އިންޑިއާގެ ގައުމީ ޓީވީ ދޫރްދަރްޝަނުން ރޭ ދައްކަން ފެށި "ބެޓްލް އޮފް ބޭންޑްސް އިންޓަނޭޝަނަލް" ރިއަލިޓީ މިޔުޒިކް ޝޯގައި ރާއްޖޭގެ ބޭންޑް "ޓޫ އޮފް އަސް" ގެ ފުރަތަމަ ހުށަހެޅުން ދައްކާލައިފިއެވެ.
އެގޮތުން، ރާއްޖޭގެ ކުރީގެ މަޝްހޫރު ލަވަ "އެއްޗެއް ކަޅެއް" ގެ ރާގުން ފަށައިގެން ކުރީގެ މަޝްހޫރު ހިންދީ ލަވަ "ބާބޫ ސަމްޖޯ އިޝާރޭ"ގެ ފިއުޝަނެއް ހުށަހެޅި މި ޝޯގައި ރާއްޖޭގެ ބޭންޑްގެ ހުށަހެޅުމަށް މުބާރާތުގެ ފަނޑިޔާރުންގެ ތައުރީފު ލިބުނެވެ.

ބެޓްލް އޮފް ބޭންޑްގެ ތެރެއިން ----
ހިންދީ ބަހުން ލަވަކިޔޭ, ބޭންޑްތަކަށް ހުޅުވާލި މި ފުރުސަތުގައި ރާއްޖެއިން ބައިވެރިވެ ހޮވުނީ "ޓޫ އޮފް އަސް"އެވެ. މި ބޭންޑްގައި ހިމެނެނީ އަޙްމަދު އަދުހަމާއި ޢަބްދުالله ޝަމްރޫޚާއި މުޙައްމަދު ނަސޫހު ބިން ނަސްރުއްދީނާއި އަޙްމަދު ޝަހީދު (ޝަހީދު ލެގަސީ) އަދި އަޙްމަދު ޖަޝީމެވެ.

ބެޓްލް އޮފް ބޭންޑްސްގައި ރާއްޖޭގެ ފަރާތުން ވާދަކުރާ ޓީމުގެ ބައިވެރިން -----
އޭގެއިތުރުން، އިންޑިއާއަކީ މިޔުޒިކް ކުޅޭ ފަންނާނުންނަށް އޮތް އެންމެ ބޮޑު ޕްލެޓްފޯމް ކަމުގައި ޝޯގެ ތައާރަފުގައި ބޭންޑުގެ ފަރާތުން އަދުހަމް ހާމަކޮށްފައިވެއެވެ.
ފުރަތަމަ އެޕިސޯޑްގައި ރާއްޖޭގެ "ޓޫ އޮފްއަސް"ގެ އިތުރުން ސްރީލަންކާގެ "ނައިޓްސް", ރަޝިއާގެ "ރާގާ ރިބެލްސް" އަދި އިންޑިއާގެ "ސޯލް އޮފް ސޫފީ"ގެ ހުށަހެޅުންތައް ވަނީ ފެނިފައެވެ. މި ޝޯގެ އެންމެ ރަނގަޅު ހުށަހެޅުމެއްގެ ގޮތުގައި ފަނޑިޔާރުން ހޮވީ ސްރީލަންކާގެ ނައިޓްސް ބޭންޑުގެ ހުށަހެޅުމެވެ.

ބެޓްލް އޮފް ބޭންޑްސްގައި ރާއްޖެ ތަމްސީލުކުރާ ބޭންޑުގެ ބައިވެރިއެއް -----
ބެޓްލް އޮފް ބޭންޑްސްއަކީ މިދިޔަ ތިން އަހަރު އިންޑިއާގެ ބޭންޑްތަކަށް ޚާއްޞަކޮށްގެން ދޫރްދަރްޝަނާއި ސަރެގަމަ ގުޅިގެން ގެނެސްދޭން ފެށި ޝޯތަކެކެވެ. ނަމަވެސް، މިއަހަރު މި ޝޯގައި ދުނިޔޭގެ އެކި ގައުމުތަކުން ބައިވެރިވެވޭ ގޮތަށް ވަނީ ބަދަލުކޮށްފައެވެ.
ރާއްޖޭގެ އިތުރުން އަފްޣާނިސްތާނާއި މޮރިޝަސްއާއި ތަޖިކިސްތާނާއި ސިންގަޕޫރާއި ރަޝިއާއާއި ނޭޕާލާއި ސްރީލަންކާއާއި ސްޕެއިންގެ އިތުރަށް އިގިރޭސިވިލާތުން މި މުބާރާތުގައި ބޭންޑުތައް ބައިވެރިވެފައިވެއެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި މި ޝޯގެ ގިނަ އެޕިސޯޑްތައް މިހާރުވަނީ ރެކޯޑްކޮށް ނިމިފައެވެ. ނަމަވެސް ޝޯތައް ދައްކަންފެށީ ރޭގައެވެ. ދިވެހި ފަންނާނުން ހޯދާނެ ރީތިނަމަށާއި ކާމިޔާބީއަށް ދިވެހީން ތިބީ އިންތިޒާރުގައެވެ.