޑްރަގު ޓްރެފިކް ކުރުމާއި ގެންގުޅުމުގެ މައްސަލަތަކުގައި މަރުގެ އަދަބު ދިނުމަކީ ސިންގަޕޫރުގެ ޤާނޫނުން ލާޒިމް ކުރާ ކަމެކެވެ.
ސިންގަޕޫރަކީ ޑްރަގުގެ މައްސަލަތަކުގައި މަރުގެ ޙުކުމް ތަންފީޒުކުރާ 35 ގައުމުގެ ތެރެއިން އެއް ގައުމެވެ. އަދި އެގައުމަކީ އެފަދަ މައްސަލަތަކުގައި ގަވާއިދުން މަރަން ހުކުމް ކުރާ އަށް ގައުމުގެ ތެރެއިން އެއް ގައުމު ވެސް މެއެވެ.
comment ފަޒީ
2 year 3 month ago
ސިންގަޕޯރުގައި ޑްރަގްސް އެތެރެކުރުމަކީ މަރުގެ ހުކުމް ކުރެވިދާނެ ކުށެއް، އަދި އެ ހުކުމްކޮށްފައި ތަންފީޒުވެސް ކުރީ. ރަނގަަޅު. ރާއްޖޭގައި ޑްރަގްސް އެތެރެކުރާ މީހުން ފޮނުވާލަނީ، ދިވެހިންނަށް 25 އަހަރު ހުކުމްކުރީމަ ރައީސް މާފުދެނީ.
comment ނަދީރު
2 year 3 month ago
ރާއްޖޭގައި ޑްރަގް އެެތެރެކުރާ މީހުންގެ މައްސަލަ ބަލަނީ އިމިގްރޭޝަނާ ކަސްޓަމްސްއާއި ހޯމް މިނިސްޓްރީ ހިމެނޭ ކޮމެޓީއަކުން. ރާއްޖެއަށް ޑްރަގު އެތެރެކުރާ ބިދޭސީންނަށް އެއްވެސް އަދަބެއްދިނުމެއްނެތި ފޮނުވާލަނީ މިބުނާ ކޮމެޓީން. މިފަދަ ކަންބޮޑުވާންޖެހޭ ކަންކަން ހުއްޓާ އިސްކަންދީގެންވެސް އެފާސްކޮށްލީ ހައްދެއްނެތް މިންވަރަރަށް އެއް ކޮތަޅަކުންވެސް ދެރުފިޔާނެގޭނޭ ބިލެއް. ޑްރަގަށްވުރެ ކޮތަޅުގެ ނުރައްކާވެސް މާބޮޑީ. 70ހާސްރުފިޔާއާއި ޕެންޝަނާ މެޑިކަލް އަދި ޑިޕްލޮމެޓިކް ޕާސްޕޯޓާއި އެއަރޕޯޓުގެ ވީއައިޕީފަދަ ނިމުމެއްނެތް އިނާޔަތަތަކާ އިއްޒަތާ ގަދަރު ރައްޔިތުންގެ ޓެކުސް ފައިސާއިން ދީފައި މިތިބީ ކީއްކުރަންބާވައޭ ހިތައްއަރާ
comment ވިކިލީކްސް
2 year 3 month ago
ރަނގަޅަށް ތިހެދީ. ތިޔަފަދަ ކަންކަން ހުއްޓުވޭނީ ތިގޮތަށް. ފަސާދަކުރަން އިސްލާމްދީނުގަ ފުރުސަތު ނޯންނާނެ. އެއް ނަފްސު މަރާލީމާ ބައިވަރު ނަފްސުތައް ތިޔަ ނުބައި އަމަލާ އެބަ ދުރުވޭ؟ ކާފަރުންނަކީ ﷲ ހަރާމްކުރެއްވި ކަންތައްކޮށް އެކަންތަކަށް ހިއްވަރުދޭ މީހުން. އދ އޭ ހިއުމަންރައިޓްސްއޭ ކިޔައިގެން ކާފަރުން ޖަމިއްޔާތައް ހަދައިގެން އުޅެނީ މުސްލިމުންގެ މައްޗަށް ގަދަވެގަންނަން. މުސްލިމުން ގުރުއާނާ ދޭތެރޭ ނުވިސްނާކަން ކާފަރުންނަށް އެނގޭ. އޭގެ މިސާލެއް ދޯ ގުރުއާނުގަ ހުރި ހައްލުތަކަށް އަމަލުނުކޮށް އެއުޅޭކާފަރުންގެ ބަސް އިސްކުރަނީ.