ދިމިޝްގު (16 ޑިސެންބަރު 2024 : އިސްރާއީލުން ސޫރިޔާއަށް ދޭ އުދުވާނީ ހަމަލާތަކަށް ރައްދު ދިނުމުގެ ގޮތުންވެސް އަދި އިސްރާއީލު ހިފާފައިވާ ސޫރިޔާގެ ބިންތައް މިނިވަން ކުރުމަށް ޓަކައިވެސް އިސްރާއީލާ ދެކޮޅަށް ތެދުވެ އިސްރާއީލާ އަސްކަރީ ގޮތުން ކުރިމަތިލުމުގެ ވިސްނުން ސޫރިޔާއިން މިހާރު ނުގެންގުޅޭކަމަށް އެ ގައުމުގައި މިހާރު ވެރިކަންކުރާ ހަޔިއަތު ތަޙްރީރް އައްޝާމް (އެޗްޓީއެސް) ގެ ވެރިޔާ އަހްމަދުއްޝަރްޢު ވިދާޅުވެއްޖެއެވެ.
ކުރިން އަބޫމުހައްމަދުލް ޖޫލާނީގެ ނަމުން މަޝްހޫރުވެފައިވާ އަހްމަދުއްޝަރްޢު ވިދާޅުވީ ސޫރިޔާގެ މިނިވަންކަމާއި ސިޔާދަތަށް އިސްރާއީލު އަރައިގަންނަމުން ދިޔަނަމަވެސް އަދި އިސްރާއީލުން ސޫރިޔާގެ ގޯލާންގެ ބިންތަކާއި އެ ނޫން ބިންތައް ހިފާފައިވީނަމަވެސް އަދި އިސްރާއީލު ކޮންމެ ދުވަހަކު އެއްވެސް ހައްގަކާނުލައި ސޫރިޔާއަށް ހަމަލާދީ ބޮޑެތި ގެއްލުންތަކެއް ދެމުން ގެންދިޔަނަމަވެސް އިސްރާއީލަށް ރައްދު ދިނުމުގެ އެއްވެސް ވިސްނުމެއް ނުގެންގުޅުއްވާ ކަމުގައެވެ.
މިވަގުތު އެންމެ އިސްކަމެއް ދެނީ، ގައުމު ދޫކޮށް ފިއްލަވާފައިވާ ސޫރިޔާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދުގެ ވެރިކަމުގެ ނިޒާމުން ގައުމަށް ދީފައިވާ ގެއްލުންތަކުން އަރައިގަތުމަށާއި ބައްޝާރުގެ ކިބައިން ސަލާމަތްވުމަށް ތޭރަ އަހަރުވަންދެން ކުރި ދާޚިލީ ހަނގުރާމައިގައި ސުންނާފަތި ކޮށްލާފައިވާ ސޫރިޔާގެ ސިޓީތަކާއި އަވަށްތައް އަލުން އާރާސްތު ކޮށް ރައްޔިތުން އެއްބައިކޮށް މުއައްސަސާތަކުގެ މައްޗަށް ބިނާވެފައިވާ ވެރިކަމެއް ސޫރިޔާގައި ގާއިމް ކުރުމަށް ކަމަށް އޭނާ ވިދާޅުވިއެވެ.
އިސްރާއީލު ވަނީ އަހްމަދުއްޝަރުއު (އަބޫމުހައްމަދުލް ޖޫލާނީ) ގެ ކޮމާންޑްގެ ދަށުން ސޫރިޔާގެ އިދިކޮޅު ހަނގުރާމަ ވެރިން ވެރިރަށް ދިމިޝްގަށް އެރުމާއެކު ރައީސް ބައްޝާރުލް އަސަދުގެ ވެރިކަން ނިމުމަކަށް އައި ދަނޑިވަޅު ބަލާފައި ސޫރިޔާއަށް ވައިގެ ވަރުގަދަ ހަމަލާތަކެއްދީ ސޫރިޔާގެ އަސްކަރިއްޔާ ހަލާކުކޮށްލުމުގެ އިތުރުން ސޫރިޔާގެ ބައެއް ބިންތައްވެސް ހިފާފައެވެ.

