މާލޭގެ މަގުތައް ހަދަން ސަރުކާރުން ސިޓީ ކައުންސިލަށް ފައިސާދޭނަމަ، މަސައްކަތް އަވަސް ވާނެ: އާޒިމް

މާލޭގެ މޭޔަރު އާދަމް އާޒިމް: -- ސަން ފޮޓޯ/ މޫސާ ނަދީމް

މާލޭގެ މަގުތައް ހެދުމަށް ސަރުކާރުން މާލޭ ސިޓީ ކައުންސިލަށް ފައިސާ ހަމަޖައްސައިދީފިނަމަ، މިހާރަށްވުރެން މާ ބާރަށް އެ މަސައްކަތްކޮށް ނިންމައިލާނެ ކަމުގެ ޔަގީންކަން، މާލޭގެ މޭޔަރު އާދަމް އާޒިމް ދެއްވައިފިއެވެ.

އެސްއެސްޓީވީގެ "ބާރު ހަތަރެއް"ގައި މިރޭ ވާހަކަ ދައްކަވަމުން އާޒިމް ވިދާޅުވީ މާލެއާއި ވިލިމާލޭގެ މަގުތައް ހަލާކުވުމާއި، ވިލިމާލެ ގިރުމުގެ މައްސަލަ ވެސް ސަރުކާރުގެ ސަމާލު ކަމަށް ގެނެސްފައިވާނެ ކަމަށެވެ.

އެހެން ނަމަވެސް މި މައްސަލަތައް ހައްލުކުރުމަށް ކުރަންޖެހޭ އިންފްރާންސްޓްރަކްޗާގެ މަސައްކަތް ކުރެވޭނީ ދައުލަތުގެ ބަޖެޓުން ކަމަށާއި، އެއީ މާލެ ސިޓީ ކައުންސިލްގެ ބަޖެޓުން ހިންގޭ ވަރަށްވުރެ ބޮޑު މަޝްރޫއުތަކެއް ކަމަށް އާޒިމް ވިދާޅުވިއެވެ.

"ވިލިމާލޭގެ މަގުތައް ހަދަންވެފައި ހުރީ، ހަމަ އެ ގޮތަށް މާލޭގެ މަގުތައް ވެސް ހަދަންވެފައި ހުރީ. އެކަމަކު އެ ބަޖެޓު އެ ހުރީ ސަރުކާރުގައި. ސަރުކާރުން އެ ބަޖެޓު އަޅުގަނޑުމެންނަށް އެލޮކޭޓުކޮށްފިއްޔާ، އަޅުގަނޑު މި ދެނީ ޔަގީންކަން ރައްޔިތުންނަށް، މިއަދަށްވުރެ މާ އަވަހަށް، މާ ބާރަށް މާ ފުރިހަމަކޮށް އެ މަސައްކަތްތައް ނިންމަމުން ދާނަން" އާޒިމް ވިދާޅުވިއެވެ.

މާލެ ސިޓީ ކައުންސިލުގެ ބަޖެޓަށް މި އަހަރު ފައިސާ ލިބިފައިވަނީ 23 މިލިއަން ރުފިޔާ މަދުންނެވެ.

އާޒިމް ވިދާޅުވީ ބަޖެޓުގެ ގޮންޖެހުންތައް މާލެ ސިޓީ ކައުންސިލަށް ކުރިމަތިވެފައި އޮތް ނަމަވެސް މާލެއަށް ކުރިމަތި ވެފައިވާ މައްސަލަތަކަށް ހައްލުތައް ހޯދައިދިނުމަށް މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ. އެގޮތުން، މާލޭގެ މަގުތަކުން މިހައިތަނަށް 3،500އަށްވުރެ ގިނަ ކާނުތައް ސާފު ކުރުމާއި، މިސްކިތްތަކުގެ އާބާތުރަ ފިލުވުމާއި، މިސްކިތްތައް ސާފު ކުރުމުގެ އިތުރުން، މަގުތައް މަރާމާތު ކުރުން އާޒިމް ފާހަގަކުރެއްވިއެވެ.

މިފަދަ މަސައްކަތްތަކަށް މާލެ ސިޓީ ކައުންސިލަށް އިތުރު މުވައްޒަފުން ނެގިއިރު، އެ މުވައްޒަފުންގެ މުސާރަ ވެސް ހަމަޖައްސަމުންދަނީ، ކައުންސިލްގެ ބަޖެޓުންކަން އާޒިމް ފާހަގަ ކުރެއްވިއެވެ.

