މިދިޔަ ސެޕްޓެމްބަރު މަހު މަގުމަތީގެ އެކްސިޑެންޓުތައް މަދުވުމަށްފަހު، އަނެއްކާ ވެސް ވަރަށް ބޮޑަށް އިތުރުވެއްޖެއެވެ.
ފުލުހުންގެ ވެބްސައިޓުގައި އާންމުކޮށްފައިވާ ތަފާސްހިސާބުން ދައްކާ ގޮތުގައި މިދިޔަ އަހަރު 2،300 އެކްސިޑެންޓު ރިޕޯޓުކޮށްފައިވެއެވެ. އެއާއަޅައިބަލާއިރު މި އަހަރު ހިނގި އެކްސިޑެންޓުތަކުގެ އަަދަދު މިހާރު ވަނީ 2،520އަށް އަރައިފައެވެ.
މީގެ އިތުރުން، މިދިޔަ ސެޕްޓެމްބަރު މަހަކީ މިއަހަރު އެކްސިޑެންޓުތައް އެންމެ މަދު މަސް ކަމަށްވީ ނަމަވެސް މިދިޔަ މަހު އެކްސިޑެންޓުތައް އަނެއްކާ ވެސް ވަނީ އިތުރުވެފައެވެ.
މި އަހަރު އެކްސިޑެންޓުތައް ރިޕޯޓުކޮށްފައިވާ މިންވަރު:
- ޖެނުއަރީ: 263
 - ފެބްރުއަރީ: 267
 - މާޗު: 301
 - އޭޕްރިލް: 219
 - މެއި: 225
 - ޖޫން: 214
 - ޖުލައި: 210
 - އޮގަސްޓު: 204
 - ސެޕްޓެމްބަރު: 186
 - އޮކްޓޯބަރު: 283
 
މިދިޔަ އަހަރު 2،300 އެކްސިޑެންޓު ރިޕޯޓުކޮށްފައިވާއިރު، އެ އަހަރުގެ ވެސް ސެޕްޓެމްބަރު މަހު ރިޕޯޓުކޮށްފައިވަނީ 186 އެކްސިޑެންޓެވެ.
ސެޕްޓެމްބަރު މަހު އެކްސިޑެންޓުތައް މަދުވެފައި ވަނީ، މާލޭ ސަރަހައްދުގައި ނުރައްކާތެރި އެކްސިޑެންޓުތައް އިތުރުވުމާއެކު މަގުމަތީގައި ފުލުހުން ހަރަކާތްތެރިވާ މިންވަރު އިތުރުކުރި ފަހުންނެވެ.
ޕޮލިސް ކޮމިޝަނަރު އަލީ ޝުޖާއު ވަނީ، މަގުތަކުގައި ފުލުހުން ހަރަކާތްތެރިވާ މިންވަރު އިތުރުކުރުމަކީ ވަކި ދުވަސްވަރަކަށް ކުރިއަށް ގެންގޮސްފައި ހުއްޓާލާނެ މަސައްކަތެއް ނޫން ކަމަށާއި ކުރިއަށް އޮތް ތަނުގައި ވެސް އެގޮތަށް އަމަލުކުރާނެ ކަމަށް ވިދާޅުވެފައެވެ. އަދި ސީނިއާ ފުލުހުން ހިމެނޭ ގޮތަށް ފްރަންޓް ލައިންގައި ހަރަކާތްތެރިވާ ފުލުހުން އިތުރުކޮށް، މަގުމަތިން ކޮންމެ ފަސް މިނެޓަކުން ފުލުހަކާ ބައްދަލުވާ ގޮތަށް ސިޔާސަތުތަކަށް ބަދަލު ގެންނަން ވެސް އެ އިދާރާއިން ނިންމައިފައިވެއެވެ.