އިސްރާއީލުން ބޮންއަޅައި ސޫރިޔާގެ އެއާފޯސް ހަލާކުކޮށްލާފައި
ސޫރިޔާގެ މުސްތަގިއްލު ފަރާތްތަކާ ހަވާލާދީ ރިޕޯޓްތައް ބުނާގޮތުން އިސްރާއީލު ދެމުންގެންދާ ހަމަލާތަކުގައި ސޫރިޔާ ލަޝްކަރުތަކުގެ 300 އަށް ވުރެ ގިނަ ފައިޓާޖެޓް އާއި 50 އަށް ވުރެ ގިނަ އަސްކަރީ ހެލިކޮޕްޓަރު ވަނީ ހަލާކުކޮށްލާފައެވެ. އަދި ސޫރިޔާގެ ވައިގެ ހުރިހާ ބޭސްތަކެއް ވަނީ އިސްރާއީލު ބޮންއެޅުމުގެ ސަބަބުން ބޭނުން ނުކުރެވޭ ވަރުވެފަވެ.
މީގެ އިތުރުން ސޫރިޔާގެ ރާޑަރު ސްޓޭޝަންތަކާއި ކަނޑުގެ ސިފައިންގެ ހުރިހާ އުޅަނދެއް ކަހަލަ ގޮތަކަށް ވަނީ ބޮންއަޅައި ހަލާކުކޮށްލާފައެވެ. ސޫރިޔާގެ އަސްކަރީ ބާރުތައް ފުނޑުފުނޑުކޮށްލުމަށް މި ދިން ހަމަލާތަކަކީ އިސްރާއީލުގެ މުޅި ތާރީޚުގައިވެސް ހިންގި އެންމެ ކާމިޔާބު އަދި އެންމެ ބޮޑު ވައިގެ އޮޕަރޭޝަން ކަމަށް އިސްރާއީލުގެ ބޮޑުވަޒީރު ވަނީ ސިފަކޮށްފައެވެ.
ސޫރިޔާ ސިފައިން މިހާރު ތިބީ މައިދާން ދޫކޮށްފައި ގޭގައެވެ. އަސްކަރީ އެއްވެސް ތަނެއް ބަލަހައްޓާނެ އެއްވެސް ބަޔަކު ނެތެވެ. ސިފައިން ތިބީ ޚިދުމަތުން ބޭރުގައެވެ. މިދަނޑިވަޅު ބަލާފައި އިސްރާއީލު ހަމަލާދިން ތަންތަނުގެ ތެރޭގައި ސޫރިޔާގެ ސައެންޓިފިކް ރީސާޗް ސެންޓަރުތަކަށާއި ހަތިޔާރު އުފެއްދުމަށް މަސައްކަތްކުރާ ޢަސްކަރީ ކާރުޚާނާ ތަކާއި އަސްކަރީ ޓެކްނޮލޮޖީގެ ދިރާސާ މަރުކަޒުތައްވެސް ހިމެނެއެވެ.
މިތަންތަން ހަލާކުކޮށްލެވުމަކީ ސޫރިޔާ ވިއްސަކަށް އަހަރަށް ފަހަތަށް ޖައްސާލެވުންކަމަށް ބުނެ ވަރަށް ފަޚުރުވެރިކަމާއެކު އިސްރާއީލުގެ ވެރިންވަނީ މިކަން ފާހަގަކޮށް ކާމިޔާބީގެ ވާހަކަ ދައްކާފައެވެ.
ދަނޑިވަޅު ބަލާފައި އިސްރާއީލު ވަނީ 1967 ގެ ހަނގުރާމައިގާ އިސްރާއީލު ހިފާފައިވާ ސޫރިޔާގެ ގޯލާންގެ ބިންތަކުގެ އިތުރުން ސޫރިޔާއާއި އިސްރާއީލާ ދެމެދު އޮންނަ ބަފަޒޯން ސަރަހައްދުވެސް ފާއިތުވި 10 ވަރަކަށް ދުވަހުގެ ތެރޭގައި ހިފައި އެތަނަށް ވެރިވެގެންފައެވެ. މީގެއިތުރުންވެސް ސޫރިޔާގެ ބިމުން 35 ކިލޯމީޓަރު ފުނަށް އިސްރާއީލު ސިފައިން ވަދެގަނެ ބޮޑު ސަރަހައްދެއް ފާއިތުވި 10 ވަރަކަށް ދުވަހުގެ ތެރޭގައި ވަނީ ހިފައިފައެވެ. މިހާރު އިސްރާއީލު ސިފައިންގެ ލަޝްކަރު އޮތީ ސޫރިޔާގެ ވެރިރަށް ދިމިޝްގް އާ އެންމެ 20 ކިލޯމީޓަރު ދުރުގައެވެ.
ސޫރިޔާގެ މިހާރުގެ ލީޑަރު އަހްމަދުއްޝަރްޢު (އަބޫމުހައްމަދުލް ޖޫލާނީ) ވިދާޅުވިގޮތުގައި ތޭރަ އަހަރުގެ ދިގުލީ ލޭއޮހޮރުވުންބޮޑު ދާޚިލީ ހަނގުރާމައަށްފަހު ސޫރިޔާ މިވަގުތު އޮތީ ނާޒުކު ހާލަތެއްގައެވެ. މި ހާލަތުގައި ސޫރިޔާއަށް އިސްރާއީލާ ކުރިމަތި ނުލެވޭނެެއެވެ. މިވަގުތު ކުރަންޖެހޭ އިސްކަމަކީ ގައުމުގައި ހަމަޖެހުން ގާއިމްކޮށް ސިޔާސީ ގޮތުންނާއި އިގްތިސާދީ ގޮތުން ގައުމު ބިނާކޮށް އާރާސްތު ކުރުމުގެ މަސައްކަތްކަމަށް އޭނާ ވިދާޅުވިއެވެ.

އިސްރާއީލުން ސޫރިޔާގެ އެއާފޯސް ހަލާުކޮށްލާފައި
ނަމަވެސް އިސްރާއީލުގެ އުދުވާނާ ދެކޮޅަށް ބައިނަލްއަގްވާމީ މަހްފަލްތަކުގައި ސޫރިޔާ އަޑު އުފުލަމުން ގެންދާނެކަމަށް އަހްމަދުއްޝަރްޢު ވިދާޅުވިއެވެ.
އަހްމަދުއްޝަރްޢު ގެ ޖަމާއަތްކަމަށްވާ "ހަޔިއަތު ތަޙްރީރް އައްޝާމް" ޖަމާއަތަކީ ކުރިން "ޖަބްހަތުއްނުސްރާ" އެވެ. އެއީ އައިއެސް ޖަމާއަތާ ގުޅިފައިވާ ސަލަފީ ތަކްފީރީ ޓެރަރިސްޓް ޖަމާއަތެއް ކަމަށް މުޅި ދުނިޔޭގައިވެސް ލޭބަލްކޮށްފައިވާ ޖަމާއަތެކެވެ. ނަމަވެސް ފަހުން އޭނާވަނީ އެ ޖަމާއަތުގެ ނަން "ހަޔިއަތު ތަޙްރީރް އައްޝާމް" ގެ ނަމަށް ބަދަލުކޮށްފައެވެ.
އަހްމަދުއްޝަރްޢު މިހާރު ވަނީ އޭނާ ކުރިން ގެންގުޅުނު ސަލަފީ ތަކްފީރީ ހަރުކަށި ފިކުރު ދޫކޮށް އިސްލާމީ މެދުމިނުގެ ފިކުރެއް ގެންގުޅެން ފަށާފައެވެ. އަދި މިހާރު އޭނާ ވަނީ ނަސާރާއިންނާއި އަލަވީންނާއި ދުރުޒުންނާ އަދި ޝިޔައީންވެސް ހިމެނޭގޮތަށް ސޫރިޔާގެ ހުރިހާ ދީންތަކާއި މަޒްހަބުތަކުގެ މީހުންނާވެސް ހަމަހަމަ ގޮތެއްގައި މުއާމަލާތް ކުރުމުގެ ސިޔާސަތެއް ގެންގުޅެން ފަށާފައެވެ. އަހްމަދުއްޝަރުއު ވިދާޅުވާގޮތުން މިހާރު އޭނާއަކީ ސޫރިޔާގެ ހުރިހާ ރައްުޔިތުންގެ މީހެކެވެ.
