ޝާހްރުކް ޚާން މުހިއްމު ރޯލެއް ކުޅޭ ދަރިފުޅު ސުހާނާ ޚާންގެ ފުރަމަ ތިއޭޓަ ފިލްމު "ކިންގް"ގެ ކާސްޓާ ބޮލީވުޑްގެ އެކްޓަރު އަރުޝަދު ވާސީ ގުޅިފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
ފިލްމުގައި އަރުޝަދު ކުޅެން ހަމަޖެހިފައިވާ ރޯލަކީ ފިލްމަށް ވަރަށް މުހިއްމު ރޯލެއް ކަމަށް ފިލްމީ ޚަބަރުތައް ގެނެސްދޭ ޕީޕިންގް މޫންގައި ވަނީ ބުނެފައެވެ. ނަމަވެސް އަރުޝަދު "ކިންގް"ގައި ކުޅޭ ރޯލާ ބެހޭ މައުލޫމާތު ސިއްރު ކުރެވިފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.
ޝާހު އާއި އަރުޝަދު އަކީ ވަރަށް ގާތް ރަހްމަތްތެރިން ނަމަވެސް މިއީ ޝާހު އާއި އަރުޝަދު އެކީގައި ސްކްރީނުން ފެންނާނެ އަދި އެކީގައި މަސައްކަތްކުރާ ފުރަތަމަ ފިލްމެވެ. ޝާހު ވަނީ އަރުޝަދު މުހިއްމު ރޯލެއް ކުޅުނު ފިލްމު "ކުޗް ކައްޓާ ކުޗް މީޓާ ހޯ ޖާއޭ"ގެ ގެސްޓް އެޕިއަރެންސަކުން ފެނިފައެވެ.

ޝާހުގެ ފިލްމު "ކިންގް"ގެ ލީޑް ރޯލްއިން ފެންނާނެ އެކްޓަރު ދަރިފުޅު ސުހާނާ ޚާން--ފޮޓޯ/ޕިންކްވިލާ
ފިލްމު "ކިންގް" އަކީ ނެޓްފްލިކްސްއިން ގެނެސްދިން "ދަ އާޗީސް"އަށްފަހު ސުހާނާ ބޮޑު ސްކްރީނުން ބެލުންތެރިންނަށް ފެންނާނެ ފުރަތަމަ ފިލްމެވެ. ޝާހްރުކްގެ އާއިލީ ކުންފުނި ރެޑް ޗިލީސް އާއި މާފްލިކްސް ގުޅިގެން އުފައްދާ "ކިންގް"އަކީ ވަރަށް ބޮޑު ބަޖެޓަކުން ގެނެސްދޭ ވަރަށް ވަރުގަދަ އެކްޝަން ތުރިލާއެކެވެ.
ރިޕޯޓުތަކުން ބުނެފައިވާ ގޮތުގައި މި ފިލްމު އުފައްދަނީ ވަރަށް ބޮޑު ބަޖެޓަކުންނެވެ. ފިލްމާ ގުޅޭ ގިނަ ކަންކަން ވަރަށް ބޮޑަށް ސިއްރު ކުރެވިފައިވާއިރު ޝާހު ބޭނުންވަނީ ދަރިފުޅު ސުހާނާގެ ފުރަތަމަ ބޮޑު ސްކްރީން ފިލްމު އުފެއްދުމުގައި ވީހާވެސް ފުރިހަމައަށް ހުރިހާ ކަންކަން ކުރިއަށް ގެންދިއުމަށް ކަމަށް ރިޕޯޓުތައް ބުނެއެވެ.
މި ފިލްމު ގެނެސް ދެވަނަ ކުންފުނި މާފްލިކްސް ކުންފުންޏަކީ ޝާހުގެ ކެރިއަރުގެ އެންމެ ބޮޑު ކާމިޔާބީއެއް ލިބުނު "ޕަތާން"ގެ ޑައިރެކްޓަރު ސިދާތު އާނަންދުގެ ފިލްމު ކުންފުންޏެކެވެ.