އިޓާލިއަން ސެރީއާގައި ނަޕޯލީން އެމްޕޯލީ ބަލިކޮށް، އެއްވަނައިގައި އޮތް އިންޓާ މިލާނާ ދެމެދުގައިވާ ފަރަގު ކުޑަކޮށްފިއެވެ.
ނަޕޯލީގެ ދަނޑުގައި ކުޅުނު މި މެޗު އެ ޓީމުން ކާމިޔާބުކޮށްފައިވަނީ 3-0 އިންނެވެ.
ނަޕޯލީން މެޗު ފެށީ ފޯރީގައެވެ. އެ ގޮތުން، 18 ވަނަ މިނެޓުގައި އެ ޓީމުންވަނީ މެޗުގެ ލީޑު ނަގައިފައެވެ. އެ ލަނޑު ޖަހައިދިނީ ސްކޮޓް މެކްޓޮމިނޭއެވެ. މިއީ މި ސީޒަންގައި މޮޅު ކުޅުމެއް ކުޅެމުން އަންނަ މެކްޓޮމިނޭ ހަ މެޗަށް ފަހު ލަނޑެއް ޖެހި ފުރަތަމަ މެޗެވެ.
ނަޕޯލީގެ ދެވަނަ ލަނޑު 56 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ރޮމެލޫ ލުކާކޫއެވެ. މިއީ ލުކާކޫ ލީގުގައި ކާމިޔާބު ކުރި 12 ވަނަ ލަނޑެވެ. މެޗުގައި ނަޕޯލީގެ ފަހު ލަނޑު، 61 ވަނަ މިނެޓުގައި ކާމިޔާބުކޮށްދީފައިވަނީ ފުރަތަމަ ލަނޑު ވެސް ކާމިޔާބުކޮށްދިން މެކްޓޮމިނޭއެވެ.
މި ކާމިޔާބީއާ އެކު ނަޕޯލީ މިހާރު އޮތީ 32 މެޗުން ލިބިފައިވާ 68 ޕޮއިންޓާ އެކު ދެވަނައިގައެވެ. މިހާރު ނަޕޯލީ މިވަނީ އެއްވަނައިގައި އޮތް އެންމެ ފަހުގެ ޗެމްޕިއަން އިންޓާއާ ތިން ޕޮއިންޓަށް ގާތްކޮށްފައެވެ. މި މެޗުން ބަލިވުމުން އެމްޕޯލީ އޮތީ 24 ޕޮއިންޓާ އެކު 19 ވަނައިގައެވެ.
މި މުބާރާތުގައި މި ހަފުތާގައި ކުޅުނު އެހެން މެޗުތަކަށް ބަލައިލާއިރު ތިންވަނައިގައި އޮތް އެޓަލާންޓާއާއި ފަސްވަނައިގައި އޮތް ބޮލޯނިއާ ބައްދަލުކުރި މެޗު 2-0 އިން އެޓަލާންޓާއިން ކާމިޔާބުކޮށްފައިވާއިރު އިޓަލީވިލާތުގެ ވެރިރަށް ރޯމްއަށް ނިސްބަތްވާ ދެ ޓީމު ކަމަށްވާ ހަވަނައިގައި އޮތް ލާޒިއޯއާއި ހަތްވަނައިގައި އޮތް އޭއެސް ރޯމާ ބައްދަލުކުރި ޑަބީ 1-1 އިންވަނީ އެއްވަރުވެފައެވެ.