"ނަޖީބެކޭ އެއްގޮތަށް އަހަރެންވެސް ދަރިން ދެކެ ލޯބިވަން. ވަރަށް ބޮޑަށް ލޯބިވަން. އެހާ ވަރަށް އެކަމާ އުޅެވުނީ ވެސް އެހެންވެގެން ކަންނޭނގެ. މިއަދު މަޙްމޫދުމެންނާ އެކު އޮތް އެކުވެރިކަން ނިމުނަސް އެކަމުގެ ޒިންމާވެސް ނަގަން ޖެހޭނީ އަހަރެން ." ރިސާމާއަށް ބުނެވުނެވެ. "ނަޖީބު ތި ބުނިހެން ރައިޙާނާމެންނަށް އުންމީދު ދިން މީހަކީ އަހަރެން..."

"ރިސާމާ! އަހަރެން ފަހަރެއްގައި ވެސް ރިސާމާ ކުށްވެރި ކުރަނީ އެއް ނޫން. އެވަގުތު އެހެން ބުނެވުނީތީ އަހަންނަށް މާފުކުރޭ.. " ނަޖީބު މާފަށް އެދުނެވެ. "އެކަމާ ދެން ވިސްނުމުގެ ބޭނުމެއް ނެތް. ދެން ވެސް ލަސް ނުކޮށް އެ މީހުންނަށް ގުޅާފަ މި ޚަބަރު ދޭންވީ..."

"އަހަރެން ރައިޙާނާއާ ވާހަކަ ދައްކާނަން." ރިސާމާ އެ ޒިންމާ ނެގީ އެއީ އެންމެ ރަނގަޅު ގޮތްކަން އޭނާއަށް ވިސްނުމުންނެވެ. އެކަމަކާ ނަޖީބު ދެކޮޅު ހެދި ނަމަވެސް އޭނާ ރިސާމާގެ އަތް މައްޗަށް އެކަން ދޫކޮށްލީ ރިސާމާގެ އާދޭސްތަކުންނެވެ. ރިސާމާ ހުރީ އޭނާއަށް ހެދުނު ގޯސް ރަނގަޅުކުރަން ބޭނުންވެފައެވެ. އެހެންކަމުން އެ ފުރުސަތު އޭނާއަށް ދޭން ނަޖީބު ނިންމީ އޭނާ ލޯބިވާ އަނބިމީހާއަށް އިތުބާރުކުރާތީއެވެ. ލޯބިވާތީއެވެ. އަދި އޭނާގެ ވާހަކަތަކަށް ޤަދަރުކުރާތީއާވެސް އެކުގައެވެ.

*****

އަޒްލަފްއަށް ހޭލެވުނީ، އާއިންއައިސް އޭނާއަށް އުނދަގޫކުރަން ފެށުމުންނެވެ.

"ޑެޑީ… ޑެޑީ…. ހޭލަބަ…" އާއިން އޭނާގެ ބުރަކަށި މައްޗަށް އަރާ އިނދެ އަޒްލަފްގެ މޫނުގައި މަޑުމަޑުން ޖަހަން ފެށިއެވެ.

"ފައިވް މިނިޓްސް ދަރިފުޅު…." ނިދި ބަރުކަމުން އެސްފިޔަތައް ދުރުކޮށްލަން ނުކުޅެދިފައިވާ ޙާލު ލޯ މަރާލައިގެން އޮވެ އަޒްލަފް ބުނެލިއެވެ. "ޕްލީޒް…."

"ދެން ނޫން. ޑެޑީ…. ހޭލަބަ…." އާއިން އަޒްލަފްގެ އިސްތަށިގަނޑުގައި ހިފާ ދަމަން ފެށިއެވެ.

"ދަރިފުޅޫ…." ތަންކޮޅެއް ބޮޑަށް ދަމާލާފައި އަޒްލަފްއަށް އާއިންއަށް ގޮވައިލެވުނެވެ. އެވަރުންވެސް އާއިން އޭނާއަށް އުނދަގޫކުރުމެއް ނުހުއްޓިއެވެ. އާއިން ދުރުކޮށްލާފައި އޭނާ ތެދުވެ ހެޑް ބޯޑުގައި ލެނގިލުމަށްފަހު އާ ފުރިލިއެވެ.

