ސޮނާކްޝީގެ ކައިވެނި އާއިލީ މައްސަލަގަނޑަކަށް ނުވޭ

ސޮނާކްޝީ ސިންހާ އަދި ފިރިމީހާ ޒަހީރު އިގްބާލް ކައިވެނީގެ ރަސްމިއްޔާތުގައި--ފޮޓޯ/ޓެލެގްރާފްއިންޑިއާ

ދަރިފުޅު ސޮނާކްޝީ ސިންހާގެ ކައިވެންޏާ ގުޅިގެން އާއިލާ ތެރޭގައި އެއްވެސް ކަހަލަ ހަމަނުޖެހުމެއް ނުހިނގާ ކަމަށް ކުރީގެ މަޝްހޫރު ފިލްމީ ތަރި ޝަތުރުގަން ސިންހާ ބުނެފިއެވެ.

ބަތަލާ ސޮނާކްޝީއާއި ޒަހީރު އިގްބާލުގެ ކައިވެންޏާ ގުޅިގެން ބަތަލާގެ އާއިލާގެ ބައެއް މެންބަރުންގެ މެދުގައި ހިތްހަމަނުޖެހުންތައް ހިނގާފައިވާ ކަމަށް ތަކުރާރުކޮށް މީޑިއާ ރިޕޯޓުތަކުން ވަނީ ބުނެފައެވެ. މި ވާހަކަތައް އާއިލާއިން ދޮގުކޮށްފައިވަނިކޮށް ސޮނާކްޝީގެ ކޮއްކޮ ލަވް ސިންހާ ދާދި ފަހުން ސޯޝަލް މީޑިއާގައި އެކަމާ ގުޅިގެން ވަނީ ވާހަކަ ދައްކާފައެވެ.

ކޮއްކޮ ލަވް ސިންހާ ބުނެފައިވަނީ، ބައެއް ކަންކަމުގައި އާއިލާގެ މެންބަރުންނާ އެކު އެއް ގަލަކަށް ނޭރުނު ކަމަށް ވިޔަސް ދިމާވާ ކޮންމެ ހާލަތެއްގައި އިސްކުރާނީ އާއިލާ މެންބަރުން ކަމަށެވެ. ބެލެވޭ ގޮތުގައި ސޮނާކްޝީގެ ކޮއްކޮ ކައިވެނީގެ ހަފުލާއަށް ނުދިޔައީ ފިރިމީހާ ޒާހިރުގެ ބައްޕައާ ދެމެދު މާ ކުރިން ހިނގި ދެބަސްވުމަކާ ގުޅިގެންނެވެ.

ސޮނާކްޝީ ސިންހާ ބަތަލާގެ ބައްޕައާ އެކު--ފޮޓޯ/ޕިންކްވިލާ
ސިޔާސީ ދާއިރާގައި މިހާރު ހަރަކާތްތެރިވަމުން އަންނަ ޝަތުރުގަން މީޑިއާއަށް ދިން އިންޓަވިއުއެއްގައި ބުނެފައިވަނީ، އާއިލާ ތެރޭގައި ހިނގާ ކަންކަން އޮންނަންވާނީ އާއިލާގެ އެތެރޭގައި ކަމަށާއި އެކަން ޚަބަރަކަށް ހަދައިގެން މީޑިއާތަކުން ފަތުރަމުން އަންނާތީ ކަންބޮޑުވާ ކަމަށެވެ.

ސޮނާކްޝީގެ ކައިވެންޏާ ގުޅިގެން އާއިލާ ތެރޭ އެއްވެސް ހަމަޖެހުމެއް ނުހިނގާ ކަމަށާއި ހުރިހާ ކަމެއް ވެސް ދަނީ ރަނގަޅަށް ކަމަށް ކުރީގެ މަޝްހޫރު އެކްޓަރު ވަނީ ބުނެފައެވެ.

ސޮނާކްޝީއާއި ޒަހީރުގެ ކައިވެނިކުރީ ބަތަލާގެ އާއިލާގެ މާ ބޮޑު އެއްބާރުލުން ނުލިބި ކަމަށާއި މިކަމުގެ އެންމެ ބޮޑު އެއް ސަބަބަކީ ޒަހީރަކީ މުސްލިމު އާއިލާއަކަށް ނިސްބަތްވާ މީހަކަށްވުން ކަމަށް ބުނެ މީޑިއާތަކުން ވަނީ ޚަބަރު ފަތުރާފައެވެ.

އާއްމު ގޮތެއްގައި އިންޑިއާގައި ބޭއްވޭ ކައިވެނިތަކަކީ ވަރަށް ކުލަގަދަކޮށް ބޭއްވޭ ކައިވެނިތަކަކަށްވީ ނަމަވެސް ސޮނާކްޝީއާއި ޒަހީރުގެ ކައިވެނިކުރީ ވަރަށް އާދައިގެ ގޮތަކަށް ސިވިލް ކޯޓުގެ އިސްވެރިންގެ ހާޒިރުގައެވެ.

comment ކޮމެންޓް