ޕެރިސް ސެއިންޓް ޖާމައިން (ޕީއެސްޖީ)ގެ އިޓަލީ ގޯލްކީޕަރު ޖިއަންލުއިޖީ ޑޯނަރޫމާ އާއި އޭނާގެ ލޯބިވެރިޔާ އެލެސިއާ އެލެފަންޓޭއަށް ހަމަލާދީ، ޕެރިސްގައި ހުންނަ އޭނާ ގެއިން ވައްކަންކޮށްފިއެވެ.
އެ ހާދިސާ ހިނގާފައިވަނީ މިއަދު ފަތިހުގެ ވަގުތެއްގައެވެ. އެ ވައްކަން ކުރަން ޑޮނަރޫމާ ދިރިއުޅެމުންދިޔަ ގެއަށް ވަން މީހުން ވަނީ ފަސް ލައްކަ ޔޫރޯގެ އަގުހުރި ތަކެތި ގެންގޮސްފައެވެ.
ރިޕޯޓުތައް ބުނާގޮތުގައި ވައްކަން ކުރަން ވަން މީހުން އެ ވައްކަން ކޮށްފައިވަނީ ޑޮނަރޫމާ އާއި އޭނާގެ ލޯބިވެރިޔާ އެލެފަންޓޭއަށް ހަމަލާދިނުމަށްފަހު، އެ ދެމީހުން ވާގަނޑަކުން ބަނުމަށްފަހުއެވެ.
ޑޮނަރޫމާ އާއި އޭނާ ލޯބިވެރިޔާ އަމިއްލައަށް ސަލާމަތްވެ، އެގެއިން ނުކުތުމަށްފަހު ދިޔައީ އެގެއާ މާ ދުރުނޫން ހިސާބެއްގައި ހުރި ލަގްޒަރީ ހޮޓެލަކަށެވެ. އެތަނުން ފުލުހުންނަށް ގުޅާފައިވަނީ އެ ހޮޓެލުގެ މުވައްޒަފުންނެވެ. އެއަށްފަހު އެ ދެމީހުން ވަނީ ފަރުވާއަށް ހޮސްޕިޓަލަށް ގެންގޮސްފައެވެ.
އެ ހާދިސާއާ ގުޅޭގޮތުން ޑޮނަރޫމާ ނިސްބަތްވާ އެޖެންސީން ނެރުނު ބަޔާނެއްގައި ބުނީ މިއަދުގެ ހެނދުނުގެ ވަގުތެއްގައި ޑޮނަރޫމާ އާއި އޭނާގެ ލޯބިވެރިޔާއަށް ކުރިމަތިލާން ޖެހުނު ހާދިސާއާ ގުޅިގެން ޝޮކެއްގައި ތިބި ކަމަށާއި ނަމަވެސް އެ ދެމީހުންގެ ހާލު މިހާރު ރަނގަޅު ކަމަށެވެ. އަދި ޑޮނަރޫމާ އާއި އޭނާގެ ލޯބިވެރިޔާ އެކަމާ ގުޅޭގޮތުން ވާހަކަދައްކާނީ ފުލުހުންގެ ތަހުގީގަށްފަހު ކަމަށް ވެސް އެ އެޖެންސީން ބުންޏެވެ.
ޑޮނަރޫމާ ޕީއެސްޖީއާ ގުޅުނީ 2021 ވަނަ އަހަރު އޭސީ މިލާނުންނެވެ. އިޓަލީ ގައުމީ ޓީމާއެކު ޔޫރޯ 2020 ކާމިޔާބުކުރި ޑޮނަރޫމާ ވަނީ ޕީއެސްޖީއަށް 72 މެޗު ކުޅެ، އެ ކްލަބާއެކު ދެ ސީޒަނެއްގެ ފްރާންސް ލީގު ކާމިޔާބުކޮށްފައެވެ.