"ކޮބާ މާމަ؟" އަޒްލަފް މޫނުގައި ދެ އަތް އުނގުޅާލުމަށްފަހު އާއިންއަށް ބަލައިލިއިރުވެސް އެ މޫނުމަތީގައިވަނީ އަދިވެސް ނިދަން ބޭނުންވެފައި ހުރިފަދަ އަސަރެކެވެ. ރޭގައިވެސް ރަނގަޅަށް ނުނިދުމުގެ ސަބަބުން، ވަރުބަލިކަންވެސް އޭނާއަށް އިޙްސާސްކުރެވެމުން ދިޔައެވެ.

"މާމަ ތިރީގަ…" އާއިން ބުނެލިއެވެ. އޭނާ އަޒްލަފްގެ އަތުގައި ހިފާ ދަމަން ފެށިއެވެ.

"ޑެޑީ ބުނީމެއްނު މިއަދު ޕޫލަށް އެރޭނަމޭ…" އާއިން ބޮޑާ ހާކަން ފެށިއެވެ. އަޒްލަފް ގަޑި ބަލައިލިއެވެ. އޭރު އަދި ހަތެއް ޖެހީއެވެ. އެހާ ހެނދުނާ އާއިން ހޭލައިގެން އެ އުޅޭ ސަބަބު އެނގުމާއެކު އަޒްލަފްގެ ގާތަށް ހިނި އަންނަ ގޮތްވެސް ވިއެވެ. އާއިން އޭނާ ބޭނުންވެގެން އެ އުޅޭ ކަންތައް ކޮށްފައި ނޫނީ ނުހުއްޓާނެކަން އެނގޭތީ އެންމެފަހުން އަޒްލަފްއަށް މަޖުބޫރުވީ، ތެދުވާށެވެ. ނިދާލަން ބޭނުންވެފައި ހުރި ނަމަވެސް، އާއިން އެ ފުރުސަތު ދެން އޭނާއަށް ނުދޭނެކަން އެނގޭތީ، އަޒްލަފް ތެދުވިއެވެ.

އާއިން ހަމަޖެހުނީ އެހާ ހިސާބުންނެވެ. ނިދި މޫނަކައިގެން ފާޚާނާއާ ދިމާލަށް ހިނގައިގަންނަމުން އަޒްލަފް އާއިންއަށް އަދިވެސް އެއްފަހަރު ބަލައިލިއެވެ. އޭނާ ތާޒާވެލައިގެން ނުކުމެ ޓީޝާޓަކާއި ސޯޓެއް ލައިގެން ތައްޔާރުވެލައިގެން ނުކުމެލީ އާއިންއާއެކު ޕޫލަށް އެރުމުގެ ބޭނުމުގައެވެ. އާއިން ގޮވައިގެން ތިރިއަށް ދިޔައިރު، ރިސާމާ އާއިން ނުފެނިގެން ހާސްވެގެން އުޅެއެވެ.

"މިހުރީނު… ހާދަ ވަރަކަށް ހޯދައިފީމޭ…" ރިސާމާ ދެފަރާތަށް ބޯ ހޫރައިލިއެވެ. އާއިން ހުރީ ނިކަން ހެވިފައެވެ.

"ނިދިޔަކަ ވެސް ނުދިނޭ…" އަޒްލަފް ރިސާމާއަށް ބަލައިލަމުން ބުނެލިއެވެ.

"މިހާރު އެތައް އިރެކޭ ޕޫލަށް އެރެން ކިޔާތާ. ޑެޑީ ހޭލީމައޭ އެރޭނީ ބުނީމަވެސް އެންމެފަހުން ގޮސް އުނދަގޫކުރީ ދޯ." ރިސާމާ ދެފަރާތަށް ބޯ ހޫރައިލިއެވެ.

"އެހެން ބުނެވިފަ އޮތީމަ އެއީ…" އަޒްލަފް ބުނެލިއެވެ. ރިސާމާގެ ގާތުގައި ވާހަކަ ދައްކަން މަޑުކޮށްލިތަނާ އަނެއްކާވެސް އާއިން އޭނާގެ އަތުގައި ހިފާ ދަމަން ފަށައިފިއެވެ.

