ޔޫރޯ 2024ގެ އެންމެ ވިޔާނުދާ ކުޅުންތެރިންގެ ލިސްޓުގައި ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ހިމެނިއްޖެއެވެ.
ދުނިޔޭގައި އުފެދުނު އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިންގެ ލިސްޓުގައި ގުނާ 39 އަހަރުގެ ރޮނާލްޑޯއަށް މިއީ ވަރަށް ނާކާމިޔާބު ޔޫރޯއެކެވެ. މުބާރާތުގެ ތެރެއިން ރޮނާލްޑޯ ވަނީ މިއީ އޭނާ ކުޅޭނެ އެންމެ ފަހު ޔޫރޯ މުބާރާތްކަން އިއުލާނުކޮށްފައެވެ.
އެކަމަކު، މުބާރާތުން ޕޯޗުގަލް ކެޓިއިރު ރޮނާލްޑޯއަށް މި މުބާރާތުގައި ލަނޑެއް ވެސް ކާމިޔާބެއް ނުކުރެވެއެވެ. އެހެންވެ، ގިނަ ބަޔަކު އަންނަނީ ރޮނާލްޑޯގެ ކުޅުމަށް ފާޑުކިޔަމުންނެވެ.
މަޝްހޫރު ކުޅިވަރު ނޫސް މާސާއިން އެކުލަވައިލި ޔޫރޯ 2024ގެ އެންމެ ވިޔާނުދާ 11 ކުޅުންތެރިންގެ ލިސްޓުގައި ވެސް ރޮނާލްޑޯ ވަނީ ހިމެނިފައެވެ. އޭނާއަކީ ޕޯޗުގަލް ޓީމުން އެ ލިސްޓުގައި ހިމެނުނު ހަމައެކަނި ކުޅުންތެރިޔާއެވެ.
އެންމެ ވިޔާނުދާ 11 ކުޅުންތެރިން:
- ކްރޮއޭޝިއާގެ ލިވަކޮވިޗް
 - އިޓަލީގެ ޑި ލޮރެންޒޯ
 - އިޓަލީގެ މަންޗީނީ
 - ޑެންމާކުގެ ކްރިސްޓީންސަން
 - ޔޫކްރެއިންގެ ޒިންޗެންކޯ
 - ސްކޮޓްލޭންޑްގެ މަގިން
 - ސާބިއާގެ މިލިންކޮވިޗް ސާވިޗް
 - ހަންގޭރީގެ ޒޮބޯންސްލައި
 - ސާބިއާގެ ވްލާހޮވިޗް
 - ބެލްޖިއަމްގެ ލުކާކޫ
 - ޕޯޗުގަލްގެ ރޮނާލްޑޯ
 
މި ފަހަރުގެ ޔޫރޯގައި ބޮޑު ނާކާމިޔާބީއަކާ ކުރިމަތިލާން ޖެހުނު ނަމަވެސް ރޮނާލްޑޯއަކީ ފުޓުބޯޅައިގެ އެންމެ ޝަރަފުވެރި އެއް އެވޯޑުކަމުގައިވާ ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާއަށް ދޭ ބެލަންޑިއޯ އެވޯޑު ފަސް ފަހަރަށް ކާމިޔާބުކޮށްފައިވާ ކުޅުންތެރިއެކެވެ.
ޔޫރޯގެ ނާކާމިޔާބީއަށް ފަހު ރޮނާލްޑޯގެ މުސްތަގުބަލާ މެދު ސުވާލުތަކެއް ވަނީ އުފެދިފައެވެ. އެކަމަކު، 2026 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި ވެސް ކުޅޭނެކަމުގެ އިޝާރާތެއް އޭނާ ވަނީ ދީފައެވެ. އޭނާ މިހާރު ކުޅެމުން އަންނަނީ ސައުދީ އަރަބިއްޔާގެ އަލް ނަސްރަށެވެ.