ސޮނާކްޝީގެ އެޕްާޓްމަންޓް ނީލަމުގައި ވިއްކާލަނީ

ސޮނާކްޝީ ސިންހާ ދިރިއުޅޭ މުމްބާއީގެ އެޕްޓާމަންޓްގައި--ފޮޓޯ/ ވޯގްއިންޑިއާ

ބޮލީވުޑްގެ ބަތަލާ ސޮނާކްޝީ ސިންހާ ކައިވެންޏަށް ފަހު ދިރިއުޅެމުން އައި އެޕާޓްމަންޓް ނީލަމުގައި ވިއްކާލުމަށް އިއުލާނުކޮށްފިއެވެ.

މުމްބާއީގެ ބަންޑްރާގެ އުތުރު އެސްޓޭޓްގައި ހުންނަ މި އެޕާޓްމަންޓަކީ 2023ވަނަ އަހަރު ސޮނާކްޝީ ގަތް ބީޗް ފްރަންޓް އެޕާޓްމަންޓެކެވެ. ބަންޑްރާގެ އެންމެ ހިތްގައިމު ސަރަޙައްދުގައި ހުންނަ މި ލަގްޒަރީ އެޕާޓްމަންޓަކީ ސޮނާކްޝީގެ ކައިވެނީގެ ޚާއްސަ ހަފުލާ ވެސް ބޭއްވި، ބަތަލާގެ ހަޔާތުގެ ވަރަށް ޚާއްސަ ހަނދާންތަކަކާ ގުޅިފައިވާ އެޕާޓްމަންޓެކެވެ.

އެހެންވެ، މި އެޕާޓްމަންޓް ނީލަމުގައި ވިއްކާލުމަށް ރިއަލް އެސްޓޭޓް އިންސްޓަގްރާމް އެކައުންޓެއްގައި ޕޯސްޓުކުރުމުން ސަޕޯޓަރުން ވަނީ އެކަމާ ކަންބޮޑުވާކަން ފާޅުކޮށްފައެވެ.

މި އެޕާޓްމަންޓްގެ އަގު 25 ކްރޯޑު ރުޕީސް (16 މިލިއަން އެމެރިކާ ޑޮލަރަށް) އަރާއިރު ގޭގެ ފަރުނީޗަރުތަކާ އެކު މުޅި ގެ ފަރުމާކޮށްފައިވަނީ ވެސް އެންމެ ފަހުގެ ޒަމާނީ ތަކެތި ބޭނުންކޮށްގެންނެވެ.

ސޮނާކްޝީ ސިންހާ ފިރިމީހާ ޒަހީރު އިގްބާލްއާ އެކު--ފޮޓޯ/ފިލްމުފެއަ

ސޮނާކްޝީ ސިންހާއާ ފިރިމީހާ އެކްޓަރު ޒަހީރު އިގްބާލްގެ ކައިވެންޏަށް ފަހު ދެމަފިރިން ވަނީ އިންޑިއާގެ މީޑިއާތަކުގެ ސަމާލުކަން ވަރަށް ބޮޑަށް ހޯދާފައެވެ. ޚާއްސަކޮށް މި ކައިވެންޏާ ގުޅިގެން ސޮނާކްޝީގެ އާއިލާގެ މެންބަރުންގެ މެދުގައި ހިޔާލު ތަފާތުވުންތަކެއް އުފެދިފައިވާތީ ވަރަށް ގިނަ ބައެއްގެ ފާޑުކިއުން ވެސް ބަތަލާގެ އާއިލާއަށް ވަނީ ރައްދުވެފައެވެ.

ބައެއް މީހުން ބުނެފައިވާ ގޮތުގައި ބަތަލާ މިދިޔަ އަހަރު ތެރޭ ގަނެފައިވާ އެޕާޓްމަންޓް ވިއްކާލަން ނިންމާފައިވަނީ އަލުން ދިރިއުޅޭނެ އެހެން ތަނެއް ހޯދުމުގެ ބޭނުމުގައެވެ. އެކްޓަރު ޒަހީރު އިގްބާލާ ސޮނާކްޝީގެ ކައިވެނިކުރީ މިދިޔަ ޖޫން މަހުގެ 23ވަނަ ދުވަހުއެވެ.

comment ކޮމެންޓް