ނުކުޅެދުންތެރިކަން ހުންނަ ކުދިންގެ ބެލެނިވެރިންގެ ކަންބޮޑުވުންތަކަށް ހައްލު ހޯދައިދޭނަން: ނާޒިމް

މިނިސްޓަރު ނާޒިމް ޚާްއްސަ އެހީއަށް ބޭނުންވާ ކުދިންގެ ބެލެނިވެރިންނާ ބައްދަލުކުރެއްވުން: މިނިސްޓަރު ވަނީ ކަންބޮޑުންތައް ހައްލުކޮށްދެއްވުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ވިދާޅުވެފައި ---- ފޮޓޯ/ ހެލްތު މިނިސްޓްރީ

ނުކުޅެދުންތެރިކަން ހުންނަ ކުދިންނާއި މީހުންގެ ކަންބޮޑުވުންތައް ބޮޑުވެފައި ވަނިކޮށް، ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހީމް އެ ކުދިންގެ ބެލެނިވެރިންނާ ބައްދަލުކުރައްވައި، އެ މައްސަލައަށް ހައްލު ހޯދުމަށް މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވެއްޖެއެވެ.

ނުކުޅެދުންތެރިކަން ހުންނަ ކުދިންނާއި މީހުންނަށް ބޭނުންވާ ސިއްހީ އެހީތެރިކަމާއި އިޖުތިމާއީ ރައްކާތެރިކަން ފޯރުކޮށްދިނުމުގެ ޒިންމާ އޮތް ދައުލަތުގެ މުއައްސަސާތަކުން އިހުމާލުވަމުންދާ ކަމަށް ވިދާޅުވެ، ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ) އިއްޔެ މަޖިލީހަށް ކުއްލި މައްސަލައެއް ވެސް ހުށަހެޅުއްވިއެވެ. އެކަމަކު، ޕީއެންސީގެ މެޖޯރިޓީ އޮތް މަޖިލީހުގެ 44 މެންބަރުންގެ ވޯޓާ އެކު، މައްސަލަ ބަލައި ނުގަތުމަށް ނިންމައި، ވަނީ ބޭރުކޮށްލާފައެވެ.

އޭގެފަހުން, ދެވަނަ ފަހަރަށް 47 ބެލެނިވެރިންގެ ސޮޔާއެކު، އެ މައްސަލަ ޕެޓިޝަނެއްގެ ގޮތުގައި މަޖިލީހަށް އިއްޔެ ވަނީ ވައްދާފައެވެ. އެހެންވެ، ބެލެނިވެރިންގެ ޝަކުވާތަކާއެކު އެ މައްސަލަ މިހާރު ވަނީ ވަރަށް ބޮޑަށް ހޫނުވެފައެވެ.

ހެލްތު މިނިސްޓްރީން އިއްޔެ ބުނީ، މިނިސްޓަރު ނާޒިމް ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ބެލެނިވެރިންނާ ބައްދަލުކުރައްވައި، އެ މީހުންގެ ކަންބޮޑުވުންތައް އަޑު އައްސަވާފައިވާ ކަމަށެވެ.

ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ބެލެނިވެރިންނާއި މިނިސްޓަރު ނާޒިމް ބައްދަލުކުރެއްވީ ހުޅުމާލޭ ހޮސްޕިޓަލާއި މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް މިނިސްޓްރީގެ އިސްވެރިންނާ އެކުގައެވެ.

މިނިސްޓަރު ނާޒިމް ނުކުޅެދުންތެރިކަން ހުންނަ ކުދިންގެ ބެލެނިވެރިންނާ ބައްދަލުކުރެއްވުން: ކަންބޮޑުވުންތައް ހައްލުކުރުމަށް މަސައްކަތްކުރާ ކަމަށް ނާޒިމް ވަނީ ވިދާޅުވެފައި ---- ފޮޓޯ/ ހެލްތު މިނިސްޓްރީ

އެގޮތުން، އެ ބައްދަލުވުމުގައި ވަނީ އެފަދަ މީހުންނަށް ދެމުންދާ ތެރަޕީތަކާއި ސިއްހީ ހިދުމަތްތައް ހޯދުމުގައި ހުރި ގޮންޖެހުންތަކާ ބެހޭ ގޮތުން މަޝްވަރާކޮށްފައެވެ. އަދި، އެ މީހުންނަށް ފަރުވާ ހޯދުމުގެ ކަންކަމުގައި ކުރިއެރުން ހޯދުމަށް ހުރި ފުރުސަތުތަކާ ބެހޭ ގޮތުން ވެސް އެ ބައްދަލުވުމުގައި މަޝްވަރާކޮށްފައިވެއެވެ.

