މި ހަފުތާގެ އާދިއްތަ ދުވަހު ބޭއްވި 20 ވަނަ ރައްޔިތުންގެ މަޖިލީސް އިންތިޚާބުގައި މަޖިލީހަށް އިންތިޚާބުވި މެންބަރުން ހުވާކުރެއްވުން އަންނަ މަހުގެ 28 ވަނަ ދުވަހު ބާއްވަން ނިންމާފައިވާ ކަމަށް މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް މިއަދު ވިދާޅުވެއްޖެއެވެ.
އާ މަޖިލީހުގައި ޖުމުލަ 93 މެންބަރުން ތިއްބަވާއިރު، ސަރުކާރު ހިންގާ ޕީއެންސީން ވަނީ މަޖިލީހުގެ ސުޕަމެޖޯރިޓީއެއް ކާމިޔާބުކޮށްފައެވެ.
އިންތިޚާބަށް ފަހު ފުރަތަމައަށް މިއަދު ބޭއްވި ޖަލްސާގެ ރިޔާސަތުގައި އިންނެވި އަސްލަމް ވަނީ 20 ވަނަ މަޖިލީހަށް އިންތިޚާބުވެވަޑައިގެން މެންބަރުންނަށް މަރުހަބާ ދަންނަވައިފައެވެ. އެ މަނިކުފާނު ވިދާޅުވީ، އެ މެންބަރުން ހުވާކުރެއްވުން މޭ 28، ވާ އަންގާރަ ދުވަހު އޮންނާނެ ކަމަށެވެ.
އެ ޖަލްސާއާ ގުޅޭ ތައްޔާރީތައް މަޖިލީހުގެ އިދާރާއިން އަންނަނީ ކުރަމުންނެވެ.
ފާހަގަކޮށްލެވޭ ގޮތުގައި މި ހިނގާ 19 ވަނަ މަޖިލީހަކީ އިދިކޮޅު އެމްޑީޕީއަށް ބޮޑު މެޖޯރިޓީއެއް އޮތް މަޖިލީހެކެވެ. އެކަމަކު، މި ފަހަރުގެ އިންތިޚާބުގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން މި ފަހަރު އެމްޑީޕީއަށް ލިބިފައިވަނީ އެންމެ 12 ގޮނޑިއެވެ.
މަޖިލީހުގެ މެދުނުކެނޑި ހަތަރު ދައުރު ހުންނެވުމަށް ފަހު މި ފަހަރުގެ އިންތިޚާބުން މަޖިލީހުގެ ރައީސް އަސްލަމް ވެސް ވަނީ ނާކާމިޔާބުވެފައެވެ.
މި ހިނގާ 19 ވަނަ މަޖިލީހުގެ ތިއްބެވި މެންބަރުންގެ ތެރެއިން މި ފަހަރުގެ އިންތިޚާބުގައި ގޮނޑި ދިފާއުކުރެއްވުނީ އެންމެ 11 މެންބަރުންނަށެވެ. ފާހަގަކޮށްލެވޭ ގޮތުގައި 19 ވަނަ މަޖިލީހުގައި ތިއްބެވި ގިނަ އަދަދެއްގެ މެންބަރުން މި ފަހަރުގެ އިންތިޚާބުގައި ވާދަ ވެސް ނުކުރެއެވެ. ގޮނޑި ދިފާއުކުރެއްވި މެންބަރުންނަކީ:
- މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމް މުހައްމަދު
 - ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް
 - ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްގަފޫރު މޫސާ (ގަޕޯ)
 - ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު (ފިއްޓޭ)
 - އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް (ރެޑްވޭވް)
 - ތުލުސްދޫ ދާއިރާގެ މެންބަރު އިބްރާހިމް ނަސީމް
 - މަތިވެރި ދާއިރާގެ މެންބަރު ހަސަން ޒަރީރު
 - މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް
 - މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތާރިގު
 - ދަނގެތީ ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް
 - ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލް
 
އާ މަޖިލީސް އަންނަ މަހު 28 ގައި ހުވާކުރި ނަމަވެސް މަޖިލީހުގެ މި ދައުރު ހިނގާނީ އަންނަ މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށެވެ. އެހެންވެ، މަޖިލީހުން އެހެން ގޮތެއް ކަނޑަނާޅާހައި ހިނދަކު މި ދައުރުގެ ފަހު ޖަލްސާ އަންނަ މަހުގެ 13 ވަނަ ދުވަހު ބާއްވަން ވަނީ ނިންމައިފައެވެ.