ރާއްޖޭގެ ފިރިހެން ޓީމަށް ރިހި މެޑަލް އަދި އަންހެން ޓީމަށް ލޯ މެޑަލް

އޭޝިއަން ކެރަމް ޗެމްޕިއަންޝިޕްގެ ޓީމު އިވެންޓުން ރިހި މެޑަލް ހޯދި ރާއްޖޭގެ ފިރިހެން ޓީމު -- ފޮޓޯ/ ސިޑިބަރި

އޭޝިއަން ކެރަމް ޗެމްޕިއަންޝިޕްގެ ޓީމު އިވެންޓުން ރާއްޖޭގެ ފިރިހެން އަދި އަންހެން ޓީމުން ވެސް މެޑަލް ހޯދައިފިއެވެ.

ސޯޝަލް ސެންޓަރުގައި ކުރިއަށްދާ އެ މުބާރާތުގެ ޓީމު އިވެންޓުގައި ރާއްޖޭގެ ފިރިހެން ޓީމުން ރިހި މެޑަލް ހޯދި އިރު، އަންހެން ޓީމުން ވަނީ ލޯ މެޑަލްއެއް ހޯދައިފައެވެ.

ރާއްޖޭގެ ފިރިހެން ޓީމުން އިއްޔެ ކުޅުނު ފައިނަލަކީ މިދިޔަ 21 އަހަރުގެ ތެރޭގައި ރާއްޖޭގެ ޓީމުން ބައިނަލްއަގުވާމީ މުބާރާތެއްގެ ފައިނަލުގައި ވާދަކުރި ފުރަތަމަ ފަހަރެވެ. ވަރުގަދަ އިންޑިއާއާ ދެކޮޅަށް ފައިނަލުގައި ވާދަކޮށް، ރާއްޖޭގެ ޓީމު ބަލިވީ 3-0 ގެ ނަތީޖާއަކުންނެވެ.

އޭޝިއަން ކެރަމް ޗެމްޕިއަންޝިޕްގެ ޓީމު އިވެންޓުން ލޯ މެޑަލް ހޯދި ރާއްޖޭގެ އަންހެން ޓީމު -- ފޮޓޯ/ ސިޑިބަރި

ރާއްޖޭގެ އަންހެން ޓީމު ވަނީ މުބާރާތުގެ ސެމީ ފައިނަލާ ހަމައަށް ދަތުރުކޮށްފައެވެ. ސެމީގައި އަންހެން ޓީމު ވެސް ނާކާމިޔާބީއާ ކުރިމަތިލާން ޖެހުނީ އިންޑިއާ އަތުންނެވެ. އެ މެޗުން އިންޑިއާ މޮޅުވީ 3-0 ގެ ނަތީޖާއަކުންނެވެ.

ޓީމު އިވެންޓުގެ ކާމިޔާބީގެ އިތުރުން ފިރިހެން ޑަބަލްސް އިވެންޓުން ވެސް ރާއްޖެއިން ވަނީ މެޑަލްއެއް ހޯދައިފައެވެ. ފިރިހެން ޑަބަލްސް އިވެންޓުން އިސްމާއިލް އަޒްމީނާއި ހަސަން ނާޒިމް ވަނީ ރާއްޖެއަށް ރިހި މެޑަލްއެއް ހޯދައިދީފައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް