ސިޔާސީ ޕާޓީތަކުގެ ދަފުތަރާ ގުޅޭ ގޮތުން ޝަކުވާ ހުށަހެޅުމަށް ހުޅުވާލި މުއްދަތުގައި 700 އެއްހާއި ޝަކުވާ އިލެކްޝަންސް ކޮމިޝަން (އީސީ)އަށް ހުށަހަޅައިފިއެވެ.
ވެރިކަން ކުރާ ޕާޓީ، ޕީއެންސީއަށް ވަގަށް މެމްބަރުން ތަކެއް ވެއްދި މައްސަލަ ބޮޑުވެފައިވަނިކޮށް، އީސީން މިދިޔަ މަހު 23ގައި ސިޔާސީ ޕާޓީތަކުގެ ދަފުތަރާ މެދު ޝަކުވާ ހުށަހަޅަން ހުޅުވާލިއެވެ. އެ މުއްދަތު މިދިޔަ ހޯމަ ދުވަހަށް ހަމަވެފައިވާއިރު، އެ މުއްދަތުގެ ތެރޭ ހުށަހެޅި ޝަކުވާގެ ތަފުސީލުތައް އީސީން ވަނީ މިއަދު 'ސަން'އާ ހިއްސާކޮށްފައެވެ.
އެގޮތުން އެ ތަފުސީލުތަކަށް ބަލާއިރު، ޖުމުލަ 694 މައްސަލައެއް މުއްދަތުގެ ތެރޭ އެ ކޮމިޝަނަށް ލިބިފައިވާއިރު، އެންމެ ގިނަ ޝަކުވާ ހުށަހަޅާފައިވަނީ ޕީއެންސީއާ ގުޅޭ ގޮތުންނެވެ. އެ ޕާޓީއަށް ނިސްބަތް 438 ޝަކުވާއެއް އީސީއަށް ވަނީ ހުށަހަޅާފައެވެ.
ދެވަނަ އެންމެ ގިނައިން ޝަކުވާ ހުށަހެޅީ ޖުމްހޫރީ ޕާޓީއާ ގުޅޭ ގޮތުންނެވެ. އެ ޕާޓީއާ ގުޅޭގޮތުން 81 ޝަކުވާއެއް އީސީއަށް ހުށަހަޅާފައިވާއިރު، އަދާލަތު ޕާޓީއާއި އެމްޑީއޭއާ ގުޅޭގޮތުން 41 ޝަކުވާއެއް ހުށަހަޅާފައިވެއެވެ.
އީސީއަށް ޝަކުވާ ހުށަހަޅާފައިވާ އިތުރު ޕާޓީތަކާއި އަދަދުތައް:
- އެމްޓީޑީއާ ގުޅޭގޮތުން 26 ޝަކުވާ
 - އެމްއެންޕީގެ 25 ޝަކުވާ
 - އެމްޑީޕީގެ 17 ޝަކުވާ
 - ޕާޓީ އުވާލުމާ ހަމައަށް އެމްއާރްއެމްގެ އަށް ޝަކުވާ
 - ޕީއެންއެފާ ގުޅޭގޮތުން ހަ ޝަކުވާ
 - ޕާޓީ އުވާލުމުގެ ނިޔަލަށް ޕީޕީއެމާ ގުޅޭ ހަ ޝަކުވާއެއް
 - ޑިމޮކްރެޓްސްގެ ހަތަރު ޝަކުވާއެއް ހުށަހެޅި
 
ސިޔާސީ ޕާޓީތަކަށް ދެން މީހުން ވެއްދޭނީ، އީސީގެ ސިމަދަ ޕޯޓަލް މެދުވެރިކޮށް ކަމަށް ކަނޑައަޅައި، ގަވައިދަށް މިއަދު ވަަނީ އިސްލާހު ގެނެސްފައެވެ.
ޕީއެންސީން މި ފަހުން ހިންގި 'މެންބަޝިޕް ޑްރައިވް'ގައި ވަގު ފޯމު ފުރައިގެން އެ ޕާޓީއަށް މީހުން ވެއްދި މައްސަލަ ވަނީ ވަރަށް ބޮޑުވެފައެވެ. 'މެމްބަޝިޕް ޑްރައިވް' ހަރަކާތުގައި 75،000އަށްވުރެ ގިނަ މެމްބަރުން އެ ޕާޓީއަށް ވައްދާފައިވެއެވެ.
އޭގެ ތެރޭގައި، އިދިކޮޅު އެމްޑީޕީގެ ގައުމީ މަޖިލީހާއި، އާއްމު މެންބަރުން ވެސް ހިމެނެއެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީއަށް ނިސްބަތްވާ މެމްބަރު ހުސައިން ޒިޔާދާއި، ކުރީގެ މެމްބަރަކު ވެސް ހިމެނެއެެވެ. މި މައްސަލަ އެމްޑީޕީން ފުލުހުންނާއި އީސީގެ އިތުރަށް އޭސީސީއާއި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ވަނީ ހުށަހަޅާފައެވެ.
އެ މައްސަލައިގެ ތަހުގީގު ނިމުމުން، ފިޔަވަޅު އަޅާނެކަމުގެ ޔަގީންކަން ޕީޖީއިން އެމްޑީޕީއަށް ދީފައިވާކަމަށް އެ ޕާޓީން ކުރިން ވަނީ ބުނެފައެވެ.