އެ ކަންބޮޑުވުންތަކާ ގުޅިގެން މިނިސްޓަރު ނާޒިމް ވަނީ، އެ މައްސަލައަށް ހައްލު ހޯދުމަށް ކުރަމުންދާ މަސައްކަތާއި ކުރެވެން ހުރި ކަންކަން ބެލެނިވެރިންނާ ހިއްސާ ކުރައްވާފައެވެ.

މިނިސްޓަރު ނާޒިމް ޚާްއްސަ އެހީއަށް ބޭނުންވާ ކުދިންގެ ބެލެނިވެރިންނާ ބައްދަލުކުރެއްވުން: މިނިސްޓަރު ވަނީ ކަންބޮޑުންތައް ހައްލުކޮށްދެއްވުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ވިދާޅުވެފައި ---- ފޮޓޯ/ ހެލްތު މިނިސްޓްރީ

އިއްޔެ މަޖިލީސް ޖަލްސާއަށް ފަހުގައި ބޭއްވި ޕީޖީ ގުރޫޕުގެ ނޫސްވެރިންގެ ބައްދަލުވުމެއްގައި މެންބަރު ކުޑޫ ވިދާޅުވީ، އާންމުންނަށް ތެރަޕީތަކަށް ނުނެގިގެން އުޅެން ޖެހެނީ 14 ދުވަހުން ލިބެން ޖެހޭ ޖަވާބަކަށް މަހަކަށް ވުރެ ގިނަ ދުވަސްވާތީ ކަމަށެވެ. އަދި، ނުކުޅެދުންތެރިކަން ހުންނަ ކުދިންގެ ބެލެނިވެރިން ވަނީ ވަރަށް ބޮޑު ގުރުބާނީއެއްގެ ގޮތުގައި ކުޑޫ ވަނީ ސިފަކުރައްވާފައެވެ.

https://sun.mv/204805

އެ ބައްދަލުވުމުގައި ކަންބޮޑުވުން ފާޅުކުރައްވައި، ވައިކަރަދޫ ދާއިރާގެ އެމްޑީޕީ މެންބަރު ހުސައިން ޒިޔާދު (ފިއްޓޭ) ވިދާޅުވީ، ކުއްޖާގެ މައުލޫމާތުތައް ހިމެނޭ ރިޕޯޓެއް ފިނޭންސް މިނިސްޓްރީއަށް ހުށަހެޅުމުން އެއް އަހަރު ދުވަހަށް ބަޖެޓެއް އެޕްރޫވް ކުރާ ކަމަށެވެ.

އެ ބަޖެޓު އެޕްރޫވްވުމުން ބެލެނިވެރިޔާއަށް އެކަމުގެ މެސެޖު ލިބޭނެ ކަމަށާއި ފައިސާ ދޭން އޮންނަނީ ތިން މަހުން ތިން މަހުން ކަމަށް މެންބަރު ޒިޔާދު ވިދާޅުވިއެވެ.

ނަމަވެސް، މިހާރު ލަސްކަން، ކުރިމަތިވެގެން ތިން މަހުން ދޭން ޖެހޭ ފައިސާ ދެނީ ތިންވަނަ މަހުކަން ޒިޔާދު ފާހަގަކުރެއްވިއެވެ. މިހާރު ފޯމު އެޕްރޫވް ވަނީ ދޮޅު މަހުން ކަމަށްވާއިރު، ފައިސާ ޖަމާވަނީ ވެސް ދޮޅު މަސް ފަހުންނެވެ.

comment ކޮމެންޓް