"އާއިން އަދި ބުއްތަށި ވެސް ނުބޮއި އެހުރީ… " ރިސާމާ ބުނެލިއެވެ. އެއާއެކު އާއިން މަޑުޖެހިލާފައި ބަލައިލީ އަޒްލަފްގެ މޫނަށެވެ. ފޫހިވައްތަރެއް ޖައްސައިލީ ރިސާމާގެ މަޤްސަދު އޭނާގެ ޅަ ސިކުނޑިއަށްވެސް ނަގައިގަނެވުނީތީއެވެ.

"ފަހުން… ޕޫލުން އެރިގެން އައިސް…" އާއިން އަޒްލަފްއަށް ބަަލަހައްޓައިގެން ހުރެ ބުނެލިއެވެ.

"ސައިބޮއިގެންނު ދާނީ. ޑެޑީވެސް ވަރަށް ބަނޑުހައި…" އަޒްލަފް އާއިންއަށް ބަލައިލުމަށްފަހު ބުނެލިއެވެ.

"ދެން ނޫން…" އާއިން ދެފައި ޖަހައިލިއެވެ.

"އުހުމް. ޕޫލަށް އެރެވޭނީ ބުއްތަށި ބުއިމަ. އެހެން ނޫނަސް ސްޓްރޯންގް ވާނީ ވެސް އޭރުނެއްނު. ތީ ބަސް އަހާ ކުއްޖެއްނު. ބަސް ނާހަންޏާ ދެން، ޕޫލަކަށް ނޭރެވޭނެ." އަޒްލަފް އާއިން އުރައިލައިގެން ކާކޮޓަރިއާ ދިމާލަށް ހިނގައިގަތުމުން އާއިން އޭނާގެ އަތް ހަށަމަށް އަރުވައިލިއެވެ. އޭނާ ބަސްއަހަމޭ އެ އަމަލުން ބުނާ ފަދައެވެ. އަޒްލަފް ވެސް ހީނލިއެވެ. އެ ދަރިފުޅަކީ އޭނާގެ ފުރާނައެވެ. އޭނާގެ ހިތެވެ. ދުވަހަކު އެ ދަރިފުޅާ ވަކިވާކަށް ބޭނުމެއް ނޫނެވެ.

ސައިބޮއިގެން އޭނާ އާއިން ގޮވައިގެން ޕޫލަށް އެރުނެވެ. އެއާއެކު ވަރުބަލިކަންފިލާ ކޮންމެވެސް ވަރަކަށް މީހާ ތާޒާވެލިއެވެ. އާއިން ވެސް ހުރި ނިކަން މަޖާވެފައެވެ. ޕޫލުން ދެމީހުން އެރީ ރިސާމާ އައިސް އާއިން ދެން އަރުވާށޭ ބުނުމުންނެވެ. އެއާއެކު އާއިން ބޮޑާހާކަން ފެށިއެވެ. އޭނާ ހުރީ ސަކަރާތްޖަހާ މޫޑެއްގައެވެ.

"އަޒްލަފް. ދެން އާއިން އަރުވާ. މިހާރުވެސް މާ ގިނައިރުވެއްޖެ. ބަލި ވެދާނެ އަނެއްކާ…" ރިސާމާ ބުނެލިއެވެ. އާއިން ބޮޑާހާކަން ފެށިނަމަވެސް، އަޒްލަފް ވެސް އެހިސާބުން އާއިންއަށް ވިސްނައިދީފައި ޕޫލުން އެރުވިއެވެ. އާއިން ދެކެ ކިތަންމެ ލޯބިވިއެއްކަމަކު ހުރިހާކަމެއް އާއިން އެދޭހާ ގޮތަށް ކޮށްދިނުމަކީ ހައްލެއް ނޫނެވެ. ތަރުބިއްޔަތުގެ މާނައަކީ އެޔެއް ނޫނެވެ. ތަރުބިއްޔަތަކީ ދަރިން އެދޭހާ ގޮތަށް ކަންތައް ކޮށްދިނުމެއް ނޫނެވެ. އެހެންނަމަވެސް ހެވާ ނުބައި ވަކިވާހެން، އިސްލާމީ ރިވެތި އުސޫލުތައް ދަސްކޮށްދިނުމެވެ.

