ވިޔަފާރި އުސޫލުން މޫދު ވިނަ އާލާކުރުމުގެ މަޝްރޫއެއް ފުރަތަމަ ފަހަރަށް އިފުތިތާހުކޮށްފި

މޫދުވިނަ އާލާކުރުމަށް ފެށި މަޝްރޫއުގެ ތެރެއިން މިނިސްޓަރު ޝިޔާމް ---- ފޮޓޯ/ ފިޝަރީސް މިނިސްޓްރީ

ރާއްޖޭގައި ފުރަތަމަ ފަހަރަށް ވިޔަފާރި އުސޫލުން މޫދު ވިނަ އާލާކުރުމުގެ މަޝްރޫއެއް މިއަދު އިފުތިތާހުކޮށްފިއެވެ.

ބ. ފެހެންދޫގައި ވިޔަފާރި އުސޫލުން މޫދުވިނަ އާލާކުރުމަށް ފްލޯޓިންގް އޭކާސް އިން ކުރިޔަށްގެންދާ މި މަޝްރޫއު އިފުތިތާހުކޮށްދެއްވީ ފިޝަރީސް މިނިސްޓަރު އަހުމަދު ޝިޔާމެވެ.

މޫދު ވިނަ އަލާކަުުރުމަށް ފެށި މަޝްރޫއުގައި މިނިސްޓަރު ޝިޔާމް --- ފޮޓޯ/ ފިޝަރީސް މިނިސްޓްރީ

ފިޝަރީސް މިނިސްޓްރީން ބުނީ، މި މަޝްރޫއަކީ ކަނޑުގެ ވަސީލަތްތައް ބޭނުންކޮށްގެން އިގުތިޞާދީ މަސައްކަތް ފުޅާކުރުމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު ކަނޑައަޅުއްވާފައިވާ ސިޔާސަތު ތަންފީޒުކޮށް، މެރިކަލްޗާ ސިނާއަތަކީ ދިވެހީންނަށް އިގްތިޞާދީ ނަފާ ލިބޭ ސިނާއަތަކަށް ހެދުމަށް ކުރެވޭ މަސައްކަތުގެ ތެރެއިން ކަމެއް ކަމަށެވެ.

މި މަޝްރޫއުގެ ސަބަބުން މެރިކަލްޗާ ދާއިރާގައި އިތުރު މަޝްރޫއުތައް ތަރައްޤީކުރުމަށް މަގުފަހިވެގެންދާނެ ކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.

މޫދު ވިނަ އާލާކުރުމަށް ފެށި މަޝްރޫއުގެ ތެރެއިން ---- ފޮޓޯ/ ފިޝަރީސް މިނިސްޓްރީ

އޭގެ ނަތީޖާއެއްގެ ގޮތުން، ރަށުގައި ތިބެގެން ޒުވާނުންނާއި އަންހެނުންނަށް އައު ވަޒީފާގެ ފުރުޞަތުތައް ހުޅުވޭނެ ކަމަށާއި ޤައުމުގެ އެކްސްޕޯޓް އާމްދަނީ އިތުރުވާނެ ކަމަށާއި ޒަމާނީ ޓެކްނޮލޮޖީ ރާއްޖެއަށް ތަޢާރަފުވެ، ދިވެހިންނަށް އައު ހުނަރުތައް ދަސްކުރުމުގެ ފުރުޞަތު ލިބޭނެ ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.

މޫދުވިނަ އާލާކުރުމަށް ފެށި މަޝްރޫއުގެ ތެރެއިން ---- ފޮޓޯ/ ފިޝަރީސް މިނިސްޓްރީ

މީގެއިތުރުން، ދިވެހިރާއްޖެއަކީ 99 އިންސައްތަ ކަނޑު ހިއްސާކުރާ ޤައުމަކަށްވާއިރު، ކުރިއަށް އޮތް އަހަރުތަކުގައި ގިނަ ރަށްރަށުގައި މޫދުވިނަ އާލާކުރުމުގެ މަސައްކަތް ފެށި، ރާއްޖޭގެ އިޤްތިޞާދަށް ބޮޑު ކުރިއެރުމެއް ލިބޭނެ ކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.

މިނިސްޓްރީން ބުނީ، މީގެކުރިން ވެސް މިބާވަތުގެ މޫދު ވިނަ އާލާކުރެވިދާނެތޯ ބެލުމަށް މަޝްރޫއެއް ހިންގި ކަމަށެވެ. އެ މަޝްރޫޢު ނިމުމުން ޝާއިޢުކުރި ރިޕޯޓާ ހަވާލާދީ މިނިސްޓްރީން ބުނީ، މޫދު ވިނައަކީ ކާމިޔާބު ކަމާއެކު ރާއްޖޭގައި އާލާކުރެވޭނެ ބާވަތެއް ކަމަށެވެ.

comment ކޮމެންޓް