މޯލްޑިވްސް ބްރޮޑްކާސްޓިން ކޮމިޝަންގެ ހުސްވެފައިވާ ދެ މެންބަރު ކަމުގެ މަގާމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު ހުށަހެޅުއްވި ނަންތަކުން ދައްކުވައިދެނީ ރާއްޖޭގައި ޒުވާނުން ތައުލީމު ހާސިލުކުރުމުގެ މާނައެއް ނެތްކަން ކަމަށް އެމްޑީޕީން މިއަދު ބުނެފިއެވެ.
ބްރޯޑްކޮމްގެ ދެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލި ފުރުސަތުގައި ކުރިމަތިލި ބޭފުޅުންގެ ތެރެއިން ޝަރުތު ހަމަވާ ބޭފުޅުންގެ ނަންތައް، ރައީސް މުއިއްޒު އިސްކަން ދެއްވާ ތަރުތީބުން ހުށަހެޅުއްވިއިރު ލިސްޓުގައި އެންމެ ކުރީގައި އޮތް ދެ ނަމަކީ:
- މަޖިލީހުގެ އިހަވަންދޫ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު އަބްދުﷲ (މުހަންމާ)
 - ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ ތަރުޖަމާނުކަން ކުރެއްވި އިބްރާހީމް މުއާޒު އަލީ
 
އެމްޑީޕީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ދެ ބޭފުޅުންނާ ގުޅޭ ގޮތުން ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހްމަދު ނަސީމް ވިދާޅުވީ، އެ ދެ ނަމަށް ބެލުމުން، ރާއްޖޭގެ ޒުވާނުން ތައުލީމު ހާސިލުކުރުމާއި ތަމްރީނުތައް ހެދުމާއި ތަޖުރިބާ ހޯދުމުގެ މާނައެއް ނެތް ކަމަށް ދޭހަވާ ކަމަށެވެ.
"މަތީ މަގާމަކާ ހަމައަށް ވާސިލުވުމަށް ޓަކައި މި ރާއްޖޭގައި ކުރަން ޖެހޭ ހަމައެކަނި ކަމަކީ އޭރެއްގައި ހުންނަ ރައީސުލްޖުމްހޫރިއްޔާއާ ނޫނީ އޭރެއްގައި ވެރިކަން ކުރާ ޕާޓީއަކާ އޮންނަ ގާތް ގުޅުން ދެމެހެއްޓުން ކަމަށް އެކަނި ކަމަށް ބުނާ ފަދައިން އަޅުގަނޑުމެންނަށް މިއަދު މި ސިފަވަނީ،" އޭނާ ވިދާޅުވިއެވެ.
"ބްރޯޑްކޮމްއަށް އައްޔަން ކުރަން މި ފޮނުއްވި ދެ ނަމުން އަޅުގަނޑުމެންނަށް މި ނޫން ކަމެއް ސިފަވާތަނެއް ނުފެނޭ."
ފާހަގަކޮށްލެވޭ ގޮތުގައި ރައީސް އޮފީހުގެ ތަރުޖަމާނެއްގެ ގޮތުގައި މަސައްކަތްކުރުމުގެ ކުރިން މުއާޒު މަސައްކަތް ކުރެއްވީ ދައުލަތުގެ މީޑިއާގައެވެ. ރައީސް ޔާމީންގެ ވެރިކަން ނިމުމުން، އޭނާ ވަނީ ކުރީގެ ނާއިބު ރައީސް އަހްމަދު އަދީބު އިސްކޮށް ހުންނަވާ އުފެއްދެވި މޯލްޑިވްސް ތާޑްވޭ ޑިމޮކްރެޓްސް (އެމްޓީޑީ)އަށް ސޮއިކުރައްވައިފައެވެ. އަދި އެ ޕާޓީގެ ނައިބު ރައީސްގެ މަގާމު ވެސް ފުރުއްވިއެވެ.