ފިނިވެފައި ހުރި އާއިން ތުރުތުރުއަޅަން ފެށީ، ޖެހެމުން ދިޔަ ލުއި ވައިރޯޅިތައް ގައިގައި ބީހެން ފެށުމުންނެވެ. ރިސާމާ ތުވާލި ގެނެސް އާއިންގެ ގައިގައި އޮޅާލަ ދިނުމުން އަޒްލަފްވެސް ތުވާލި ނަގާ މޫނުގައި ހުރި ފެންތައް ފުހެލިއެވެ. އޭނާ ހެވިފައި ހުރި އާއިންއަށް ބަލައިލިއެވެ. ރިސާމާ އާއިން ގޮވައިގެން ގޮސް ގޭތެރެއަށް ވަނުމަށްފަހު އާއިން ފެންވަރުވަން ދިޔުމުން، އަޒްލަފްވެސް ފާޚާނާއަށްވަދެ ފެންވަރާ ތާޒާވެލައިގެން ނުކުމެ ރީތިވެލައިގެން ތިރިއަށް ދިޔައެވެ. އޭރު ރިސާމާ ޓީވީ ބަލަން އިނެވެ.

"އާއިން ކޮބާ؟" އަޒްލަފް ސުވާލުކޮށްލިއެވެ.

"ނިދައިފި. އެހެންނު ވާނީ، ފަތިހުއްސުރެ ވިއްޔަ ހޭލާ އެ އުޅެނީ…" ރިސާމާ ހީނލިއެވެ.

"ކޮބާ އަފޫ؟" އަޒްލަފް ސުވާލުކޮށްލިއެވެ.

"ދެންމެ އެ ދިޔައީ…" ރިސާމާ ބުނެލިއެވެ.

"ކޮލެޖަށް ދޯ…." އަޒްލަފް ސުވާލުކޮށްލުމުން ރިސާމާ ބޯ ޖަހައިލުމަށްފަހު، ޓީވީގެ އަޑު މަޑުކޮށްލިއެވެ. އެއަށްފަހު އޭނާ އަޒްލަފްއަށް ބަލައިލިއެވެ. ރިސާމާ ކޮންމެވެސް ވާހަކައެއް އޭނާއާ ދައްކަން އުޅޭހެން އަޒްލަފްއަށް ހީވުމާއެކު އޭނާވެސް މަންމައަށް ސަމާލުކަން ދިނެވެ.

"މަންމާ… ކިހިނެއްވީ؟" އަޒްލަފް ސުވާލުކޮށްލިއެވެ.

"އާއިން ރޭގަ މަންމަ ކައިރީގައި ވަރަށް އެހެން ކަަހަލަ ވާހަކައެއް ބުނި…" ރިސާމާ ބުނެލިއެވެ. އަޒްލަފް ހައިރާންވެފައި، ރިސާމާއަށް ބަލަހައްޓައިގެން އިނެވެ. އެއާއެކު ވާހަކަ ކުރިއަށް ގެންދިޔުމަށް ރިސާމާ ނިންމިއެވެ.

"މަންމި އާ ޑެޑީއާ ދެން އަބަދު އުޅޭނީ ވަކިން ހެއްޔޯ؟ ވީ ގޮތަކީ ކުރިން ދުވަހު ސްކޫލުގައި އޮތް އިވެންޓަކަށް ހުރިހާ ކުދިންގެ މަންމަ ވިއްޔަ ދިޔައީ. އާއިން އެކަނި މާމައޭ ކީ. ހީވަނީ އެހެންވެގެން ކުރި ސުވާލެއް ކަންނޭނގެ އެއީ…" ރިސާމާ ބުނެލިއެވެ.

"މަންމައަށް އެނގޭ އާއިންއަށް ކިތަންމެ ލޯބި ދިނަސް މަންމައެއްގެ ރޯލު އަދާ ނުކުރެވޭނެކަން." ރިސާމާ ދެރަވެފައި ބުނެލިއެވެ. ރިސާމާގެ އެ ސުވާލަށް ދޭނެ ޖަވާބެއް އަޒްލަފްއަކަށް ވެސް ނޭނގުނެވެ. އޭނާއަށް ވެސް ހިމޭންވެފައި އިނދެވުނީ އެހެންވެގެންނެވެ.

