ސަބަބެއް ނާންގާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ނުބާއްވަނީ ސީދާ ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ އަމުރުފުޅަށް ކަމަށް ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު މީކާއިލް އަހުމަދު ނަސީމް މިއަދު ތުހުމަތުކުރައްވައިފިއެވެ.
ބޮޑު ޗުއްޓީއަކަށްފަހު ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތައް ފެށުމަށްފަހު އެންމެ ޖަލްސާއެއް އިއްޔެ ބާއްވައި، މިއަދުގެ ޖަލްސާ ވަނީ ކެންސަލް ކޮށްފައެވެ.
އެކަމާ ގުޅިގެން މެންބަރު މީކާއިލް މިއަދު ވިދާޅުވީ، މިއީ ރައްޔިތުންގެ މަޖިލީސް މުލިއާގޭ ކައުންޓަރަށް ބަދަލުވީމައި ވާގޮތް ކަމަށެވެ.
އެގޮތުން، ސަބަބެއް ނާންގާ މަޖިލީހުގެ ޖަލްސާތައް ނުބާއްވައި، ކެންސަލް ކުރަނީ ރައީސް މުއިއްޒު އަމުރުފުޅަށް ކަމަށް މީކާއިލް ވަނީ ވިދާޅުވެފައެވެ.
މީކާއިލް 'ސަން'އަށް ވިދާޅުވީ، މިއީ ދުވަހަކު ވެސް މީގެ ކުރިން ކަންކުރާ ގޮތެއް ނޫން ކަމަށާއި މިހާރު ޖަލްސާތަކުގެ އެޖެންޑާތައް ގިނަ ފަހަރަށް ލިބެނީ ދަންވަރުގެ ވަގުތުގައި ކަމަށެވެ.
ގިނަ ފަހަރަށް މެންބަރުން އެބަ ތިބޭ ވާނުވާ ނޭނގިފައި. މާދަން ޖަލްސާ އޮވޭތޯ ނޯވޭތޯ ވެސް ޔަގީންނުވެފައި. އެހެންވީމައި [ޖަލްސާ] މިސްވުމުގެ ޗާންސުވެސް އޮންނާނެތާ ވަރަށް ބޮޑަށް. ކުރިން އެއްގޮތަކަށް ވެސް ކުރާ ކަމެއް ނޫން ސަބަބު ނާންގާ ޖަލްސާ ނުބޭއްވުމަކީ
އޭގެއިތުރުން، އެކި ކަންކަމާ ގުޅިގެން ވަޒީރުންނާ ސުވާލުކުރުމަށް ގިނަ ނޯޓިސްތަކެއް ފޮނުވިފައި ހުރި ކަން ވެސް މެންބަރު މީކާއިލް ވަނީ ފާހަގަކުރައްވާފައެވެ.
ރަމަޟާން މަހުގެ ފަހު 10ގެ ބަންދާއި، އީދު ބަންދަށްފަހު މަޖިލީހުގެ މަސައްކަތްތައް ފެށީ އިއްޔެއެވެ. އިއްޔެގެ ޖަލްސާގައި ވެސް ސަރުކާރުގެ ފަރާތުން ގަރާރެއް ނުވަތަ ކުއްލި މައްސަލައެއް ހުށަހަޅައިފައެއް ނުވެއެވެ.
ނަަމަވެސް، އެމްޑީޕީގެ ފަރާތުން ކުއްލި މައްސަލައަކާއި ގަރާރެއް އިއްޔެ މަޖިލީހަށް ހުށަހެޅިއެވެ.
މިއަދު ވެސް އެއް ކޮމިޓީ ފިޔަވާ އެހެން އެއްވެސް ކޮމިޓީއެއްގެ މަސައްކަތެއް ވެސް އެޖެންޑާގައި ނެތެވެ. މިއަދު އޮތް ހަަމައެކަނި ކޮމިޓީއަކީ މާލިއްޔަތު ކޮމިޓީއެވެ.
އެ ކޮމިޓީގައި އެޖެންޑާކޮށްފައި އޮތީ ހުށަހެޅިފައިވާ މައްސަލަތައް ދިރާސާކުރުމެވެ.