ފިތުރު އީދާ ގުޅުވައިގެން ބައިބަލާ އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ބާއްވާ "އެމްޓީސީސީ އީދު ބައިބަލާ ޗެލެންޖް 1444" ގެ ކުއާޓާ ފައިނަލުން އެންމެ ފަހުގެ ޗެމްޕިއަން ކްލަބު އޯވަންއޯ އާއި މަސްއޮޑި ޓައިޓަންސް އިން ޖާގަ ހޯދައިފިއެވެ.
ޖުމުލަ 34 ޓީމަކާއެކު ހުޅުމާލޭގައި ކުރިއަށްގެންދާ އެ މުބާރާތުގެ ކުއާޓާއިން ކްލަބު އޯވަންއޯ އާއި މަސްއޮޑިން ޖާގަ ހޯދީ މިރޭ އެ ދެ ޓީމުން ކުޅުނު ގަދަ 16 ގެ މެޗުން މޮޅުވެގެންނެވެ. އެ ދެ މެޗުގައި ވެސް އިދިކޮޅުން ނުކުތީ ޓީސީގެ ދެ ޓީމެކެވެ.
މިރޭ ކުޅުނު ގަދަ 16 ގެ މެޗުގައި އޯވަންއޯ އިން ނުކުތީ ޓީސީ ފްރެޓާނިޓީއާ ދެކޮޅަށެވެ. އެ މެޗު ސީދާ ދެ ގޭމުން ގެންދިޔައީ އޯވަންއޯ އެވެ. ފުރަތަމަ ގޭމް 10-6 އިން އޯވަންއޯ ގެންދިޔަ އިރު، ދެވަނަ ގޭމް ވެސް އެޓީމުން ފަސޭހަކަމާއެކު ގެންދިޔައެވެ.

"އެމްޓީސީސީ އީދު ބައިބަލާ ޗެލެންޖް 1444" ގެ ގަދަ 16 ގައި ކްލަބު އޯވަންއޯ އާއި ޓީސީ ފްރެޓާނިޓީ ބައްދަލުކުރި މެޗުގެ ތެރެއިން -- ފޮޓޯ/ އިމޭޖަސް
އެ މެޗުގެ ފުރަތަމަ ގޭމްގައި އޯވަންއޯ އިން ފެށީ އެތެރެއިންނެވެ. ކުރީކޮޅުގައި އޯވަންއޯ އިން ޓީސީ ފްރެޓާނިޓީގެ ކުޅުންތެރިންތަކެއް ހިފެހެއްޓި ނަމަވެސް، ޓީސީން ކުޅުން ވަރުގަދަކޮށް ފަހުން ހަ ކުޅުންތެރިޔަކު ގެންދިޔައެވެ. އެ ގޭމްގެ ފަހުކޮޅުގައި އޯވަންއޯ އިން މަސައްކަތްކުރީ އެ ނަތީޖާގައި ހިފަހައްޓައިލުމަށެވެ. ނަތީޖާއެއްގެ ގޮތުން ޓީސީ ފްރެޓާނިޓީއަށް އިތުރު ކުޅުންތެރިޔަކު ނުގެންދެވި، ގޭމް އޯވަންއޯއަށް ލިބިގެންދިޔައެވެ. ދެވަނަ ގޭމްގެ ކުރީކޮޅުގައި އެތެރެއިން ކުޅުނު ޓީސީ ފްރެޓާނިޓީން އޯވަންއޯގެ ދެ ކުޅުންތެރިޔަކު ހިފެހެއްޓި ނަމަވެސް، ފަހުން އޯވަންއޯ އިން ވަނީ ޓީސީގެ ހަ ކުޅުންތެރިޔަކު ބޭރުކޮށްލައި، އެ ގޭމް ވެސް ގެންގޮސްފައެވެ.
ގަދަ 16 ގައި މަސްއޮޑިން ނުކުތީ ބައިބަލާގައި ކާމިޔާބު ޓީމެއް ކަމަށްވާ ޓީސީ ސްޕޯޓްސްއާ ދެކޮޅަށެވެ. އެ މެޗުގެ ފުރަތަމަ ގޭމް 9-9 އިން އެއްވަރުވެގެން ނިމުނު އިރު، ދެވަނަ ގޭމް 10-6 އިން މަސްއޮޑިން ކާމިޔާބުކުރުމާއެކު އެޓީމަށް މެޗު ލިބިގެންދިޔައެވެ.

"އެމްޓީސީސީ އީދު ބައިބަލާ ޗެލެންޖް 1444" ގެ ގަދަ 16 ގައި މަސްއޮޑި ޓައިޓަންސް އާއި ޓީސީ ސްޕޯޓްސް ބައްދަލުކުރި މެޗުގެ ތެރެއިން -- ފޮޓޯ/ އިމޭޖަސް
އެ މެޗުގެ ފުރަތަމަ ގޭމްގައި މަސްއޮޑިން ފެށީ އެތެރެއިންނެވެ. ކުރީކޮޅުގައި ދެ ޓީމުގެ ފަރާތުން ވެސް ދާދި ހަމަހަމަ ކުޅުމެއް ފެނިގެންދިޔަ ނަމަވެސް، މެޗުގައި މަސްއޮޑިއަށް އުނދަގޫތަކެއް ކުރިމަތިވީ ޓީސީގެ އެއް ކުޅުންތެރިޔަކު އަރައި އެއްފަހަރާ މަސްއޮޑީގެ ދެ ކުޅުންތެރިޔަކު ގޮވައިގެން ނުކުތުމުންނެވެ. އެ ގޭމްގެ ފަހުކޮޅު ފޯރިގަދަކޮށް ފެނިގެންދިޔަ އިރު، ވަގުތު ހަމަވީ ދެ ޓީމު އެއްވަރުވެގެންނެވެ.
މެޗުގެ ދެވަނަ ގޭމް ވެސް ފެނިގެންދިޔައީ ފޯރިގަދަކޮށެވެ. އެ ގޭމްގައި މަސްއޮޑީގެ ކުޅުންތެރިޔަކު އަރައި އެއްފަހަރާ ޓީސީގެ ތިން ކުޅުންތެރިޔަކު ގެންދިޔަ ނަމަވެސް، ޓީސީން ކުޅުން ރަނގަޅުކުރުމަށް މަސައްކަތްކުރިއެވެ. ފަހުކޮޅު ހޫނުކޮށް ދިޔަ ގޭމް މަސްއޮޑިން ނިންމާލީ އެޓީމުން އެންމެ ފަހުން އެރި ކުޅުންތެރިޔާ، ޓީސީގެ ދެ ކުޅުންތެރިޔަކު ގެންގޮސްގެންނެވެ.
ކުއާޓާގައި ވާދަކުރާ ޓީމުތައް:
- ކްލަބު އޯވަންއޯ
- މަސްއޮޑި ޓައިޓަންސް
- ވީކޭ ސްޕޯޓްސް
- ޔުނައިޓެޑް އީސްޓް ކޯސްޓް
- ހުޅުމާލެ ސްޕޯޓްސް ކްލަބު
- ކްލަބު ކާސިންޖީ
- ބްރަދަހުޑް ސްޕޯޓްސް ކްލަބު
- ކްލަބު ޓީނޭޖް
މިދިޔަ ހޮނިހިރު ދުވަހު ފެށި ބައިބަލާ ޗެލެންޖުގެ ޓައިޓަލް ސްޕޮންސަރަކަށް އެމްޓީސީސީ ހަމަޖައްސާފައިވާ އިރު، އޮފިޝަލް ޕާޓްނަރަކީ އާބަންކޯއެވެ. އަދި ބްރޯޑްކާސްޓިން ޕާޓްނަރަކީ ސަން ސިޔާމް މީޑިއާއެވެ.