މިއުޒިކް ސްޓްރީމިން ކުންފުނި ސްޕޮޓިފައި އިން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މަސައްކަތް ކުރާ އެ ކުންފުނީގެ މުވައްޒަފުންގެ 17 ޕަސެންޓް މުވައްޒަފުން ވަޒީފާތަކުން ކަނޑައިލަން ނިންމައިފިއެވެ.
ސްޕޮޓިފައިގެ ސީއީއޯ ޑެނިއަލް އޭކް މި ގޮތަށް ނިންމީ އެ ކުންފުނީގެ ކުރިއެރުމަށް އަންނަ ހީނަރުކަމާއި އިގްތިސާދީ ގޮންޖެހުންތައް އިތުރުވާތީ ޚަރަދު ކުޑަކުރުމަށް އެ ކުންފުނިން މަސައްކަތްތަކެއް ފަށައިފައިވަނިކޮށެވެ.
އެ ނިންމުމާ ގުޅިގެން މުވައްޒަފުންނަށް ފޮނުވި މެސެޖެއްގައި އޭކް ވަނީ އިގްތިސާދީ ހާލަތު ގޯސްވެ، ކެޕިޓަލް ޚަރަދުތައް އިތުރުވުމަކީ ކުންފުނި ރީސްޓްރަކްޗަރު ކުރުމުގެ ފަހަތުގައިވާ ސަބަބެއް ކަމަށެވެ.
އެގޮތުން މި ދަނޑިވަޅުގައި ގިނަ މުވައްޒަފުންތަކެއް ވަޒީފާއިން ވަކިކުރުމުން، ސްޕޮޓިފައިއަކީ ކުރިއަށް ހުރި ދުވަސްތަކުގައި ދިމާވާ ދަތިތަކާ ކުރިމަތިވުމަށް ފަސޭހަވާނެކަމަށެވެ.
ސްޕޮޓިފައި އިން ވަނީ މީގެ ކުރިން ވެސް ދެ ފަހަރެއްގެ މަތިން މުވައްޒަފުން ވަޒީފާއިން ވަކިކޮށްފައި ވެއެވެ.
އެގޮތުން 2022 ވަނަ އަހަރުގެ ޖޫން މަހު އެ ކުންފުނީގެ ޕޮޑްކާސްޓް ޑިވިޝަންގެ 200 ވަޒީފާއާއި މި އަހަރުގެ ޖެނުއަރީ މަހު ދުނިޔޭގެ އެކި ކަންކޮޅުތަކުން އިތުރު 600 މަގާމުވަނީ އުވައިލައިފައެވެ.
ވަޒީފާ ގެއްލޭ މުވައްޒަފުންނަށް އެވްރެޖްކޮށް މަދުވެގެން ފަސް މަސް ދުވަހުގެ މުސާރަ ދޭއިރު، ސްޕޮޓިފައިގެ ވަޒީފާއިން ވަކިކުރި ނަމަވެސް ސިއްހީ ޚިދުމަތް ކުރިއެކޭ އެއްގޮތަށް ލިބޭނެ ކަމަށް ވެސް ބުންޏެވެ. އަދި ދެ މަސް ދުވަހުގެ އައުޓްޕްލޭސްމަންޓްގެ ޚިދުމަތް ވެސް ދޭނެ ކަމަށް އެ ކުންފުނިން ބުނެއެވެ.
މިއުޒިކް ޕްލެޓްފޯމްގެ މިއުޒިކާއި ޕޮޑްކާސްޓް އަދި އޯޑިއޯބުކް ބްރާންޗްތަކުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ގާތްގަނޑަކަށް 8،800 މީހުން މަސައްކަތް ކުރެއެވެ.
އޭގެ ތެރެއިން 17 ޕަސެންޓް މުވައްޒަފުން ވަޒީފާއިން ވަކިކުރަން ނިންމިއިރު، އެއީ ގާތްގަޑަކަށް 1400 އަށްވުރެ ގިނަ މުވައްޒަފުންގެ ވަޒީފާއެވެ.