ކޭޓީ ޕެރީ ފަސް އަންހެނުންނާއެކު 11 މިނެޓަށް ޖައްވަށް!

ހޮލީވުޑްގެ އެންމެ މަގުބޫލު ތަރީންގެ ތެރޭގައި ހިމެނޭ ކޭޓީ ޕެރީ، އިތުރު ފަސް އަންހެނުންނާއެކު ކުޑަ ހިނދުކޮޅަކަށް ޖައްވަށް ގޮސްފިއެވެ.

ކޭޓީ ޕެރީ އިއްޔެ ޖައްވަށް ގޮސްފައިވަނީ އެމޭޒަންގެ ސީއީއޯ ޖެފް ބޭޒޯސްގެ ސްޕޭސް ޓުއަރިޒަމް ޕްރޮގްރާމްގެ ދަށުން އުފެއްދި ބްލޫ އޮރިޖިން ރޮކެޓުގައެވެ. މިއީ ސްޕޭސް ޓުއަރިޒަމް ފެށުމުގެ ގޮތުން ކުރި ފުރަތަމަ ދަތުރެވެ.

މި ދަތުރުގައި ކޭޓީ އާ އެކު ބައިވެރިވެފައިވާ އަންހެނުންގެ ތެރޭގައި ބޭޒޯސްގެ ފިއޯންސޭ ލޯރެން ސޭންޗެޒްގެ އިތުރުން އެމެރިކާގެ ނޫހެއް ކަމަށްވާ ސީބީއެސްގެ ނޫސްވެރިޔާ ގޭލް ކިންގް ހިމެނެއެވެ. އޭގެއިތުރުން ނޭޝަނަލް އެރޮނޯޓިކްސް އެންޑް ސްޕޭސް އެޑްމިނިސްޓްރޭޝަން (ނާސާ)ގެ ރޮކެޓް ސައިންޓިސް އައިޝާ ބޯވީ އާއި ސިވިލް ރައިޓްސް އެކްޓިވިސްޓް އެމެންޑާ އެންގޫޔެން އަދި ކެރިއޭން ފްލިން ވެސް ވަނީ މި ދަތުރުގައި ބައިވެރިވެފައެވެ.

ކޭޓީ އާއި ޓީމު ޖައްވުގައި

އިއްޔެގެ އެމެރިކާގެ ގަޑީން ހެނދުނު 0830ގައި ރޮކެޓް ނައްޓާލާފައިވަނީ ޓެކްސަސްގެ ހުޅަނގުގެ ރޮކެޓް ލޯންޗް ސައިޓުންނެވެ. އެއަށްފަހު މި ރޮކެޓު ވަނީ ދުނިޔެއާ 100 ކިލޯމީޓަރު ދުރަށް ދަތުރުކޮށްފައެވެ.

އަދި ދުނިޔެއިން ބޭރުގައި 11 މިނެޓް ހޭދަކުރުމަށްފަހު ރޮކެޓު އެނބުރި އައުމުގެ ކުރީން ކުޑަ ހިނދުކޮޅަކަށް ހުރިހާ އަންހެނުން ވަނީ ޒީރޯ ގްރެވިޓީގެ އިހުސާސް ތަޖުރިބާކޮށްފައެވެ.

ރޮކެޓުގެ ބޫސްޓަރު ޓެކްސަސްއަށް ޖެއްސިއިރު ފަސިންޖަރު ތިބި ކެޕްސޫލް ޖައްސާފައިވަނީ އެއަށްވުރެ ދުރަށް ޕެރަޝޫޓްގެ އެހީގައެވެ.

ޖައްވުގައި ހުރި ވަގުތު ކޭޓީ ވަނީ އޭނާގެ ޓުއާގެ ޓްރެކްލިސްޓު އިއުލާނުކޮށް އާންމުންނަށް ދައްކާފައެވެ. އަދި ރޮކެޓުގައި ތިބި މީހުން ކިޔައިދިން ގޮތުގައި ކޭޓީ ވަނީ ޖައްވުގައި ލަވަވެސް ކިޔާފައެވެ.

ސްޕޭސް ޓުއަރިޒަމްގެ ދަތުރުތައް އަދިވެސް އުޅެނީ ޅަފަތުގެ ދައުރުގައެވެ. އެހެންވީމާ އާންމުންނަށް ހުޅުވާލައިގެން މިފަދަ ދަތުރުތަކެއް އަދި ފަށާފައެއް ނުވެއެވެ.

ކޭޓީ ދަތުރު ކުރި ރޮކެޓުގެ ސީޓުތަކުގެ އަގުތައް ބްލޫ އޮރިޖިން އިން ހާމަކޮށްފައި ނުވި ނަމަވެސް އެޑްވާންސްގެ ގޮތުގައި ކޮންމެ މީހެއްގެ އަތުން ވަނީ 150،000 ޑޮލަރު ނަގާފައެވެ.

މި ދަތުރާ ގުޅިގެން މުޅި އިންޓަނެޓުގައި ވަނީ ހިޔާލު ތަފާތުވުން ތަކެއް އުފެދިފައެވެ. އެއްބަޔަކު އަންނަނީ މަހުޖަނުންގެ މިފަދަ އަމަލުތަކަށް ފާޑުކިޔަމުންނެވެ. އަނެއް ބަޔަކު އަންނަނީ މި ކާމިޔާބު ދަތުރަށް ތައުރީފު ކުރަމުންނެވެ.

comment ކޮމެންޓް