ދުންފަތުގެ އިސްތިއުމާލުން ދުރުހެލިވުމަށް ޓަކައި މިދިޔަ އަހަރުގެ ޖެނުއަރީން ފެށިގެން މި އަހަރުގެ މާޗު މަހުގެ ނިޔަލަށް 492 މީހުން ސެޒޭޝަންގެ ޚިދުމަތް ހޯދާފައިވާ ކަމަށް ހެލްތު މިނިސްޓްރީން ބުނެފިއެވެ.
އެ މިނިސްޓްރީންވަނީ މިދިޔަ އަހަރުގެ ޖެނުއަރީން ފެށިގެން މި އަހަރުގެ މާޗުގެ ނިޔަލަށް، ސެޒޭޝަނުގެ ޚިދުމަތް ހޯދާފައިވާ މީހުންގެ އަދަދުތައް ހާމަކޮށްފައެވެ. މިނިސްޓްރީން އާންމުކުރި ތަފާސްހިސާބުން ދައްކާ ގޮތުގައި އެންމެ ގިނަ އަދަދެއްގެ މީހުން އެ ޚިދުމަތް ހޯދީ އައިޖީއެމްއެޗުންނެވެ.
2024ގެ ޖެނުއަރީން ފެށިގެން 2025ގެ މާރިޗަށް ސެޒޭޝަނުގެ ޚިދުމަތް ހޯދި އަދަދު
- އައިޖީއެމްއެޗް - 288
- ހުޅުމާލޭ ހޮސްޕިޓަލް - 110
- ދަމަނަވެށި - 74
- އޭޑީކޭ - 20
މި ސަރުކާރުން ވަނީ ރާއްޖޭގައި ދުންފަތް ކޮންޓްރޯލް ކުރުމަށް ޓަކައި، ސިނގިރެޓުން ނަގާ ޑިއުޓީ ބޮޑުކޮށް، ރާއްޖޭގައި ވޭޕު ވެސް މަނާކޮށްފައެވެ.
އަދި 2007އިން ފެށިގެން އުފަންވާ ކުދިންނަށް ސިނގިރެޓު މަނާކުރުމަށް ޓަކައި 'ޖެނެރޭޝަނަލް ބޭން'އެއް ތަންފީޒު ކުރުމަށް ވެސް ވަނީ ނިންމައިފައެވެ.
ދުންފަތް ކޮންޓްރޯލްކުރުމާބެހޭ ގާނޫނުގެ ދަށުން ދުންފަތުގެ ބާވަތެއް ރާއްޖޭގައި އުފެއްދުމަކީ މަނާކަމެކެވެ. އެ ފަދަ ތަކެތި ރާއްޖެއަށް އެތެރެ ކުރުން މަނާވާނެއެވެ.
އެހެން ނަމަވެސް ރާއްޖޭގައި ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ގާނޫނުގައިވާ ގޮތުގައި، ދުންފަތުން ދުރުހެލިވުމަށް ސެޒޭޝަން ފަރުވާގެ ތެރެއިން ދެވޭ އަދި ކަމާ ބެހޭ ފަންނީ އިދާރާތަކުން ކަނޑައަޅައި ހުއްދަކޮށްފައިވާ ނިކޮޓިން ރިޕްލޭސްމަންޓް ތެރަޕީ ނުވަތަ ފަރުވާގެ ގޮތުގައި ބޭނުންކުރާ މި ކަހަލަ އެހެން ބާވަތްތައް މި ގާނޫނުގެ ބޭނުމަށް ދުންފަތުގެ ބާވަތްތައް ކަމަށް ނުބެލެވޭނެ އެވެ.