އަޒްލަފް ދިޔުމާއެކު ރިސާމާ އިރުކޮޅަކު ވިސްނަން އިނދެފައި، ރައިޙާނާގެ ނަންބަރަށް ޑައިލްކޮށްލިއެވެ. އަފްނާން ރައްޔާއާ ކައިވެނިކުރަން ބޭނުން ނުވާކަމުގައި ނުބުނެ ލަސްކުރާކަށް އޭނާ ބޭނުމެއް ނޫނެވެ. އެހެންނަމަވެސް، އެ ފުރުސަތު ނުލިބުނީ ރައިޙާނާ އޭނާ މާލޭން ބޭރުގައި ކަމަށް ބުނުމުންނެވެ. ރައިޙާނާ ވީ އޭނާގެ އާއިލާގެ މީހަކު ނިޔާވެގެން ރާއްޖެ ތެރޭ ރަށަކަށް ގޮސްފައެވެ. ވުމާއެކު އެ ފަދަ ހިތާމައިގެ ދަނޑިވަޅެއްގައި، އެފަދަ ވާހަކައެއް ބުނުމަކީ މުނާސަބު ކަމެއް ކަމުގައި ރިސާމާއަށް ޤަބޫލުނުކުރެވުނީއެވެ. އޭނާ ނިންމީ އަނބުރާ ރައިޙާނާމެން މާލެ އައުމުން އެ ވާހަކަ ބުނުމަށެވެ.

*****

ކްލާސް ނިންމާލުމަށްފަހު، ލެކްޗަރަރ ނުކުމެގެން ދިޔުމާއެކު، ޒާޔާ، ޔޫޝައުއަށް ބަލައިލިއެވެ.

"ޕްރޮޖެކްޓް ފަށައިފިން؟" ޒާޔާ ސުވާކޮށްލިއެވެ. އެއާއެކު ނޫނެކޭ ބުނުމުގެ ގޮތުން ޔޫޝައު ދެފަރާތަށް ބޯ ހޫރައިލިއެވެ. ޒާޔާއަށް ބަލައިލެވުނީ އަނެއް ފަޅީގައި އިން އަފްނާންއާ ދިމާލަށެވެ. ޕެއާރ ކޮށްގެން ހަދާ އެ ޕްރޮޖެކްޓުގައި، ޔޫޝައުއާއެކު، މަސައްކަތްކުރަން ހަމަޖެހުނީ، އަފްނާންއެވެ. ލެކްޗަރަރ ކައިރީގައި ބުނެގެންވެސް ބަދަލުވާގޮތެއް ނުވިއެވެ. އެ ޕްރޮޖެކްޓަކީ މުޅި ކޯސް ވޯކްގެ ތިރީސް ޕަރސެންޓް ހިއްސާ ކުރާ އެއްޗަކަށްވާތީ ނުހަދާ ފަރުޖައްސާލެވޭކަށްވެސް ނެތެވެ.

"ދެން ދެމީހުން ލައިބްރަރީއަށް ގޮސް ކީއްކުރީ؟" ޒާޔާ ދެވަނަ ސުވާލު ކޮށްލިއެވެ.

"ނުކުރަންކަމެއް." އަފްނާންއަށް ބަލައިލުމަށްފަހު ފަރުވާ ކުޑަ ގޮތަކަށް ޔޫޝައު ބުނެލިއެވެ.

"އަހަންނަށް ފެންނަނީ ޕަރސަނަލް ޕްރޮބްލެމްސް އެއްފަރާތް ކޮށްފައި މި ޕްރޮޖެކްޓް ފަށަން. އެހެން ނޫނީ ފަހުން ވަރަށް އުދަގޫވާނެ. އަސްލުވެސް ވަރަށް އުނދަގުލޭ މީތ. އަހަންނާ ރިފާވެސް މި ހުންނަނީ ބޯ ގޮވާފަ." ޒާޔާ ބުނެލިއެވެ.

"ޒާ އަށް ހީވޭތަ އަހަންނަށް އޭނައާ އެކު ވޯކްކުރަން ފަސޭހަވާނެހެން." ޔޫޝަައު ބުނެލިއެވެ.

