ކަރެކްޝަންސްގެ މުވައްޒަފުން، 10 ގައިދީއެއްގެ އާއިލާތަކަށް 22،200 ރުފިޔާ ބަހައިފި

ގައިދީންނާއި ޖަލު އޮފިސަރުން: އެމްސީއެސްގެ ފަރާތުން، ގައިދީންނާއި ބަންދު މީހުންގެ އާއިލާތަކުގެ ތެރެއިން 10 އާއިލާކަށް ފައިސާގެ އެހީ ވަނީ ދީފައި -- ފޮޓޯ/ ކަރެކްޝަންސް

މޯލްޑިވްސް ކަރެކްޝަނަލް ސާވިސް (އެމްސީއެސް)ގެ އޮފިސަރުންނާއި މުވައްޒަފުން، ގައިދީންނާއި ބަންދުގައި ތިބި މީހުންގެ އާއިލާތަކުގެ ތެރެއިން، މާލީ ގޮތުން ދަތި ހާލަތުގައި ދިރިއުޅެމުންދާ 10 އާއިލާއަކަށް ފައިސާގެ އެހީ ދީފިއެވެ.

އެމްސީއެސްއިން ބުނީ، ނިމުނު ރޯދަމަހާ ގުޅުވައިގެން، އެމްސީއެސްގެ އޮފިސަރުންނާއި މުވައްޒަފުންގެ ފަރާތުން ފައިސާ އެއްކޮށް، އެ ސާވިސްގެ ބެލުމުގެ ދަށުގައި ތިބި ގައިދީންނާއި ބަންދު މީހުންގެ އާއިލާތަކުގެ ތެރެއިން މާލީގޮތުން ދަތި ހާލުގައި ދިރިއުޅެމުންދާ 10 އާއިލާއަކަށް އެހީތެރިކަން ފޯރުކޮށްދިން ކަމަށެވެ.

އެގޮތުން ކޮންމެ އާއިލާއަކަށް 2،220 ރުފިޔާގެ މަގުން ފައިސާގެ އެހީ ދިންކަމަށް ވެސް އެމްސީއެސްއިން ބުންޏެވެ. އެއީ ޖުމްލަ 22،200 ރުފިޔާއެވެ.

މީގެ އިތުރުން އެމްސީއެސްއިން ބުނީ ރޯދަމަހުގެ ޚާއްސަ އެހީ ފޯރުކޮށްދޭ ޕްރޮގްރާމްގެ މައިގަނޑު މަގުސަދަކީ ޖަލުގައި ތިބޭ ގައިދީންނާއި ބަންދު މީހުންގެ އާއިލާތަކުގެ ތެރެއިން މާލީ ގޮތުން ފުދުންތެރިކަން ދަތި އާއިލާތަކަށް ކަރެކްޝަނަލް ސާވިސްގެ މުވައްޒަފުންގެ ފަރާތުން ވެދެވެން ހުރި މާލީ އެހީތެރިކަން ފޯރުކޮށްދިނުން ކަމަށެވެ.

އެ ޕްރޮގްރާމްގެ ދަށުން 40 އާއިލާއަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ކަރެކްޝަނުން އަމާޒުކޮށްފައިވީނަމަވެސް، އެ ޕްރޮގްރާމަށް އެދި ފޯމް ހުށަހަޅާފައިވަނީ ޖުމްލަ 21 ފަރާތަކުން ކަމަށް ވެސް އެމްސީއެސްއިން ފާހަގަކުރެއެވެ.

އޭގެ ތެރެއިން ކަނޑައެޅިފައިވާ ޝަރުތުތައް ހަމަވީ 10 އާއިލާއެއްގެއެވެ. އެގޮތުން ބެލި ޝަރުތުތަކުގެ ތެރޭގައި ޖަލުގައި ޙުކުމް ތަންފީޒު ކުރަމުން ގެންދާތާ މަދުވެގެން ފަސް އަހަރު ހޭދަކޮށްފައިވުމާއި 18 އަހަރު ނުފުރޭ ކުދިން ތިބުމާއި އާމްދަނީ ލިބޭ މިންވަރު ހިމެނޭ ކަމަށް ވެސް އެމްސީއެސްއިން ބުނެއެވެ.

ރާއްޖޭގެ ޖަލެއްގައި ހުކުމް ތަންފީޒު ކުރަމުން އަންނަ ގައިދީންނާއި އާއިލާތަކަށް، ފުރަތަމަ ފަހަރަށް، މި ރޯދަމަހާ ދިމާކޮށް ވަނީ މާހެފުމެއް ބާއްވާފައެވެ.

https://sun.mv/203024

ކަރެކްޝަންސްއިން އިންތިޒާމުކުރި އެ ހަފުލާގައި ގައިދީންނާއި އާއިލާތައް އެއްކޮށް އަގުހުރި ވަގުުތުތަކެއް ހޭދަކުރި ކަމަށާއި އެ ފުރުސަތު ފަހިކޮށްދިނުމުން އެ މީހުން އުފާ ފާޅުކޮށްފައިވާ ކަމަށް ކަރެކްޝަންސްއިން ވަނީ ބުނެފައެވެ.

comment ކޮމެންޓް