comment އުމަރު މުހުތާރު
6 month 6 day ago
ޔަހޫދީން ނައްވުރެ ޔަހޫދީވެގެން އެމެރިކާ ނުންނަށްވުރެ މުނާފިގުވެގެން ނޫނީ ތިޔަތާކުވެރިކަމެއް ޤާއިމްވިޔަކަނުދޭނެ އަދި ތިޔަ ހަދަނީ ރަނގަޅަށް
comment ޝީޔާއިން
6 month 6 day ago
މިހާރު އެންމެހާ ދިވެހިންނަަށްވެސް އެގޭނެ މެދުއިރުމަތީގަ ޖިހާދޭ ގިޔައިގެން ގައުމުތަކުގެ ވެރިންނާއި ދެކޮޅަށް ޙަރަކާތްތެރިވަމުން މިދަނީ އިސްރާއީލަށް ވާގިވެރިވާ އިސްލާމް ދީނުގެ އަދުވުންކަން، ފަލަސްތީނުގަަވެސް ހަމަ މިފަދަ ނުބައި ސިޔާސަތެއް ހިންގަނީ މި ޝީއީން އަތުގަ އިސްރާލާ ކުރިމަތި ލެވޭހާ ބާރުނެތި ފަލަސްތީން މިނިވަންކުރުމުގެނަމުގަ ފަލަސްތީނުގެ ބިންތަށް އެގެންދަނީ އިސްރާއީލަށްދެމުން ޝީއީންނަކީ އިސްލާމީ އުއްމަތަށް ޖެހިފައޮތް ބަލާ މުޞީބާތެއް،
comment ކަލޭގެ ނަންވެސް ބަދަލަކުރޭ ޔަހޫޒާއަށް
6 month 6 day ago
ކަލޭގެ ހުރި ނުލަފާކަން ވިސްނާލަބަލަ.. ބައްޝާރު ކިތަންމެ ނުލަފަޔަސް ޤައުމްގެ އަކަފޫޓެއްވެސް ގެއްލުނަނުދީ ހިފެހެއްޓި.. ގޯލާން ބިމުގެ ބައެއް ފިޔަވައި.. މިއަދު މުސްލިމް ނަމެއްގައި އަރާ ޔަހޫދީނަށް ޤައުމް ތި ހަދިޔާ ކުރަނީ.. ދަތްނެތް ސިންގާއަކަށް ސީރިޔާ ތިހަދާލީ.. ދުވަހަކުވެސް ނަސާރާއިންނެއްވެސް ޔަހޫދީންވެސް މުސްލިމުންނަށް ހެވެއްނޭދޭނެ ކަމަށް ކީރިތި ޤުރުއާންގައިވޭ
reply ސިތާރާ
6 month 6 day ago
ކަލޯ ކީރިތި ޤުރްއާނުގަ ތިފަދައިން އޮތީތީވެ، ތިހެން ބުނާ މީހާއާ ދިމާލަށްވެސް މިހާރު މިއުޅޭ ބައެއް ދިވެހިން އެބަބުނޭ ޔަހޫދީންނާއި ނަސާރާއިންނޭ ކިޔައިގެން ނަފުރަތު އުފެދޭ ވާހަކަ ދައްކަނީޔޯ..އެހެން ބުނެފަވެސް އެބަހުރި. މިހެން މިބުނާ ބަޔަކަށް ނޭނގޭ ކީރިތި ޤުރްއާނުގަވާ އެހަޤީޤަތަކީ ހުރިހާކަމެއް މޮޅަށް ދެކެދެނެވޮޑިގަންނަވާ މާތްﷲގެ ވަޙީ ބަސްފުޅުކަމެއް. މިވަރު ނޭނގޭ ބުއްދިއެއް ނެތް މޮޔައިން މި ވާހަކަ ދައްކަނީ.
comment ދޮން ބަބުރު ސޮރު
6 month 6 day ago
ސީރިއާގެ ވެރިކަމަށް އަތް ގަދަކުރީ ގައޮމިއްޔަތެއްގެ އަސަރު ވެސް ނެތް ގައޮމީ ޣައްދާރެއް މިކަލޭގެ ބޭނުންވަނީ ވެރިކަމުގެ ލައްޒަތު، ކިހާ ދުވަހަކު ތީނަޔަށް ގައޮމު އެއްބައި ވަންތަ ކުރެވެދާނެތޯ؟ މުޅި ސީރިޔާ ޒައެނިސްޓުން ފޭރިގަތުން ވ ގަތް.