"ނުވިޔަސް. ފާސްވާން ބޭނުމިއްޔާ މި ހަދަން ޖެހޭނެއެއްނު. އެހެން ނޫނަސް ނުހެދިއްޔާ ހަމައެކަނި ގެއްލުން ވާނީ އޭނައަށް އެކަންޏެއް ނޫނެއްނު. އޭގަ ޔޫޝައުއަށްވެސް ގެއްލުން ވާނެއެއްނު...... އެހެންވިއްޔާ ދެން، ދެމީހުންނަށް ބައިބައިކޮށްލަން ވީނު. އެގޮތް ދޯ ދެން އޮތީ." ޒާޔާ އޭނާގެ ޚިޔާލެއް ފާޅުކޮށްލިއެވެ. "ޔޫޝައު އަހަރެން މި ދައްކާ ވާހަކަ އަޑު އިވޭ ދޯ އެބަ."

"އާނ. އައިލް ތިންކް އެބައުޓް އިޓް…" ޔޫޝައު އަފްނާންއަށް އަވަސް ކަޅިއެއް އެއްލަމުން ބުނެލިއެވެ. އެވަގުތު ދެން އޮތް ގަޑިއަށް ލެކްޗަރަރ އައުމުން އިތުރަށް އެ ދެމީހުންނަށް ވާހަކަ ދެއްކޭ ގޮތެއް ނުވިއެވެ. އަނެއްކޮޅުން އަފްނާންވެސް އިރުއިރުއިރުކޮޅަކާ އެ ދެމީހުންނަށް ބަަލައިލަނީ ނުރުހިފައެވެ. ޔޫޝައުއެކޭ އެއްގޮތަށް އޭނާވެސް އެ ޕްރޮޖެކްޓްގައި ޔޫޝައުއާއެކު ބައިވެރިވާކަށް ބޭނުމެއް ނޫނެވެ. އެހެންނަމަވެސް އެ ސެމެސްޓަރގައި އެ މޮޑިއުލްއުން ފާސްވާން ބޭނުމިއްޔާ އެ ނޫން ގޮތެއްވެސް ނެތެވެ. އަފްނާންއަށް ފުންނޭވާއެއް ދޫކޮށްލެވުނެވެ.

*****

ދެ ދުވަސްފަހެވެ. އެއީ ރޭގަނޑެކެވެ. މައުވާ އޮންނަ ފަންގިފިލާއަށް އެރުމަށްފަހު އަޒްލަފް އެންމެ ފުރަތަމަވެސް ގޮސް ހުއްޓުނީ، ނަރުހުންގެ ޖަގަހަ ކައިރީގައެވެ. އެއަށްފަހު އޭނާ އެދުނީ މައުވާގެ ފައިލް ދިނުމަށެވެ. އޭނާއާއެކު އައި މެޑިކަލް އޮފިސަރާއި ޓީމުވެސް ފަހަތުގައި ތިއްބެވެ. ފއިލް ނެގުމަށްފަހު އޭގައި ހުރި ލިޔެ ކިޔުންތަކަށް ބެލުމަށްފަހު، މައުވާ ޑިސްޗާރޖްކުރާ ވާހަކަ އަޒްލަފް ބުނެލިއެވެ. އެއަށްފަހު، އެންމެންނާއެކު ގޮސް މައުވާގެ ކޮޓަރީގައި ޓަކި ޖަހާލާފައި އޭނާ އެތެރެއަށް ވަދެލިއެވެ.

އަޒްލަފް ފެނުމާއެކު، ރާމިޒާ ހިނިތުންވެލާފައި ތެދުވިއެވެ. އޭރު މައުވާ އިނީ ހެޑް ބޯޑުގައި ލެނގިލައިގެން އާފަލެއް ކާށެވެ. އަޒްލަފް ފެނުމާއެކު ތަށި ސައިޑް ކަބަޑު މަތީގައި ބަހައްޓަމުން އޭނާ ހިނިތުންވެލިއެވެ.

"މައުވާ…. ކިހިނެއް މިހާރު؟" އަޒްލަފް ސުވާލުކޮށްލިއެވެ.

"ރަނގަޅު." މައުވާ ބުނެލިއެވެ.

