ޗެމްޕިއަން އޯވަންއޯ ކަޓުވާލުމަށްފަހު، އީސްޓް ކޯސްޓް ސެމީއަށް

"އެމްޓީސީސީ އީދު ބައިބަލާ ޗެލެންޖް 1444" ގެ ކުއާޓާގައި ކްލަބު އޯވަންއޯ އާއި ޔުނައިޓެޑް އީސްޓް ކޯސްޓް ބައްދަލުކުރި މެޗުގެ ތެރެއިން -- ފޮޓޯ/ އިމޭޖަސް

ފިތުރު އީދާ ގުޅުވައިގެން ބައިބަލާ އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ބާއްވާ "އެމްޓީސީސީ އީދު ބައިބަލާ ޗެލެންޖް 1444" ގެ ކުއާޓާ ފައިނަލުގައި އެންމެ ފަހުގެ ޗެމްޕިއަން ކްލަބު އޯވަންއޯ ކަޓުވާލުމަށްފަހު، ޔުނައިޓެޑް އީސްޓް ކޯސްޓުން ސެމީ ފައިނަލުގެ ޖާގައެއް ހޯދައިފިއެވެ.

ޖުމުލަ 34 ޓީމަކާއެކު ހުޅުމާލޭގައި ކުރިއަށްގެންދާ އެ މުބާރާތުގައި މިރޭ ކުޅުމަށް ތާވަލުކޮށްފައިވަނީ ކުއާޓާ ފައިނަލުގެ މެޗުތަކެވެ. އެގޮތުން އެންމެ ފާހަގަކޮށްލެވުނު އެއް މެޗަކީ އޯވަންއޯ އާއި އީސްޓް ކޯސްޓް ބައްދަލުކުރި މެޗެވެ. އެ ދެ ޓީމަކީ ވެސް މުބާރާތުގައި ވަރުގަދަ ކުޅުމެއް ދެއްކި ދެ ޓީމެވެ.

ކުއާޓާގައި އޯވަންއޯގެ މައްޗަށް އީސްޓް ކޯސްޓުން ކުރި ހޯދީ ސީދާ ދެ ގޭމުންނެވެ. އީސްޓް ކޯސްޓުން 11-8 އިން ފުރަތަމަ ގޭމް ގެންދިޔަ އިރު، އެޓީމުން ދެވަނަ ގޭމް ގެންދިޔައީ 17-2 އިންނެވެ.

"އެމްޓީސީސީ އީދު ބައިބަލާ ޗެލެންޖް 1444" ގެ ކުއާޓާގައި ކްލަބު އޯވަންއޯ އާއި ޔުނައިޓެޑް އީސްޓް ކޯސްޓް ބައްދަލުކުރި މެޗުގެ ތެރެއިން -- ފޮޓޯ/ އިމޭޖަސް

އެ މެޗުގެ ފުރަތަމަ ގޭމްގައި ކްލަބު އޯވަންއޯ އެތެރެއިން ވަރުގަދަކޮށް ފެށި ނަމަވެސް، މަޑުމަޑުން އީސްޓް ކޯސްޓުން އޯވަންއޯގެ ކުޅުންތެރިން ބޭރުކުރަމުންދިޔައެވެ. ނަތީޖާއެއްގެ ގޮތުން ވަގުތު ހަމަވުމުގެ ކުރިން އީސްޓް ކޯސްޓުން ވަނީ ކުރި ހޯދައިފައެވެ. ދެވަނަ ގޭމްގައި އެތެރެއިން ވެސް އީސްޓް ކޯސްޓުން ވަރުގަދަ ކުޅުމެއް ދެއްކިއެވެ. ވަގުތު ހަމަވުމުގެ ކުރިން އޯވަންއޯއަށް ގެންދެވުނީ އީސްޓް ކޯސްޓްގެ ދެ ކުޅުންތެރިއެކެވެ.

އެ މެޗުގެ ކުރިން މިރޭ ވަނީ ކުއާޓާގައި ވީކޭ ސްޕޯޓްސް އާއި މަސްއޮޑި ޓައިޓަންސް ވާދަކޮށްފައެވެ. އެ މެޗު 2-1 ގޭމުން ކާމިޔާބުކޮށް، ސެމީގެ ޖާގަ ހޯދީ ވީކޭ އިންނެވެ. ފުރަތަމަ ގޭމް 9-8 އިން ވީކޭ ގެންދިޔަ އިރު، ދެވަނަ ގޭމް 17-3 އިން ގެންދިޔައީ މަސްއޮޑިއެވެ. އަދި ގަދަ ހިފުމުން ވީކޭ ކުރި ހޯދީ 2-1 އިންނެވެ.

މިދިޔަ ހޮނިހިރު ދުވަހު ފެށި ބައިބަލާ ޗެލެންޖުގެ ޓައިޓަލް ސްޕޮންސަރަކަށް އެމްޓީސީސީ ހަމަޖައްސާފައިވާ އިރު، އޮފިޝަލް ޕާޓްނަރަކީ އާބަންކޯއެވެ. އަދި ބްރޯޑްކާސްޓިން ޕާޓްނަރަކީ ސަން ސިޔާމް މީޑިއާއެވެ.

comment ކޮމެންޓް