މާލޭގައި މަގުހެދުމުގެ ބޮޑު މަޝްރޫއެއްގެ ގޮތުގައި އެންމެ ފަހުން ކުރިއަށްގެންދިޔައީ އަމީނީ މަގު ހެދުމުގެ މަޝްރޫއެވެ. އެ މަޝްރޫއަކީ 39 މިލިއަން ރުފިޔާއަށް މާލޭސިޓީ ކައުންސިލާ ހަވާލު ކުރި މަޝްރޫއެކެވެ.

ނަމަވެސް، ފަހުން ވަނީ މި މަޝްރޫއުގެ މަަސައްކަތް ސަރުކާރު ކުންފުނި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ)އާ ހަވާލުކޮށްފައެވެ. އެއީ ސިޓީ ކައުންސިލަށް އެ މަސައްކަތް ހަވާލުކުރި ވަރަށް ވުރެ ދެގުނަ އަގު ބޮޑުކޮށް 84 މިލިއަން ރުފިޔާއަށެވެ.

ޕްލޭނިން މިނިސްޓްރީން އާރުޑީސީއަށް ހަވާލު ކުރީ 1.7 ކިލޯމީޓަރުގެ މަގުގައި ތާރު އެޅުމާއި މަގުގައި ފެން ހިންދާ ނިޒާމު ގާއިމުކުރުމާއި މަގު ބައްތި ހަރުކުރުމުގެ މަސައްކަތް ކުރުމަށެވެ. އަދި އެއީ 10 މަސް ތެރޭގައި އެ މަސައްކަތް ނިންމާގޮތަށެވެ.

މި މަސައްކަތް ދިގުދެމިގެން ދިއުމުގެ ސަބަބުން އޭރު ސަރުކާރަށް ފާޑުކިޔުން ވެސް އަމާޒުވިއެވެ.

comment ކޮމެންޓް

comment ނަންރީތި ހުސޭނު

3 month 4 week ago

ދައުލަތުގެ ފައިސާޔައް ތިމާމެންގެ ވެރިކަމުގަ ހެދިގޮތް ބަލާލާފަ އޭގެ ފަހުން މިސަރުކާރުގަ ލާރިދޭންބުނިނަމަ! މިހާރުވެސް ތިދަނީ އަމިއްލަ ކެންޕޭނައް ލާރި އެއްކުރަމުން.

comment މުހައްމަދު

3 month 4 week ago

މާލޭގައި ދުއްވާ އެއްލައްކައަށްވުރެ ގިނަ ސައިކަލުން ކޮންމެ މަހަކު މިދައްކާ ފައިސާގެ ޖުމުލަ 70 މިލިއަނަށްވުރެ މަތި. އަދި އެހެނިހެން ދުއްވާ އެއްޗެހިން ދައްކާ ފައިސާއާއެކު 100 މިލިއަނަށްވުރެ މަތިވާނެ. މިހުރިހާ ފައިސާ ވަންނަނީ ތިޔަ ކައުންސިލުގެ އެކައުންޓަށް. އެފައިސާއިން ކިތައް މަގު ހަދައިފިންތޯ؟ ނޫނީ އެފައިސާއިން ކުރީ ކީއްތޯ؟ އެޑްވައިޒަރުންނަށް މުސާރަ ދެނީތޯ؟

comment ރާވެރިބެ

3 month 4 week ago

ސަހަރާ ހަލާކުކޮށްފަ މިހާރު އެތާ މީހުން ހިނގަން އޮންނަ ބައިވެސް ނަގައިފި. މަޖީދީ މަގަކީ ކާރުބާރު ބޮޑު މަގެއް ކަމުން ހިނގާ މީހުންނަށް ވަރަށް އުނދަގޫވޭ.

comment ނުކިޔަވާ މީހާ

3 month 4 week ago

ސިޓީ ކައުންސިލް އަކީ އަމިއްލަ ކުންފުންޏެއް ތަ؟؟؟؟؟؟؟؟

comment ލލ

3 month 4 week ago

ކަލޭމެން ވައްކަން ކުރަން ދައުލަތުން ފައިސާ ދޭންވީ، މިހާރު ތިޔަތަނަށް ފައިސާ ދެނީ ކޮންބަޔަކު ދައުލަތުގެ ބަޖެޓް ކާލަން ތިޔައުޅެނީ، މީގެ ކުރިންވެސް ވައްކަން މިހާރުވެސް ވައްކަން !

comment ސލހ

3 month 4 week ago

ދެން، މަގުތައް ހަދަނީ އާޒިމް އަމިއްލަ ފައިސާއިންތަ؟

comment ސނ ސޔމ

3 month 4 week ago

ވީ ހޭވް ޗައިނާ. މާލެ ސިޓީ ކައުންސިލު ހޫ؟؟