"މިހާރު ދެން އަނެއްހެން އެއްވެސް މައްސަލައެއް ފާހަގައެއް ނުކުރެވޭ. އޭރު ހުން އައީ ކޮންމެވެސް ވަރަކަށް އިންފެކްޝަންއެއް ހުރީމަ. މިހާރު އެކަމު އެކަހަލަ އެއްވެސް ކަމެއް ޥޭށޤ ނެތް. ދެން އިންޝާ ﷲ ރަނގަޅުވަމުން ދާނީ. ޑިސްޗާރޖްކޮށްލަން ވެގެން މިއުޅެނީ މިރޭ… ދެން… ޕިޒިއޯތެރަޕީ ގަވައިދުން ކުރިއަށް ގެންދިޔައިމަ ރަނގަޅުވާނެ." އަޒްލަފް އޮޅުން ފިލުވައިދިނެވެ.

"ތެންކިއު ޑޮކްޓަރ." މައުވާ ބުނެލިއެވެ.

"ދޫކޮށްލާތާ ފުރަތަމަ ދެމަސް ދުވަހު ވާނެ ކޮންމެ ދެ ހަފްތާއަކު ފޮލޮއަޕް އެއް ހަދަން." އަޒްލަފް އިތުރަށްވެސް އޮޅުން ފިލުވައިދިނެވެ. އޭނާ ރާމިޒާއަށް ވެސް ކަންތައްތައް ކުރަންވީ ގޮތުގެ އިރުޝާދު ދިނެވެ. އެއަށްފަހު، ރޫމުން ނުކުމެލިއެވެ. އަޒްލަފް ނުކުމެލުމާއެކު ރާމިޒާ ގޮސް މައުވާގެ ގައިގައި ބައްދައިލިއެވެ. އުފަލުން ހުރެއެވެ.

"މަންމާ…." އެހެން ނަމަވެސް އެ ވަގުތު ކޮޅަށް ނިމުން އައީ ކަންބޮޑުވެފައިވާ ޙާލު މައުވާ އޭނާއަށް ގޮވައިލުމާއެކުގައެވެ.

"ކިހިނެއްވީ ދަރިފުޅާ؟" ރާމިޒާ މައުވާާއަށް ބަލައިލިއެވެ. އެ އަޑުން ފާޅުވި އަސަރުން އޭނާ ވެސް ޖެހިލުންވއެވެ.

"އަހަރެމެން ދާން ޖެހޭނީ ބޮޑު ދޮންބެ ގެއަށް ދޯ." މައުވާގެ އަޑުގައިވަނީ އޭނާ އެގެއަށް ދާން ބޭނުންނުވެފައި ހުރި ފަދަ އަސަރެކެވެ. ރާމިޒާއަށް ވެސް އެކަން ފާހަގަވިއެވެ. އޭނާ މައުވާގެ ބޮލުގައި ފިރުމައިލިއެވެ. އަދި ބޯ ޖަހައިލީ އިތުރު ގޮތެއް ނެތޭ ބުނަމުންނެވެ. ވީ ހުރިހާކަމަކަށްފަހު، އެ ގެއަށް ދިޔުމަކީ މައުވާ ބޭނުންވާ ގޮތެއް ނޫނެވެ. ޒުލްފާގެ ފަރާތުން ދެވަނަ ފަހަރަށް އެފަދަ ބަސްތަކެއް ރާމިޒާއާ ދިމާލަށް ބުނާ އަޑު އަހާކަށް އޭނާއަށް ކުޅަދާނައެއް ނުވާނެއެވެ. އެމީހުންގެ ކުރިމަތީގައި އެ މަންމަ ބޭޒާރުވީ އަދަދެއް ނޭނގެއެވެ. ލަދު ގަނެ އިސް ޖަހައިލަން ޖެހުނު އަދަދެއް ނޫނެވެ. ބޮޑު ދޮންބެ އަދި ކިތަންމެ ރަނގަޅަކަސް ޒުލްފާގެ ޒީލަގަދަކަމުގެ ސަބަބުން، އެ ގޭގައި އުޅުމަކީ ފަސޭހަ ކަމަކަށް ނުވާނެކަން އެނގި މައުވާއަށް ވިސްނެމުން ދިޔައެވެ.

(ނުނިމޭ)

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު