ރާއްޖޭގެ ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް)އެއްގައި ހިންގިދާނެ އިގްތިސާދީ މަސައްކަތްތަކާއި، އެއިން ޒޯނެއްގައި ހިމެނޭ ޖުމްލަ އިންވެސްޓްމަންޓްގެ އެންމެ ކުޑަ މިންގަނޑު 100 މިލިއަން އެމެރިކާ ޑޮލަރަށް ދަށްކޮށްފިއެވެ.
މީގެ ކުރިން ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރުގައި އެސްއީޒެޑް އިންވެސްޓްމެންޓަކަށް ކަނޑައެޅުއްވި އެންމެ ކުޑަ އަގަކީ 150 މިލިއަން ޑޮލަރެވެ.
އެ އަދަދަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު ބަދަލު ގެންނެވީ މިއަދު ނެރުއްވި ގަރާރަކުންނެވެ.
މި ގަރާރުގައި އިންވެސްޓުކުރުމަށް ހިމަނާފައިވާ ދާއިރާތަކަކީ:
- އެކްސްޕޯޓަށް އިސްކަންދީގެން ހިންގާ މެނުފެކްޗަރިންގެ އެކި ބާވަތުގެ މަސައްކަތްތައް
 - ޓްރާސްޝިޕްމަންޓް ޕޯޓް، އިންޓަނޭޝަނަލް ލޮޖިސްޓިކްސް، ޕޯޓް، އެއާޕޯޓް، ބަލްކް ބްރޭކިން، ބަންކަރިން، ޑޮކިން ސާވިސަސް
 - ޔުނިވަސިޓީ، ޓާޝަރީ ހޮސްޕިޓަލް، ސްޕެޝަލިޓީ ހޮސްޕިޓަލް، ދުނިޔޭގެ ފެންވަރުގެ ރިސާޗް އެންޑް ޑިވެލޮޕްމަންޓް ފެސިލިޓީތައް
 - ދުނިޔޭގެ ފެންވަރުގެ އިންފޮމޭޝަން ކޮމިޔުނިކޭޝަން ޓެކްނޮލޮޖީ (އައިސީޓީ) ޕާކް، އައިސީޓީއާ ގުޅޭ ފެސިލިޓީތައް
 - އިންޓަނޭޝަނަލް ފައިނޭންޝަލް ސާވިސަސް، އިންޓަނޭޝަނަލް ޓްރޭޑް ސެންޓަރުތައް
 - އިއާދަ ކުރަނިވި ހަކަތައިގެ ދާއިރާ
 - ރާއްޖޭގައި ނެތް ޓެކްނޮލޮޖީއެއް ރާއްޖެއަށް އާންމުކުރުމަށް ހިންގޭ މަސައްކަތްތައް
 - ފުޑް ސެކިއުރިޓީގެ ދާއިރާ
 - ގޭސް އެކްސްޕްލޮރޭޝަންގެ މަސައްކަތްތައް
 
ގަރާރުގައި ބުނާ ގޮތުން ނަމަ މާލީ ދާއިރާއިން ހުށަހަޅާ ހުށަހެޅުންތައް ދިރާސާކުރުމުގައި އިންވެސްޓްމަންޓްގެ އަގުކަމުގައި ބަލާނީ، ޑިވެލޮޕަރު އެ ތަނެއް ގާއިމްކުރަން ޚަރަދުކުރާ ފިކްސްޑް އިންވެސްޓްމަންޓަށެވެ. އަދި މާލީ ޚިދުމަތް ފަށައިގަތުމަށް ރާއްޖެއަށް ގެނައުމަށް ޑިވެލޮޕަރު ކޮމިޓްކުރާ ކެޕިޓަލް އިންވެސްޓުމަންޓަށެވެ.
މީގެ އިތުރުން ޑިވެލޮޕަރު ހުށަހަޅާ ޖުމްލަ އިންވެސްޓްމަންޓުގެ ތެރޭގައި ހިމެނޭ ސްޓްރެޓެޖިކް އިންވެސްޓްމަންޓްގެ ބައިތަކަށް ޚަރަދުކުރާ ޖުމްލަ އިންވެސްޓްމަންޓްގެ މިންވަރަށްވުރެ، ސްޓްރެޓެޖިކް ބައިތަކުގެ ބޭރުން އެ އިންވެސްޓްމަންޓުގައި ހިމެނޭ އެހެނިގެން ވިޔަފާރިތަކަށް ކުރާ އިންވެސްޓްމަންޓް ބޮޑުވެގެން ނުވާނެ ކަމަށް ގަރާރުގައިވެއެވެ.
އެސްއީޒެޑް ގާނޫނު އެންމެ ފުރަތަމަ ތައާރަފުކުރީ 2015 ވަނަ އަހަރުއެވެ.
ރައީސް މުއިއްޒު ވަނީ އެ މަޝްރޫއު ކުރިއަށް ގެންދަވާނެ ކަމަށާއި، އެކަމަށް ޓަކައި ހަދާފައިވާ ގާނޫނު ތަންފީޒުކުރައްވާނެ ކަމަށް މީގެ ކުރިން ވިދާޅުވެފައެވެ.
މިއަދު ރައީސް ނެރުއްވި ގަރާރުގައި، އެސްއީޒެޑްގެ ތެރެއިން ހިންގާ މަޝްރޫއުތަކާ ގުޅޭ ތަފްސީލުތައް ބޯޑް އޮފް އިންވެސްޓްމެންޓްގެ މަޝްވަރާއާ އެކު ކޮންމެ އަހަރެއްގެ ފެބްރުއަރީ މަހުގެ ކުރިން ރިވިއު ކުރުމަށް ފަހު ގަރާރަކުން އެކަން ހާމަކުރާނެ ކަމަށް ބަޔާންކޮށްފައިވެއެވެ.