ބްރެޒިލް ކްލަބު ފްލެމިންގޯ އިން ވިނީޝިއަސް ޖޫނިއާ ރަނގަޅަށް ތަމްރީނުކޮށްފައި ނުވާ ކަމަށް ބްރެޒިލްގެ ފުޓުބޯޅަ ލެޖެންޑް ރޮނާލްޑޯ ބުނެފިއެވެ.
ރެއާލް މެޑްރިޑާއެކު ބްރެޒިލް ތަރި މިހާރު ގިނަ ކުރިއެރުންތަކެއް ހޯދަމުންދާކަން ރޮނާލްޑޯ ފާހަގަކޮށްފައިވީ ނަމަވެސް، 2019 ވަނަ އަހަރު އެ ކްލަބާ ގުޅުމުގެ ކުރިން ތަމްރީނުތައް ދިޔައީ ރަނގަޅަށް ނޫން ކަމަށް ރޮނާލްޑޯ ދެކެއެވެ.
"ބްރެޒިލްގައި ފްލެމިންގޯ އިން އޭނާއަށް ދޭންޖެހޭ ޓެކްނިކަލް ތަމްރީނުތައް ރަނގަޅަށް ދީފައެއް ނުވޭ، ރަނގަޅަށް ތައްޔާރުކޮށްފައެއް ނުވޭ. ރެއާލާ ގުޅުނު އިރު، އޭނާއަށް ވައަތު ފައިން ރަނގަޅަށް ބޯޅަ ކޮންޓްރޯލުކުރުމަށް އުނދަގޫތަކަކާ ކުރިމަތިލާން ޖެހުނު. އެކަމަކު މިހާރު އޭނާއަކީ އެންމެ މޮޅު އެއް ކުޅުންތެރިޔާ،" ޕޮޑްކާސްޓެއްގައި ވާހަކަދައްކަމުން ރޮނާލްޑޯ ބުންޏެވެ.
ރޮނާލްޑޯ ބުނީ ރެއާލްގެ ރިސާވް ޓީމަށް ކުޅުމަށްފަހު އެންމެން ވެސް ހީކުރީ ވިނީޝިއަސް އަނބުރާ ބްރެޒިލަށް ފޮނުވާލާނެ ކަމަށާއި ނަމަވެސް ދެ އަހަރުގެ ތެރޭގައި ބުރަ މަސައްކަތާއެކު އޭނާ ކާމިޔާބީތައް ހޯދި ކަމަށެވެ.
ހުސްވެފައިވާ ބްރެޒިލް ގައުމީ ޓީމުގެ ކޯޗުކަމުގެ މަގާމާ ރެއާލް މެޑްރިޑްގެ ކޯޗު ކާލޯ އެންޗެލޮޓީ ހަވާލުވާ ކަމަށް ދެކެވޭ ވާހަކަތަކާ ގުޅޭގޮތުން ވެސް ރޮނާލްޑޯ ވަނީ ވާހަކަދައްކައިފައެވެ. އެކަމާ ގުޅޭގޮތުން ރޮނާލްޑޯ ބުނެފައިވާ ގޮތުގައި ޓީމުގެ ކޯޗަށް ހަމަޖައްސަން ޖެހޭނީ އެންމެ ރަނގަޅު ކޯޗެވެ.