ގިނަ ބަޔަކު ބޮޑުވަމުން އައި އިރު ބަލަމުން އައި ކާޓޫން ފިލްމު އަދި ސީރީޒް "ސްކޫބީ-ޑޫ"ގެ ލައިވް އެކްޝަން ޝޯއެއް ތައްޔާރުކުރުމަށް މަސައްކަތް ފަށައިފިއެވެ.
ތަފާތު އެކި ކަހަލަ ބިރުވެރި އެއްޗެހީގެ ހަގީގަތްތައް ހޯދައި އެކި ސިއްރުތައް ފަޅާއަރުވާލަން އުޅޭ ޒުވާން ގްރޫޕެއް ދައްކުވައިދޭ މި ޝޯއަކީ އަދިވެސް ގިނަ ބަޔަކު ބަލަމުން އަންނަ ޝޯތަކެކެވެ. މި ޝޯތަކުގެ މަގުބޫލުކަމާ އެކު ކާޓޫން އެތައް ފިލްމުތަކެއް ވެސް ވަނީ ފެނިފައެވެ. ވާހަކަދެއްކޭ ކުއްތާއެއް ކަމަށްވާ ސްކޫބީއާއި ހަތަރު އެކުވެރިން ކަމަށްވާ ޝެގީ، ޑެފްނީ، ވެލްމާ އަދި ފްރެޑް ފެންނަ މި ޝޯގެ ކެރެކްޓަރުންނަކީ ގިނަ ބަޔަކު ވަރަށް ގަޔާވާ ކެރެކްޓަރުންތަކެކެވެ.
ވޯނާ ބްރޮސްގެ ބެލުމުގެ ދަށުގައިވާ މި ޕްރޮޑަކްޓުގެ ލައިވް އެކްޝަން ޝޯއެއް ތައްޔާރުކުރުމަށް އިއުލާނު ކޮށްފައިވީ ނަމަވެސް ޝޯއާ ގުޅޭ މާ ގިނަ މައުލޫމާތުތަކެއް ހާމަކޮށްފައެއް ނުވެއެވެ. މައުލޫމާތު ލިބޭ ގޮތުގައި މިހާރު މަސައްކަތް ކުރަމުން އަންނަނީ ޝޯގެ ކާސްޓު ހަމަޖެއްސުމަށެވެ. މި ޝޯ ދައްކަން ފަށާނެ އިރެއް އަދި ނޭނގެއެވެ. އެކަމަކު، މަސައްކަތްތައް ބެލެވޭ ގޮތުގައި ކުރިއަށް ދެ އަހަރެއްގެ ތެރޭގައި މި ޝޯ އާންމުންނާ ހަމައަށް އަންނާނެއެވެ.
މައުލޫމާތު ލިބޭ ގޮތުގައި މި ޝޯ ދައްކާނީ ސްޓްރީމިން ސާވިސް ނެޓްފްލިކްސްއިންނެވެ.
ސްކޫބީ ޑޫގެ ވާހަކަތަކަށް ބިނާކޮށް ލައިވް އެކްޝަނެއް ހަދާ މިއީ ފުރަތަމަ ފަހަރެއް ނޫނެވެ. މީގެ ކުރީން ވަނީ ސްކޫބީ ދެ ލައިވް އެކްޝަން ފިލްމު ނެރެފައެވެ. މި ފިލްމުގައި ސެރާ މިޝެލް ގެލާއާއި ފްރެޑީ ޕްރިންސް ޖޫނިއާ ފަދަ 2000ގެ ކުރީކޮޅުގެ ބޮޑެތި މަގުބޫލު ތަރީން ހިމެނެއެވެ.
ސްކޫބީ-ޑޫގެ އެޕިސޯޑެއް އެންމެ ފުރަތަމަ ފެނިގެން ގޮސްފައިވަނީ 1969 އަހަރެވެ. އެއަށް ފަހު އެކި ކަހަލަ ސްޕިންއޮފް ޝޯތަކާއި ފިލްމުތައް ވެސް ފެނިފައިވެއެވެ. ނަމަވެސް، އޮރިޖިނަލް ފަސް ކެރެކްޓަރުންނާ އެކު އެންމެ ފަހުން ފެނިފައިވަނީ 2023 ވަނަ އަހަރު ނެރުނު "ސްކޫބީ-ޑޫ އެންޑް ކްރިޕްޓޯ ޓޫ" އެނިމޭޓެޑް ކާޓޫން ފިލްމެކެވެ.