އެމްޑީޕީ ޕީޖީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން: ބްރޯޑްކޮމްއަށް ހުށަހެޅި ނަންތަކުން އެނގެނީ ޒުވާނުން ތައުލީމު ހާސިލުކުރުމުގެ މާނައެއް ނެތްކަން ކަމަށް ބުނި -- ފޮޓޯ/ މަޖިލިސް
އެހެން ނަަމަވެސް، މި ފަހުން ސިޔާސީ ހަރަކާތްތަކުން އޭނާ މާ ގިނައިން ފެނިފައެެއް ނުވެއެވެ. އޭގެ ފަހުން 2023ގައި އޮތް ރިޔާސީ އިންތިޚާބާ ދިމާކޮށް އޭނާ ވަނީ އެމްޑީޕީއަށް ސޮއިކުރައްވާފައެވެ.
މުހަންމާ އަކީ ފިލްމީ ދާއިރާއިން މީހުންގެ މެދުގައި މަގުބޫލުކަން ހޯދި ބޭފުޅެކެވެ. ފަހުން އޭނާ ވަނީ ސިޔާސީ ދާއިރާގައި ހަރަކާތްތެރި ވެފައެވެ. އެގޮތުން މަޖިލީހުގައި އިހަވަންދޫ ދާއިރާގެ މެންބަރުކަން އޭނާ ވަނީ ކުރެއްވީ ރައީސް ޔާމީންގެ ދައުރުގައެވެ.
މުހަންމާ ވަނީ މިހިނގާ 20ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ކުރިމަތިލުމަށް ޕީއެންސީގެ އިހަވަންދޫ ދާއިރާގެ ޕްރައިމަރީގައި ވާދަކުރައްވާފައެވެ. ނަމަވެސް އެ އިންތިޚާބުން އޭނާ ވަނީ ނާކާމިޔާބާ ކުރިމަތިލާންޖެހިފައެވެ.
ބްރޯޑްކޯމްގެ ދެ މަގާމު ހުސްވެފައި ވަނީ އެ ކޮމިޝަންގެ ރައީސާއަކަށް ހުންނެވި މަރިޔަމް ވަހީދާއާއި އެ ކޮމިޝަންގެ މެންބަރު އަލީ ޔޫސުފްގެ ދައުރު މިމަހުގެ ފަހަކަށް ހަމަވެފައިވުމާ ގުޅިގެންނެވެ.
އެ ކޮމިޝަނަށް އައްޔަންކުރުމަށް ރައީސް ފޮނުއްވި ލިސްޓުގައި ދެން ހިމެނެނީ:
- އިބްރާހިމް އަޝްރަފު، ވ. މަށިވެލި
 - ލެފްޓިނެންޓް ކާނަލް ރިޓަޔާޑް ޒުބައިރު އަހުމަދު މަނިކު، ގ. މަލްވިނަ
 - އަބްދުﷲ ހުމައިދު، ފަޒާ، ޅ. ހިންނަވަރު
 - އައިޝަތު ދިޔާނާ ތޯހިރު، ސެވަންސްޓާ، ސ. ހިތަދޫ
 - އައިމިނަތު ސަރާހަތު އިއްޒަތު، ގ. ގޮފި
 - ޝިމްލާ އަމްހަދު، އާސްޓްރަލްގެ، ސި. ހިތަދޫ
 - އިސްމާއިލް ޝަފީގް، މ. ސްލީޓް
 - ޝިފްޒާ މުސްތަފާ، މާދަޑު، ޏ. ފުވައްމުލަކު
 - އަލީ ނިޝާން، ގ ކޫލްގްރާސް
 - މުހައްމަދު ޝަމީމް، ހ. ޕްރިޓީވިލާ
 
އެ ދެ މަގާމަށް ޝަރުތުހަމަވާ 12 ބޭފުޅުންގެ ތެރެއިން، މަގާމަށް މީހުން އައްޔަންކުރަން އިންޓަވިއުކުރުމުގެ މަސައްކަތް ކުރަނީ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީންނެވެ.